މީހުން އެއް ރަށުން އަނެއް ރަށަށް ބަދަލުކުރުމަކީ އިންސާނިއްޔަތާވެސް ޚިލާފު ކަމެއް: އަސްލަމް

އާރުޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކުރުމުގެ ޖަލްސާގެ ތެރެއިން --- ޕްލޭނިން މިނިސްޓްރީ

މީހުން އެއް ރަށުން އަނެއް ރަށަށް ބަދަލުކުރުމަކީ އިންސާނިއްޔަތާ ވެސް ޚިލާފު ކަމެއް ކަމަށް، ހައުސިން އެންޑް ނޭޝަނަލް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެއެވެ.

ބޮޑުތިލަދުންމައްޗަށް, ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުން އިފްތިތާހުކުރުމަށް ރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ރާއްޖެއަކީ އުފެދުމުގައި ޖަޒީރާ ރަށްތަކަކަށް އުފެދިފައިވާ ގައުމެއް ކަމަށެވެ.

އަސްލަމް ވިދާޅުވީ 5،000 އަހަރަށްވުރެ ގިނަ ދުވަސްވީ ރަށްތައް ރާއްޖޭގައި ހުރިއިރު، އޭގެ ތެރެއިން ބައެއް ރަށްރަށުގައި މީހުން ދިރިއުޅޭތާ 2،000 އަހަރަށްވުރެ، ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އަދި އެ ރަށްތައް އެކަހެރި ރަށްތަކެއްގެ ގޮތުގައި އޮތުމަކީ ޒަމާނުއްސުރެ ދިވެހިން ކުރިއަރައި ދިއުމަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް އޭނާ ވިދާޅުވިއެވެ.

އާރުޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކުރުމުގެ ޖަލްސާގެ ތެރެއިން --- ޕްލޭނިން މިނިސްޓްރީ

"ކޮންމެ ވެރިކަމެއްގައި ވެސް އެ އެކަހެރި ރަށްތަކުގެ އެކަހެރިކަން ފިލުވައި ރާއްޖެ ތަރައްގީ ކުރަން އެކި ގޮތްގޮތުން މަސައްކަތް ކުރޭ. އޭގެ ތެރޭގައި އެއްރަށުން އަނެއް ރަށަށް މީހުން ބަދަލު ކުރުން ވެސް އެއީ ކުރިކަމެއް،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް، އަސްލަމް ވިދާޅުވީ އެގޮތަށް މީހުން އެއްރަށުން އަނެއް ރަށަށް ބަދަލުކުރުމަކީ އިންސާނިއްޔަތާ ވެސް ޚިލާފުކަމެއް ކަމަށެވެ.

އެހެންކަމުން، އާބާދީގެ ކުޑަ ބޮޑު މިނެއް ނުބަލައި، އެކަހެރި ރަށްތަކުގެ އެކަހެރިކަން ފިލުވުމަށް މި ސަރުކާރުން ވިސްނުމަކީ ދަތުރުފަތުގެ ވަސީލަތްތައް ގިނަ ކުރުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެގޮތުން، މީހުން އެއްރަށުން އަނެއް ރަށަށް ބަދަލުކުރުމުގެ ބަދަލުގައި އާރުޓީއެލް ފެރީގެ ޚިދުމަތަކީ މި ސަރުކާރުން އެކަން ކުރަން ވިސްނުން ގެންގުޅޭ، ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އާރުޓީއެލްގެ ޚިދުމަތަކީ ހުރިހާ ގޮތަކުން ވެސް މުޅި ރާއްޖެއަށް ފައިދާވާނެ އަދި ފަސޭހަވެސް ވާނެ ކަމެއް ކަމަށް، އަސްލަމް ވިދާޅުވިއެވެ.

އާރުޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކުރުމުގެ ޖަލްސާގެ ތެރެއިން --- ޕްލޭނިން މިނިސްޓްރީ

މި ސަރުކާރަކީ މާގިނަ ވާހަކަދައްކާނެ ބައެއް ނޫން ކަމަށާއި އަބަދުވެސް މަޝްރޫއުތަށް ހިންގައި އޭގެ ނަތީޖާ ރައްޔިތުންނަށް ދައްކާ ސަރުކާރަކަށް މި ސަރުކާރު އަބަދުވެސް ވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އާރުޓީއެލް ފެރީގެ ޚިދުމަތް ބޮޑު ތިލަދުންމައްޗަށް ރަސްމީކޮށް އިފްތިތާހު ރޭ ކޮށްފައިވާއިރު ކުރިއަށް އޮތް 24 މަސް ދުވަހުގެ ތެރޭގައި މުޅި ރާއްޖެއަށް އެ ޚިދުމަތް ދޭން ފަށާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ރޭ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް