ސިނަމާލެ ބްރިޖް: 21 އަހަރަށް ފަހު ހަގީގަތަކަށްވެ، ރާއްޖޭގެ ތަރައްގީއަށް އައި އިންގިލާބެއް

ސިނަމާލެ ބްރިޖް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދޫދޫ މަތިން ނަމަވެސް ދެކެވޭ ވާހަކައަށް ބަލާއިރު ދިވެހިރާއްޖޭގައި ބްރިޖެއް އެޅުމުގެ ވާހަކައަކީ ކުރީގެ ރައީސް މުޙައްމަދު އަމީންގެ ޒަމާނުއްސުރެ ދެކެވެމުން އަންނަ ވާހަކައެއް ކަމަށް ބުނެއުޅެއެވެ. ކުރީގެ ރައީސް މައުމޫނު ޢަބްދުލް ގައްޔޫމުގެ ވެރިކަމުގައި ވެސް މާލެ އާއި ހުޅުލެ ގުޅައިލުމަށް ވާހަކަތައް ދެކެވެން ފެށުނެވެ. އަދި 2008 ވަނަ އަހަރު، ހުޅުލެ އާއި މާލެ ގުޅާލާ ބުރިޖުގެ ޚިޔާލު ކުރެހުމެއް ނުވަތަ ވީޑިއޯއެއްގެ ސިފައިގައި ދިވެހީންނަށް ފެނިގެންދިޔައީ އެ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ގެނެސްދެއްވި މެނިފެސްޓޯއިންނެވެ.

އެއަށްފަހު ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި، ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމުގެ ގޮތުން ވަޒީރުންގެ މަޖިލީހުން ވަނީ މާލެއާއި ހުޅުލެ ގުޅާލަން ބުރިޖު އެޅުމަށް ނިންމާފައެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި ބްރިޖް އެޅުމަށް އަމަލީ މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

ޗައިނާގެ ޕްރިމިއާ ވެން ޖިގަބޫއާއެކު ބްރިޖު މަޝްރޫއުގެ ފުރަތަމަ މަޝްވަރާތައް ބާއްވަވާފައިވަނީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައެވެ.

ރައީސް ވަހީދުގެ ވެރިކަން ނިމި، 2013 ވަނަ އަހަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ގައްޔޫމު އެ އަހަރުގެ ރިޔާސީ އިންތިޚާބަށް ނިކުމެ ވަޑައިގެންނެވީ ބޭބޭފުޅު މައުމޫންގެ އެ ތަސައްވަރު ހަގީގަތަކަށް ހެއްދެވުމަށް އަޒުމު ކަނޑައަޅުއްވައިގެންނެވެ. އަދި އެ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ރައީސް ޔާމީނުގެ ވެރިކަމުގައި ބުރިޖާ ގުޅޭ އަމަލީ މަސައްކަތް ފެށިގެން ދިޔައެވެ.

ސިނަމާލެ ބްރިޖުގައި އެމްއެންޔޫއިން ބޭއްވި ދަސްވެނިވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭގެ ޖެހިގެން އައި އަހަރު ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވިއެވެ. އަދި އެގައުމުން ބުރިޖު އަޅަން އެހީ ފޯރުކޮށްދޭނެކަން އެ މަނިކުފާނު އިއުލާންކުރެއްވިއެވެ.

އެއަށް ފަހު، ޖުލައި 9، 2015ގައި ހުޅުލެއާއި މާލެ ގުޅައިލުމަށް ބުރިޖެއް އަޅަން ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރިއެވެ. ބްރިޖު އަޅާ ކުންފުނި ކަނޑައަޅައި އެކަމުގެ އެއްބަސްވުމުގައި ޗައިނާ އާއި ރާއްޖެއިން ސޮއިކުރީ ނޮވެމްބަރު 13، 2015ގައެވެ.

ބްރިޖުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދަން ތިން ކުންފުންޏެއް ޝޯޓްލިސްޓް ކުރި އިރު އެ މަޝްރޫއު ކުރިއަށް ގެންދިޔަ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންއާ މަސައްކަތް ހަވާލުކުރީ ނޮވެމްބަރު 23، 2015ގައެވެ.

