މިއަހަރު ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް 4.6 ބިލިއަން ރުފިޔާ ހަރަދުކޮށްފި

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް

އޯގަސްޓު މަހުގެ ނިޔަލަށް މިއަހަރު ތެރޭ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް 4.6 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވީ ސަރުކާރުން ޕީއެސްއައިޕީ ޕްރޮޖެކްޓު ތަކަށް ހާއްސަ ސަމާލުކަމަކާއި އިސްކަމެއް ދީގެން ކުރިއަށްދާ ކަމަށެވެ.

މިއުވާން ވިދާޅުވީ ސަރުކާރު ފެށި ފަސް އަހަރުގެ ތެރެއިން ހަތަރު އަހަރު ފުރިހަމަވުމާ ގާތްވެފައިވާއިރު، މިހާރު ވެސް ގިނަ ޕީއެސްއައިޕީ ޕްރޮޖެކްޓް ތަކެއް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިހާރު ރާއްޖޭގެ 118ރަށެއްގައި ޕީއެސްއައިޕީގެ ޕްރޮޖެކްޓްތައް ކުރިއަށް ދާ ކަމަށާއި ސިއްހީ ދާއިރާއިން ވެސް 28 ޕްރޮޖެކްޓެއް މިހާރު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް 4.6 ބިލިއަން ރުފިޔާ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ޚަރަދު ކުރެވިފައިވާ ކަމަށާއި އެއީ ޕީއެސްއައިޕީ މަޝްރޫއުތަކަށް މިއަހަރު ކަނޑައެޅި ބަޖެޓުގެ 76 ޕަސެންޓް ކަމަށް މިއުވާން ވިދާޅުވިއެވެ.

"ބޯހިޔާވަހިކަމަށް 477 މިލިއަން ރުފިޔާއަށް ވުރެ ގިނަ މަޝްރޫއު ވަނީ ހިންގާފަ. ބިން ހިއްކުމާއި، މަގު ހެދުމުގެ 718.2 މިލިއަން ރުފިޔާގެ މަޝްރޫއު ވަނީ ކުރިއަށް ގެންގޮސްފަ،" މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ މަޝްރޫއުތައް ނުފެށި އެހެނިހެން މަރުހަލާތަކުގައި ވެސް އަދި ބައިވަރު ޕީއެސްއައިޕީ ޕްރޮޖެކްޓްތައް އެބަހުރި ކަމަށެވެ.

ނަމަވެސް އެ މަޝްރޫއުތަަކުގެ މަަސައްކަތް މި ދައުރުގައި ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މި ސަރުކާރުން ކުރާ މަސައްކަތް ރައްޔިތުން ބަލައިގެންފި ކަމަށާއި އަސާސީ ބޭނުންތަށް ނުފުދިގެން ކުރާ ޝަކުވާ މިހާރު ރައްޔިތުން ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރުވެސް ސަރުކާރުން ދަނީ ޕީއެސްއައިޕީގެ ޕްރޮޖެކްޓުތަކުން ވެސް ނުނިމި ހުރި ޕްރޮޖެކްޓުތަކުގެ މަސައްކަތް ހަލުވި ކަމާއެކު ކުރަމުން ކަމަށް މިއުވާން ވިދާޅުވިއެވެ.

ނަމަވެސް ދުނިޔޭގެ އިގްތިސާދަށް ކުރަމުންދާ އަސަރު ރާއްޖޭގެ މަޝްރޫއުތަކަށް ވެސް ކުރާ ކަމަށާއި ތަކެތި ގެނައުމުގައި ހުރި ގޮންޖެހުންތަކާއި ތަކެތީގެ އަގު ބޮޑުވުން ފަދަ ކަންކަން ފާހަގަ ކުރެވޭކަމަށް މިއުވަން ވިދާޅުވިއެވެ.

އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބޮޑުތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި ވެސް ވަނީ ރާއްޖޭގެ ރަށްތަކުގެ އާބާދީގެ ކުޑަ އަދި ބޮޑު މިނެއް ބެލުމެއް ނެތި، ރައްޔިތުން ތަފާތު ކުރުމެއް ނެތި ހަމަހަމަ ކަަމާއެކު ކޮންމެ ރަށަކަށް ވެސް މަޝްރޫތައް ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ މެނިފެސްޓޯއަށް ވުރެ ބޮޑަށް އިސްކަންދޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ޕީއެސްއައިޕީ މަޝްރޫތަކުގެ އިތުރުން މިއަދު މިއުވާން ވަނީ ކުރިއަށް އޮތް ހަފުތާގައި އޮތް މުހިއްމު ކަންކަން ވެސް ނޫސްވެރިންނާ ހިއްސާކުރައްވާފައެވެ.

އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރުމާ ގުޅިގެން ބާއްވާ އެކި ހަރަކާތްތަކުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ތެރޭގައި ފަތުރުވެރިކަމުގެ އެޕްރިސިއޭޝަން ނައިޓްގައި މިރޭ ރައީސް ބައިވެރިވަޑައިގަންނަވާކަމަށް މިއުވާން ވިދާޅުވިއެވެ.

comment ކޮމެންޓް