ޔޫރަޕަށް ގޭސް އެކްސްޕޯޓްކުރާ ރަޝިއާގެ ގޭސްދެހޮޅި ހަލާކުވެ ގޭސް ލީކުވާތީ ޔޫރަޕް ކަންބޮޑުވެއްޖެ

ބޯލްޓިކް ކަނޑަށް ރަޝިއާގެ ގޭސް ލީކުވެފައި

މޮސްކޯ (28 ސެޕްޓެމްބަރު 2022) : ޔޫރަޕަށް ގޭސް އެކްސްޕޯޓް ކުރުމަށްޓަކައި ބޯލްޓިކް ކަނޑު ހުރަސްކޮށް ރަޝިޔާ އިން ޖަރުމަނަށް އަޅާފައިވާ ގޭސް ދެހޮޅި ކަމަށްވާ ނޯޑް ސްޓްރީމް ވަން އާއި ނޯޑް ސްޓްރީމް ޓޫ އިން ކަނޑަށް ގޭސް ލީކުވާ މައްސަލައަކީ ޔޫރަޕަށް ވަރަށް ހައްސާސް މައްސަލައެއްކަމަށާއި އެމައްސަލަ ތަހުގީގު ކުރުމަށް ޔޫރަޕުން ރަޝިއާއަށް ގޮވާލައިފިއެވެ.

ޔޫރަޕިޔަން ކޮމިޝަންގެ ރައީސާ އުރުސުލާ ވޯންޑެލޭން ވިދާޅުވިގޮތުގައި މިހާތަނަށް ބެލިބެލުން ފާހަގަކުރެވޭގޮތުގައި އެއީ ބަޔަކު ގަސްދުގައި ކުރިކަމެކެވެ. ނޯޑް ސްޓްރީމްގެ ދެހޮޅިއަށް ވެސް ގެއްލުން ދީފައިވަނީ ގަސްދުގައެވެ. ބޯލްޓިކް ކަނޑަށް ގޭސް ލީކްވެފައިވާ ސަރަހައްދުގެ ޑައިމީޓަރުގައި ދޮޅު ކިލޯމީޓަރު ހުރިކަމަށް ވެސް ވޯންޑެލޭން ވިދާޅުވިއެވެ.

ގޭސް ލީކްވެފައިވަނީ ޑެންމާކާއި ސްވިޑްން ކައިރިން ބޯލްޓިކް ކަނޑުގެ އަޑީގައިވާ ބައިން ކަމަށްވެއެވެ. ސްވެޑެންއާއި ނޯވޭ އިންވެސް ބުނެފައިވާގޮތުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ނޯޑް ސްޓްރީމްގެ ދެހޮޅިއަށްވެސް ގެއްލުން ދީފައިވަނީ ބަޔަކު ގަސްދުގައެވެ. ނޯވޭގެ ހަކަތައާ ބެހޭ ވަޒީރާއި ސްވެޑްންގެ ބޮޑުވަޒީރު ވަނީ މިމޭރުމުން ވާހަކަ ދައްކަވާފައެވެ. ނަމަވެސް އެދެބޭފުޅުންކުރެ އެއްބޭފުޅަކަށް ވެސް މިކަމުގެ ހެއްކެތް ދެއްކިފައެއް ނުވެއެވެ.

ނޯޑް ސްޓްރީމް ގެ ދެހޮޅި

ޔޫރަޕްގެ އިއްތިހާދާއި ޖަރުމަނާ އަދި ބޯލްޓިކްގެ ގައުމުތަކުންވެސްވަނީ މިކަން ތަހްގީގު ކުރުމަށް ރަޝިއާއަށް ގޮވާލާފައެވެ. މިމައްސަލައާބެހޭގޮތުން ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ އެއީ ތަހްގީގު ކުރަންޖެހޭ ކަމެއްކަމަށް ރަޝިއާ ގަބޫލުކުރާކަމަށާ ގޭސް ލީކުވާ މައްސަލާގައި ރަޝިއާ ވެސް ކަންބޮޑުވާކަމުގައެވެ.

ނޯޑް ސްޓްރީމް ގެ ދެހޮޅި މެދުވެރިކޮށް ޔޫރަޕަށް ގޭސް ފޮނުވުމުގެ މަސައްކަތް ކުރާ ރަޝިއާގެ ނޯޑްސްޓްރީމް ކުންފުނި ބުނާގޮތުން ގޭސް ލީކުވުން ހުއްޓުމަކަށް އައުމަށް ހައެއްކަ ދުވަސް ނަގާނެއެވެ. އަދި އެދެހޮޅި އަލުން މަރާމާތުކޮށް ގޭސްލީކުވާ މައްސަލަ ހައްލުކުރުމަށް ދެތިން މަހަށްވުރެވެސް ދިގު މުއްދަތެއް ނަގާނެކަމަށް ބެލެވެއެވެ.

ނޯޑް ސްޓްރީމް ގެ ދެހޮޅި އަށް ގެއްލުންލިބި އެދެހޮޅިން ގޭސް ލީކުވާން ފެށުމުގެ ކުރިންވެސް ރަޝިއާވަނީ އެދެހޮޅި މެދުވެރިކޮށް ޔޫރަޕަށް ގޭސް ފޮނުވުން ހުއްޓުމަކަށް ގެނަސްފައެވެ. ނަމަވެސް ހޮޅީގައި ހުރި ގޭސްތައް ހުސްވަންދެން ގޭސް ލީކުވަމުންދާނެއެވެ.

ލީކުވާ ގޭހުގައި މިތޭން ގޭސް ހުރުމުން ގޮވާގޮތް މެދުވެރިވެދާނެތީ ގޭސް ލީކުވެފައިވާ ސަރަހައްދާ ގާތްނުވުމަށް ބޯލްޓިކް ކަނޑުން ދަތުރުކުރާ އުޅަނދުތަކަށް އެސަރަހައްދުގެ ގައުމުތަކުންވަނީ އަންގާފައެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން ނޯޑް ސްޓްރީމް ގެ ދެހޮޅި ސްވެޑެންއާއި ނޯވޭ ގެ ކައިރިން ހަލާކުކޮށްލުމުގެ ފަހަތުގައިވަނީ ރަޝިއާއެވެ. ރަޝިއާގެ ބޭނުމަކީ އެދެހޮޅިން ގޭސް ފޮނުވުން ދިގުމުއްދަތަކަށް ހުއްޓާލާފައި ބާއްވާނެ އުޒުރެއް ހޯދުމެވެ. މަގްސަދަކީ ޔޫރަޕުން އެމެރިކާއާ ގުޅިގެން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަަވަޅުތައް އަޅާފައިވާތީ އެކަމަށް ބަދަލު ހިފުމެވެ.

އެދެހޮޅިން ގޭސް ނުލިބިއްޖެނަމަ ކުރިޔަށް އޮތް ފިނި މޫސުމުގައި ޔޫރަޕަށް ހަކަތައިގެ މައްސަލަ އިންތިހާއަށް ބޮޑުވެ ފިނިން ސަލާމަތްނުވެވި ޔޫރަޕް އިނދަޖެހޭނެއެވެ.

މިމައްސަލާގައި ޔޫރަޕް ވަނީ ވަރަށް ކަންބޮޑުވެ ހަދާނެ ގޮތް ހުސްވެފައެވެ. ނަމަވެސް އެމެރިކާގެ ބަސް އަހައިގެން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ހުއްޓުމަކަށް ގެނައުމުގެ ވިސްނުން އަދިވެސް ޔޫރަޕުން ނުގެންގުޅެއެވެ.

comment ކޮމެންޓް