އެދުވަހު ސޮއި ކުރި އެއްބަސްވުމުގެ ދަށުން "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު" ނުވަތަ ޗައިނާއާއި ރާއްޖެ އާ ދެމެދު އޮންނަ އެކުވެރިކަން ރަމްޒުކޮށްދޭ ބްރިޖުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދާފައި ވަނީ ޗައިނާ ސަރުކާރުންނެވެ. "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް"ގެ ނަމުން އެ ބްރިޖަށް ނަން ދެއްވާފައިވަނީ ރައީސް ޔާމީނެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީ އާއި ރާއްޖޭގެ ސަރުކާރުގެ ބަޖެޓުން އަދި ޗައިނާގެ ލޯނު އެހީގައި އެޅި ބްރިޖު މަޝްރޫއަށް 200 މިލިއަން ޑޮލަރު ވަނީ ޚަރަދުވެފައެވެ.

ސިނަމާލޭ ބްރިޖުގެ މަސައްކަތް ނިންމާ ރަސްމީކޮށް ބްރިޖު ހުޅުވީ 2018 ވަނަ އަހަރު އޯގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. އެ ބްރިޖަކީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގި އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއެވެ. ތިން އަހަރާއި 11 މަސް ތެރޭ ބުރިޖުގެ މަސައްކަތް ނިންމާލާ ބުރިޖު ހުޅުވިއިރު ސިނަމާލެ ބްރިޖު ހުޅުވުން ވެގެންދިޔައީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ ރަމްޒަކަށެވެ.

ސިނަމާލެ ބްރިޖު ސެޕްޓެމްބަރު 1، 2018ގައި އާންމުންނަށް ދައްކާލުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިނަމާލެ ބްރިޖު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ޗައިނާގެ ރައީސް ޝީ ޖިން ޕިންގްގެ ޚާއްސަ މަންދޫބުގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެން، ޗައިނާ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޖެންސީގެ އޭރުގެ ޗެއާމަން ވަންގް ޝިއާއޮ ޓާއޯ ވިދާޅުވީ ސިނަމާލެ ބްރިޖުގެ ސަބަބުން ގުޅިގެން ދިޔައީ ދެ ރަށް އެކަނި ނޫން ކަމަށާއި، ބްރިޖުގެ ސަބަބުން ރާއްޖެއާއި ޗައިނާގެ ރައްޔިތުންގެ ހިތްތައްވެސް ގުޅިފައިވާ ކަމަށެވެ. ބްރިޖް ހުޅުވުމާއެކު ބްރިޖް މަތީގައި ކައިވެނި ހަފުލާތަކާއި ގައުމީ ޔުނިވާސިޓީގެ ގްރެޖުއޭޝަން ވެސް ބާއްވާފައިވެއެވެ.

ކޮންމެއަކަސް ދިވެހިންގެ އުއްމީދުތަކާ ގުޅިފައިވާ ރާއްޖޭގައި ހިންގި އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މި މަޝްރޫއަށް މިހާރު މިވަނީ ހަތަރު އަހަރުވެފައެވެ. ބްރިޖަށް ހަތަރު އަހަރުވުމާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާން ލިޝިން ވިދާޅުވީ އެ ބްރިޖަކީ ރާއްޖެއާއި ޗައިނާގެ އެކުވެރިކަމުގެ ރަމްޒީ ނިޝާނެއް ކަމަށެވެ. އާއްމުންނަށް ބްރިޖު ހުޅުވާލި ފަހުން އޮގަސްޓު މަހާ ހިސާބަށް 100 މިލިއަން ދަތުރުކޮށްފައިވާ ކަމަށާއި ބުރިޖަކީ ރާއްޖޭގެ ރައްޔިތުންގެ ދަތުރުތަކަށް ވެސް ގެނުވި ފަސޭހަކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސިނަމާލޭ ބްރިޖަކީ ބޮޑު އިންގިލާބެއް ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ. ސިނަމާލޭ ބްރިޖަށް ހަތަރު އަހަރު ވެފައިވާއިރު، އެ ބްރިޖަކީ އެތައް ދުވަހަކަށް ރާއްޖޭގެ ރައްޔިތުން ދެކުނު ހުވަފެނެއްގައި ކުލަ ޖެހުނު އަދި ތަރައްގީގެ އިތުރު ހަރުފަތަކަށް ރާއްޖެ ދިއުމަށް މަގުފަހިކޮށްދިން ރާއްޖެއަށް މުހިންމު ބްރިޖެކެވެ. ހުޅުމާލެއަށާއި ހުޅުލެއަށް ދިއުމަށް ކަނޑު ހުރަސްކޮށް ކުރަން ޖެހުނު ދަތުރުތަކަށް ނިމުމެއް ގެނައި ބްރިޖާއެކު އެތައް ފަސޭހައެއް ދިވެހިންނަށް ލިބިގެންދިޔައެވެ.

comment ކޮމެންޓް