އެއްފަހަރާ 57 ޓަނު ކިރުވައިގެން މަޑަވެލީ ދޯންޏަކުން މިފްކޯގެ ރެކޯޑު ހަދައިފި

ޓީއެސް ލައިން ދޯނިން ކޫއްޑޫއަށް މަސްކިރުވި ކަމުގެ ލިޔުމާ ހަވާލުވަނީ --- ފޮޓޯ/ ޓްވިޓާ

ގދ. މަޑަވެލީ، ޓީއެސް ލައިން ދޯނިން އެއްފަހަރާ 57 ޓަނުގެ މަސް މިފްކޯއަށް ކިރުވައިގެން، އެއްދުވަހާ އެންމެ ގިނަ މަސް ކިރުވި ދޯނީގެ ރެކޯޑު ހަދައިފިއެވެ.

މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އެދޯނިން ކިރުވި މަހަށް 971،548 ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ ދެކުނަށް މޫސުން އެހާ ރަނގަޅު ދުވަސްވަރެއް ނޫން ކަން ވެސް ފައުޒީ ފާހަގަކުރެއްވިއެވެ.

ފައުޒީ ވިދާޅުވި ގޮތުގައި އެ ދޯންޏަކީ މިދިޔަ އަހަރު މިފްކޯއަށް އެންމެ ގިނައިން މަސް ކިރުވި ދޯނި ވެސްމެއެވެ. އެގޮތުން، މިދިޔަ އަހަރު ޖުމްލަ 1024 ޓަނަށް ވުރެ ގިނަ މަސް އެ ދޯނިން މިފްކޯއަށް ވަނީ ކިރުވާފައެވެ.

އެއްފަހަރާ 80 ޓަނުގެ މަސް ރައްކާކުރެވޭ އެ ދޯނި މިއަދު ވެސް ވަނީ މަހަށް ނުކުމެފައެވެ.

ޖޫން ޖުލަައި ވިއްސާރައަށް ފަހު، މި ދުވަސްވަރަކީ ދެކުނުގެ މަސްވެރިކަން އަނެއްކާ ވެސް ރަނގަޅު ދުވަސްކޮޅެކެވެ. އެއާއެކު، މަސް ކިރުމާއި، އައިސް ލިބުމަށް ހުރި ދަތިތަކުގެ ޝަކުވާ މަސްވެރިން އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް