'ގޭންގްސްޓާސް ޕެރެޑައިސް' ލަވައިން މަޝްހޫރުވި ކޫލިއޯ މަރުވެއްޖެ

އެމެރިކާގެ މަޝްހޫރު ރެޕާ ކޫލިއޯ، 59، މަރުވެއްޖެއެވެ.

ކޫލިއޯގެ މެނޭޖަރު ބުނި ގޮތުގައި އޭނާ މަރުވެފައި އޮއްވާ ފެނުނީ ރައްޓެއްސެއްގެ ގޭގައެވެ. ނަމަވެސް އޭނާ މަރުވީ ކޮން އިރަކު ކިހިނެއް ކަމެއް ހާމަކޮށްފައި ނުވެއެވެ.

ކޫލިއޯގެ އަސްލު ނަމަކީ އާޓިސް ލިއޯން އައިވީ ޖޫނިއާއެވެ. އޭނާ ގިނަ ބަޔެއްގެ މެދުގައި މަގުބޫލުވީ 1995 ވަނަ އަހަރު ނެރުނު ލަވަ ގޭންގްސްޓާސް ޕެރެޑައިސް އިންނެވެ. އެ ލަވައަށް, މިއުޒިކީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ގްރެމީ އެވޯޑެއް ލިބިފައިވެއެވެ. ކޫލިއޯއަށް އެވޯޑް ލިބުނީ 'ބެސްޓް ސޯލޯ ރެޕް ޕާފޯމެންސް'ގެ ކެޓަގަރީންނެވެ.

ގޭންގްސްޓާސް ޕެރެޑައިސް ލަވަ، މިޝޭލް ފައިފާ އެކްޓުކޮށްފައިވާ 'ޑޭންޖަރަސް މައިންޑްސް' ފިލްމުގައި ބޭނުންކޮށްފައިވެއެވެ.

މިއުޒިކީ ދާއިރާއަށް 1980ގެ އަހަރުތަކުގައި ނުކުތް ކޫލިއޯ އޭގެ ފަހުން ފަސް ގްރެމީ އެވޯޑަކަށް ނޮމިނޭޓުވެފައިވެއެވެ. އޭނާ އެ ދާއިރާއިން ކުރިއަރަން ފެށީ 1994ގައި އޭނާގެ ފުރަތަމަ އަލްބަމް 'އިޓް ޓޭކްސް އަ ތީފް' ނެރުމުންނެވެ. އެ އަލްބަމްގެ 'ފެންޓާސްޓިކް ވޮޔޭޖް' ލަވަ 'ބިލްބޯޑް ހޮޓް 100'ގެ ތިން ވަނައަށް އެރިއެވެ.

އޭގެ ޖެހިގެން އައި އަހަރު ގޭންގްސްޓާސް ޕެރެޑައިސް ނެރުމުން އެ ލަވަ ބިލްބޯޑްގެ އެއް ވަނައަށް އެރިއެވެ. އަދި އެ ލަވަ ޔޫޓިއުބުން މީހުން ބަލާފައިވާ އަދަދު ވަނީ މި އަހަރުގެ ކުރީކޮޅު އެއް ބިލިއަނަށް އަރައިފައެވެ.

"ފާއިތުވި އަހަރުތަކުގައި އަހަންނާ އެއްކޮށް ތިބެ، އަހަންނަށް ދެއްކި ލޯތްބަށް އެންމެންނަށް ޝުކުރު އަދާ ކުރަން،" ޔޫޓިއުބުން ލިބުނު ތަރުހީބާ ގުޅިގެން ކޫލިއޯ ބުނެފައިވެއެވެ.

ކޫލިއޯ މަރުވުމުން ހިތާމަ ފާޅުކުރި މީހުންގެ ތެރޭގައި ފައިފާ އާއި ރެޕާ އައިސް ކިއުބް ހިމެނެއެވެ. ފައިފާ ވަނީ ކޫލިއޯއަކީ ވަރަށް ހުނަރުވެރި އާޓިސްޓެއްގެ ގޮތުގައި ސިފަކޮށް، ގޭންގްސްޓާސް ޕެރެޑައިސް އަޑު އެހުމުން މިހާރު ވެސް ހީބިހި ނަގާ ކަމަށް ބުނެފައެވެ. އަދި އައިސް ކިއުބް ވަނީ ކޫލިއޯ މަރުވި ޚަބަރު އިވުމުން ވަރަށް ދެރަވާ ކަމަށާއި މިއުޒިކީ ދާއިރާގެ އެންމެ އުހަށް ވާސިލުވާން އޭނާ ކުރި ބުރަ މަސައްކަތް ވަރަށް ގާތުން ފެނުނު ކަމަށް ބުނެފައެވެ.

ފަހުގެ އަހަރުތަކުގައި ކޫލިއޯ ވަނީ އެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އެގޮތުން ބައެއް ފިލްމުތަކާއި ޓީވީ ޝޯތަކުން އޭނާ ފެނިފައިވެއެވެ.

މީގެ އިތުރުން ކޫލިއޯ ވަނީ ރިއާލިޓީ ޝޯ ބިގް ބްރަދާގައި ވެސް ބައިވެރިވެ، އޮންލައިންކޮށް ދައްކާ ކުކިން ޝޯއެއް އުފެއްދުމުގައި ބައިވެރިވެފައެވެ. އަދި ތަފާތު ކާނާ ތައްޔާރު ކުރާނެ ގޮތް ކިޔައިދީފައިވާ ފޮތެއް ނެރެ، ސެލެބްރިޓީ ކުކިން ޝޯތަކުގައި ވެސް އޭނާ ބައިވެރިވެފައިވެއެވެ.

comment ކޮމެންޓް