ޔުނީފޯމާއެކު މޫދަށް އެރި ޓޫރިސްޓް ސަލާމަތް ކުރުމުން ތައުރީފު!

ގުރައިދޫގައި އޮޔާދަމައިގަތް ޓޫރިސްޓް ސަލާމަތް ކުރަނީ: ފޮޓޯ: ގުރައިދޫ ކައުންސިލް

ކ. ގުރައިދޫގައި ސްނޯކްލިންއަށް ގޮސް އުޅުމުގެ ތެރެއިން އޮޔާ ދަމައިގަތް ޓޫރިސްޓަކު ސަލާމަތް ކުރި ފުލުސް މީހާއަށާއި އާއްމުންނަށް ގިނަ ބަޔަކު ތައުރީފު ކޮށްފިއެވެ.

މިއަދު ހެނދުނު ގުރައިދޫ އުތުރުކޮޅު، ކޮކޯ އައިލެންޑް ރިސޯޓާ ވީ ފަޅިއަށް މޫދަށް އެރި އުޅެނިކޮށް އޮޔާދަމައިގެންފައިވަނީ ރަޝިއާގެ ޓޫރިސްޓެކެވެ. އޭނާ މޫދަށް އެރި އުޅުނީ އަންހެނުންނާއި ދަރިފުޅާއެކުއެވެ.

ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދު މިއަދު "ސަން"އަށް ވިދާޅުވީ އެ ހާދިސާގައި އޮޔާ ދަމައިގަތީ 40 އަހަރުގެ އެ ޓޫރިސްޓް މީހާ އެކަނި ކަމަށެވެ. އެއާއެކު އޭނާގެ އަންހެނުން އެހީއަށް އެދި ގޮވުމުން އެ ސަރަހައްދުގައި އުޅުނު ދެ ޒުވާނުންނާއި ފުލުހަކު މޫދަށް އެރި އެ ޓޫރިސްޓް މީހާ ސަލާމަތް ކުރީ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުރައިދޫގައި އޮޔާދަމައިގަތް ޓޫރިސްޓް ސަލާމަތް ކުރަނީ: ފޮޓޯ: ގުރައިދޫ ކައުންސިލް

"ވަގުތުން އެ ޓޫރިސްޓް މީހާ ސިއްހީ މަރުކަޒަށް ގެންދިޔަ. ވަރަށް ބޮޑަށް ވަރުބަލި ވެފައި ހުރީ. އިތުރު ސިއްހީ މައްސަލައެއް ނެތް ދިމާވެފައެއް. މިހާރު ދޫވެސް ކޮށްލައިފި،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ފޮޓޯއިން ފެންނަ ގޮތުގައި އެ ރަށުގައި މަސައްކަތް ކުރާ ފުލުހެއް ކަމަށްވާ އަޙްމަދު އަމަން އަބްދުﷲ މޫދަށް އެރުނީ ފުލުހުންގެ ރަސްމީ ޔުނީފޯމާއެކުއެވެ. އޭނާއާއެކު ދެން ތިބީ ދިވެހި ދެ ޒުވާނުންނެވެ.

ގުރައިދޫ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައި އެ ފޮޓޯތައް ހިއްސާކޮށްފައިވާއިރު ގިނަ ބަޔަކު އަންނަނީ އެ ޕޯސްޓް ޝެއާކޮށް އެކަމުގައި ބައިވެރިވި މީހުންނަށް ތައުރީފު ކުރަމުންނެވެ. އެ ތިން ޒުވާނުން ދެއްކީ އިންސާނިއްޔަތު ކަމުގެ ނަމޫނާ ކަމަށް ތައުރީފު ކުރި މީހުން ބުންޏެވެ.

ގުރައިދޫގައި ޓޫރިސްޓުންނަށް ހާއްސަ ކޮށްފައިވާ އެ ސަރަހައްދަކީ އާއްމުކޮށް ވެސް އޮއެގަދަ ސަރަހައްދެއް ކަމަށް ކައުންސިލުން ބުނެއެވެ. ލައިފް ގާޑުންގެ ހިދުމަތެއް ވެސް އަދި އިރުޝާދެއް ވެސް އެ ސަރަހައްދުގައި އަދި ބަހައްޓާފައި ނުހުންނައިރު އެކަމާ މެދު ވިސްނާނެ ކަމަށް ކައުންސިލުން ބުނެއެވެ.

ދެ ރިސޯޓެއް ވެސް ގުރައިދޫ ކައިރީގައި ހިންގާއިރު އެ ރަށުގައި 23 ގެސްޓް ހައުސް ހުރެއެވެ. އެ ގެސްޓް ހައުސްތަކުގައި މި ވަގުތުވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން އެބަތިއްބެވެ.

comment ކޮމެންޓް