ސައުދީގެ ބޮޑުވަޒީރު ކަަމަށް ވަލީއަހުދު މުހައްމަދު ބިން ސަލްމާން އައްޔަންކޮށްފި

ސައުދީ ރަސްގެފާނާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން -- ފޮޓޯ/ ސައުދީ ގެޒެޓް

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން، އެގައުމުގެ ބޮޑުވަޒީރު ކަމަށް އެމަނިކުފާނުގެ ދަރިކަލުން އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާން އައްޔަންކުރައްވައިފިއެވެ.

ސައުދީ ގެޒެޓުގައިވާ ގޮތުން މިއަދު ރަސްގެފާނު ވަނީ، އެ މަނިކުފާނު މީގެ ކުރިން އަދާކުރައްވަމުން ގެންދެވި މަގާމެއް ކަމަށްވާ ބޮޑުވަޒީރުގެ މަގާމަށް ބިން ސަލްމާން އައްޔަން ކުރައްވައި ޝާހީ އަމުރެއް ނެރުއްވާފައެވެ.

ބިން ސަލްމާން މީގެ ކުރިން ހުންނެވީ ބޮޑުވަޒީރުގެ ނައިބެއްގެ ގޮތުގައެވެ.

ސަލްމާން ރަސްގެފާނު މިއަދު ނެރުއްވި އިތުރު އަމުރެއްގައި، ވަލީއަހުދު އިސްކޮށް ހުންނަވާ މިނިސްޓަރުންގެ ކައުންސިލަށް ވެސް ބަދަލުތަކެއް ގެންނަވާފައިވާ ކަމަށް ސައުދީ ގެޒެޓުން ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން ބިން ސަލްމާން މިހާތަނަށް އަދާ ކުރައްވަމުން ގެންދެވި ޑިފެންސް މިނިސްޓަރުގެ މަގާމަށް ޕްރިންސް ޚާލިދު ބިން ސަލްމާން ވަނީ އައްޔަން ކުރައްވާފައެވެ.

ސަލްމާންގެ ރަސްގެފާނުގެ 10 ވަނަ ދަރިކަލުން ކަމަށްވާ ޕްރިންސް ޚާލިދު މިހާތަނަށް ހުންނެވީ ޑިފެންސް މިނިސްޓަރުގެ ނައިބުގެ މަގާމުގައެވެ.

ސައުދީ ވަލީއަހުދުގެ މަގާމަށް ބިން ސަލްމާން އައްޔަންކުރީ ޖޫން 21، 2017ގައެވެ. އެއީ އޭރު މަގާމުގައި ހުންނެވި ޕްރިންސް މުހައްމަދު ބިން ނާޔިފް އެމަގާމުން ދުރުކުރުމަށްފަހުގައެވެ.

މުހައްމަދު ބިން ނާޔިފްއަކީ ސަލްމާން ރަސްގެފާނުގެ ބޭބޭފުޅު، ނާޔިފް ބިން އަބްދުލްއަޒީޒުގެ ދަރިކަލެކެވެ.

ބިން ސަލްމާން ވަނީ ކުރިއަށް އޮތް އަހަރުތަކުގައި ސައުދީ އަރަބިއްޔާ އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިއެރުވުމަށް ''ވިޝަން 2030''ގެ ނަމުގައި ތަސައްވުރެއް އެކުލަވާލައްވާފައެވެ.

"ވިޝަން 2030"ގެ އެންމެ މުހިންމު އެއް ބޭނުމަކީ ސައުދީ އިގްތިސާދު ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ގައުމަށް މަންފާ ލިބޭ ދާއިރާތައް އިތުރުކޮށް ފުޅާކުރުމެވެ. އެގޮތުން އެގައުމުގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި، އިންވެސްޓަރުންގެ ޝައުގުވެރިކަން ހޯދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ހަމައެއާއެކު، އިޖުތިމާއީ ގޮތުން ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި އެގައުމުގައި ދިރިއުޅޭ އަންހެނުންނަށް މީގެ ކުރިން ދީފައި ނުވާ ބައެއް ހުއްދަތައް ދިނުން ހިމެނެއެވެ. އޭގެ ތެރޭގައި އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދިނުމާއި ކުޅިވަރު ސްޓޭޑިއަމްތަކަށް ވަނުމަށް ހުއްދަ ދިނުން ހިމެނެއެވެ.

ނަމަވެސް، 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި، ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓު ތެރޭގައި ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ މަރާލި މައްސަލައާ ބިން ސަލްމާންއާ ގުޅުން އޮތް ކަމުގެ ތުހުމަތުތައް ވަނީ ފެންމަތިވެފައެވެ.

ސައުދީ ރަސްކަމަށް ފާޑު ކިޔާފައިވާ އެގައުމުގެ ނޫސްވެރިއެއް ކަމަށްވާ ހާޝުގްޖީ މަރާލީ، ތުރުކީގެ އަންހެނަކާ ކައިވެނި ކުރުމަށް ބޭނުންވާ ލިޔެކިޔުންތަކެއް ހޯދަން ސައުދީ ކޮންސިއުލޭޓަށް ދިޔުމުންނެވެ. އޭރު އޭނާ އަމިއްލައަށް އަރުވާލެވިގެން ދިރިއުޅެމުން ދިޔައީ އެމެރިކާގައެވެ.

އެ މައްސަލަ ތަހުގީގުކުރެއްވި އދ.ގެ އެކްސްޓްރާޖުޑިޝަލް އެކްސެކިއުޝަންސް އިންވެސްޓިގޭޓަރު އެގްނެސް ކަލަމާޑް ވަނީ ހާޝުގްޖީ މަރާލި މައްސަލައާ ބިން ސަލްމާނާ ގުޅުމެއްވާ ކަމުގެ ހެކި އެބަހުރި ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

ނަމަވެސް ބިން ސަލްމާން ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. އަދި ހާޝުގްޖީގެ މަރުގެ މައްސަލަ ބަލައި، ސައުދީން ވަނީ ފަސް މީހަކު މަރަން ހުކުމްކޮށްފައެވެ.

comment ކޮމެންޓް