ކުރިއަށް އޮތް 24 މަސް ދުވަހުގެ ތެރޭގައި މުޅި ރާއްޖެ ގުޅައިލާނަން: އާޒިމް

އާރުޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކުރުމުގެ ޖަލްސާގެ ތެރެއިން --- ޕްލޭނިން މިނިސްޓްރީ

ކުރިއަށް އޮތް 24 މަސް ދުވަހުގެ ތެރޭގައި މުޅި ރާއްޖެ ކަނޑުދަތުރުފަތުރުގެ ވިއުގައަކުން ގުޅާލާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ރޭ ވިދާޅުވެއްޖެއެވެ.

ބޮޑުތިލަދުންމައްޗަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުން އިފްތިތާހުކުރުމަށް ރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅައިލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙުގެ ތަސައްވުރު ހަގީގަތަކަށް ހަދައި، ބޮޑުތިލަދުންމަތީގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފެށުމަކީ މުޅި އެ ސަރައްދަށް ގެނުވި ފަސޭހަކަމެއް ކަމަށެވެ.

އާރުޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކުރުމުގެ ޖަލްސާގެ ތެރެއިން --- ޕްލޭނިން މިނިސްޓްރީ

ހަމައެއާއެކު، "ބޮޑުތިލަދުންމައްޗަށް ބޮޑު ބަދަލު" ފެނިގެންދާ އަލިގަދަ ހެއްކަކަށް ރޭ އިފްތިތާހު ކުރެވުނު އާރުޓީއެލްގެ ޚިދުމަތް ވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

"މިރެއަކީ އުފާވެރި ރެޔެއް. ކުރީގައި ދިވެހިން އުޅުނު ގޮތް ބަދަލުކޮށް ދަތުރުފަތުގެ ނިޒާމަކުން ރާއްޖެ ގުޅާލުމަށް ކުރާ މަސައްކަތުގެ ފެށުން. ބޮޑުތިލަދުންމައްޗަށް މިރެއަކީ ތާރީޚި ރެޔެއް. ރާއްޖޭގެ ތާރީޚުގައި ރަންއަކުރުން ފަވާލެވޭނެ ރެޔެއް،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، މުޅި ރާއްޖެއަށް އާރުޓީއެލް ފެރީގެ ޚިދުމަތް ފުޅާވެގެން ދާއިރު 800 އާ ގާތްކުރާ އަދަދަކަށް ވަޒީފާ އަލަށް އުފެދޭނެ ކަމަށެވެ. މީގެ އިތުރުން، އެ މުވައްޒަފުންނަކީ އެވްރެޖުކޮށް، އެކަށީގެންވާ މުސާރައެއް ލިބޭ، އަދި ޚިދުމަތަށް ތަމްރީނު ވެފައިވާ ގާބިލު ބަޔަކަށް ވާނެކަމަށް އާޒިމް ވިދާޅުވިއެވެ.

ތަރައްގީއަށް ރައްޔިތުން އެދޭ އެދުންތަށް ހަގީގަތަކަށް ހަދައިދެވޭނެ ވެރިއަކީ ރައީސް ޞާލިޙު ކަމަށާއި އާރުޓީއެލްގެ ތަސައްވުރަކީ އޭގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އާރުޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކުރުމުގެ ޖަލްސާގެ ތެރެއިން --- ޕްލޭނިން މިނިސްޓްރީ

މީގެ އިތުރުން އޭނާ ވިދާޅުވީ، އެމްޓީސީސީން އަބަދުވެސް ދެމިތިބޭނީ ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރަން ބޭނުންވާ ހުރިހާ ކަމަކަށް ވެސް ސަރުކާރަށް އެއްބާރުލުން ދިނުމުގައި ކަމަށެވެ.

އާރުޓީއެލް ފެެރީގެ ޚިދުމަތް ހަގީގަތަކަށްވެ ރައްޔިތުންނަށް ޚިދުމަތް ދެވެނީ ރައީސް ޞާލިޙުގެ އިރުޝާދުގެ ދަށުން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އާރުޓީއެލް ފެރީގެ މަގުން މުޅި ރާއްޖެ ގުޅާލަން ރައީސް ކުރައްވާ މަސައްކަތުގެ ސަބަބުން ރާއްޖޭގެ އެކި ރަށްރަށަށް މިނިވަންކަން ލިބިގެންދާ ކަމަށެވެ.

މަދުވަގުތުކޮޅެއްގެ ތެރޭގައި ޖީބަށް ލުއިވާގޮތަށް އަދި ދަތުރުކުރަން ފަސޭހަ އުޅަނދުތަކެއް ރައްޔިތުންނަށް މިހާރު އާރުޓީއެލް އިން ދަތުރު ކުރެވޭ ކުރެވުމަކީ ކޮންމެ ރަށެއްގެ ރައްޔިތުންނަށް ވެސް ލިބޭ ލުއި ފަސޭހައެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ ރައީސް ޞާލިޙުގެ ދުރުވިސްނުންފުޅުގެ ދަށުން ކުޑަ އަދި ބޮޑެތި އާބާދީތަކަށް ބެލުމެއް ނެތި މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމަށް އެމަނިކުފާނު ކޮށްދެއްވާ ކަންކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، ރައީސް މުޅި ރާއްޖެއަށް ގެންނަވާ ތަރައްގީއާއެކު ރައްޔިތުން ވެސް ތަރައްގީގެ މަގުގައި މެކުހަށް ޖެހުމަށް އާޒިމް ގޮވާލެއްވިއެވެ.

ރޭ ރަސްމީކޮށް އާރުޓީއެލް އިފްތިތާހު ކޮށްފައިވާއިރު އިއްޔެ ހަވީރު ރައީސް ޞާލިޙުގެ އަރިހުގައި އާޒިމާއި، ސަރުކާރު މިނިސްޓަރުން ވެސް އުތީމުން ދިއްދޫއަށް ވަޑައިގަތީ އާރުޓީއެލް ފެރީގައެވެ.

ރައީސް ޞާލިޙު މިހާރު އުތުރުގެ ހަތަރު ރަށަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ އެންމެ ބޮޑު މަގުސަދަކީ، ސަރުކާރުގެ ސިޔާސަތުގެ ދަށުން ގެނައި "ބޮޑު ތިލަދުންމަަތީގެ ބޮޑު ބަދަލު" ރައްޔިތުންނަށް ދައްކާލުމެވެ.

ދިއްދޫ އަކީ އެމަނިކުފާނު އުތުރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ވަޑައިގަންނަވަން ހަމަޖެހިފައިވާ އެންމެ ފަހުގެ މަންޒިލެވެ.

comment ކޮމެންޓް