ޗައިނާ ޓޫރިސްޓުން ގިނަވާން ފަށާނީ ޖެނުއަރީ މަހު: ޑރ. މައުސޫމް

ސެޕްޓެމްބަރ 17، 2020: ޓުއަރިޒަމް މިނިސްޓަރ މައުސޫމް ސަން އަށް އިންޓަވިއު ދެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޗައިނާ މާކެޓު ރަނގަޅަށް ހުޅުވި، އެ ގައުމުން އަންނަ ފަތުރުވެރިން އިތުރުވާނެ ކަމަށް ބެލެވެނީ އަންނަ ޖެނުއަރީ މަހުގެ ފަހުކޮޅު، ޗައިނާގެ ސަގާފީ އައު އަހަރުގެ ބަންދާއެކު ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު، ޗައިނާއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް އަންނަ މަހު ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާން ލީޝިން ވަނީ މިދިޔަ ހޮނިހިރު ދުވަހު ވިދާޅުވެފައެވެ.

މިނިސްޓަރު ޑރ.މައުސޫމް "ސަން" އަށް ވިދާޅުވީ މިއީ ފަތުރުވެރިކަމުގެ މުޅި ސިނާއަތަށް ލިބުނު އުފާވެރި ހަބަރެއް ކަމަށެވެ.

"އިންޑަސްޓްރީގެ ހުރިހާ ފަރާތްތައް ވެސް ހަމަ ވަރަށް އުފަލުން ތިބީ. އަނެއްކޮޅުން ޗައިނާގެ ފަތުރުވެރިން ވެސް ހަމަ ކެތް މަދު ވެފައި އެތިބީ ރާއްޖެ އަންނަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ފަހު ކުއާޓަރުގައި ޗައިނާއިން ކޮންމެވެސް ވަރަކަށް ފަތުރުވެރިން އަންނާނެ ކަމަށް ކުރިންވެސް އަންދާޒާ ކޮށްފައިވާނެ ކަމަށެވެ.

އަންނަ މަހުގެ ތެރޭ ޗައިނާ ދަތުރުތައް ފެށުނު ކަމުގައި ވިޔަސް، ފަތުރުވެރިން އިތުރުވާނެ ކަމަށް ބެލެވެނީ ޖެނުއަރީ މަހު ފަހުކޮޅު، އެ ގައުމުގެ އައު އަހަރުގެ ބަންދަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި އަހަރު ޗައިނާގެ ސަގާފީ އައު އަހަރުގެ ފެށުން ދިމާވަނީ ޖެނުއަރީ މަހުގެ 22ވަނަ ދުވަހާއެވެ. އެ ދުވަހާ ގުޅިގެން ޗައިނާގައި ބޮޑު ޗުއްޓީއެއް ލިބެއެވެ.

ކޮވިޑާ ގުޅިގެން ދަތުރުތައް ހުއްޓުމާ ހަމައަށް ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތް ކުރަމުން އައި ގައުމެވެ. އެގޮތުން، 2019 ވަނަ އަހަރު ރާއްޖެއަށް އެ ގައުމުން ވަނީ 267،875 ފަތުރުވެރިން ޒިޔާރާތް ކޮށްފައެވެ. މިއީ އެ އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދުގެ 17.5 އިންސައްތައެވެ.

comment ކޮމެންޓް