މާލީ ހާލަތު ތަންދޭނަމަ އަންނަ ސީޒަނުގައި މެސީ ބާސެލޯނާއަށް ގެންނާނަން: ބާސާގެ ނައިބު ރައީސް

މެސީ ޕީއެސްޖީ މެޗެއްގައި--- ފޮޓޯ: ފުޓްބޯލް365

މާލީ ހާލަތު ތަންދޭނަމަ އަންނަ ސީޒަނުގައި ލިއޮނެލް މެސީ ބާސެލޯނާއަށް ގެންނާނޭކަމަށް ބާސެލޯނާގެ ނައިބު ރައީސް ވިދާޅުވެއްޖެއެވެ.

ކެޓަލޫނިއާގެ ރޭޑިއޯއަކަށް ދެއްވި އިންޓަވިއުއެއްގައި ބާސެލޯނާގެ ނައިބު ރައީސް އެޑުއާޑް ރޮމެއު ވިދާޅުވީ، އެ ކުލަބުގެ މާލީ ހާލަތު ތަންދޭނަމަ އަލުން އަނބުރާ މެސީ އެ ކުލަބަށް ގެންނާނޭކަމަށެވެ. ރޮމެއު ވިދާޅުވީ އޭނާ މިހެން ދެންނެވި ނަމަވެސް މެސީ ބާސެލޯނާއަށް ގެނަން ނިންމާނީ އެ ކުލަބުގެ ކޯޗިން ސްޓާފުންނާއި، ކުޅުންތެރިންކަމަށެވެ.

މެސީ އަލުން ބާސެލޯނާއަށް ގެނައުމާ ގުޅޭގޮތުން އެ ކުލަބުގެ ނައިބު ރައީސް ވާހަކަދައްކަވާފައިވާއިރު، ބާސާގެ ރައީސް ޖޯން ލަޕޯޓާވެސް ވަނީ މެސީ އެ ކުލަބަށް ގެނައުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އީއެސްޕީއެންގައި ވާހަކަދައްކަވަމުން ލަޕޯޓާ ވިދާޅުވީ، ބާސެލޯނާގެ ދޮރުތައް އަބަދުވެސް މެސީއަށް ހުޅުވިފައި ހުންނާނޭކަމަށެވެ.

ބާސެލޯނާގެ ބްރޭންޑެއްގެ ގޮތުގައި ދުނިޔެ ބަލައިގަތް މެސީ މިދިޔަ އަހަރު ބާސެލޯނާ ދޫކޮށްލީ އެ ކުލަބުގެ މާލީ ހާލަތު އޭރު ހުރިގޮތުން ކޮންޓްރެކްޓް އާކޮށް މެސީ ބެހެއްޓޭނޭ އެއްވެސް ގޮތެއް ނެތިގެންނެވެ. މިކަމުގައި މައްސަލައަކަށް ވީ ބާސެލޯނާގެ ޤަވާއިދުތަކެވެ. އެއީ ބާސާގެ ޖުމްލަ މުސާރަތައް ބޮޑުވެފައިވާތީވެ، ކުޑަ މުސާރައެއް ދީގެންވެސް ކޮންޓްރެކްޓް އައުނުކުރެވޭނޭކަމަށް ޤަވާއިދުގައި ބުނާތީއެވެ.

އާޖެންޓީނާގެ ޤައުމީޓީމުގެވެސް ކެޕްޓަން ލިއޮނެލް މެސީ ބާސެލޯނާއާ ގުޅުނީ އޭނާގެ އުމުރުން 13 އަހަރުގައެވެ. ބާސެލޯނާގައި 21 އަހަރު ހުރުމަށްފަހު މެސީ އެ ކުލަބު ދޫކޮށް ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވީ މިދިޔަ އަހަރެވެ.

comment ކޮމެންޓް