ޝިންޒޯ އަބޭގެ ޖަނާޒާގައި މިނިސްޓަރު ޝާހިދު ބައިވެރިވެ ވަޑައިގެންފި

ޝިންޒޯ އަބޭގެ ޖަނާޒާގައި ފޮރިން މިނިސްޓްރީގެ ބޭފުޅުން -- ފޮޓޯ/ ރައީސް އޮފީސް

ޖުލައި މަހުގެ އަށް ވަނަ ދުވަހު ބަޑީގެ ހަމަލާއެއްގައި އަވަހާރަވި، ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުހައްމަދު ޞާލިހުގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައިވެރިވެ ވަޑައިގެންފިއެވެ.

މިނިސްޓަރު ޝާހިދާއެކު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޚަލީލާއި ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަސަން ސާބިރު އެ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖަނާޒާގައި އެކި ގައުމުތަކުގެ އިއްޒަތްތެރިންވެސް ގިނަ އަދަދަކަށް ބައިވެރިވެވަޑައިގަތެވެ.

އަބޭގެ ޖަނާޒާ ބާއްވާފައި ވަނީ މިއަދު ޖަޕާނު ގަޑިން މެންދުރު 02:00ގައެވެ. އަބޭގެ ޖަނާޒާގައި ވަނީ އޭނާއަށް 19 ބަޑީގެ ސެލިއުޓެއް ދެއްވާފައެވެ.

އަބޭގެ ހަށިކޮޅަށް ބަޑި ޖެހީ، ޖުލައި މަހުގެ އަށްވަނަ ދުވަހު ޖަޕާންގެ ނާރާ ސިޓީގައި ބޭއްވި ކެމްޕޭން އިވެންޓެއްގައި ވާހަކަ ދައްކަވަން ހުންނަވަނިކޮށެވެ.

އެ ހާދިސާގެ ވީޑިއޯތަކުން އަބޭ ވާހަކަ ދައްކަވަން ހުންނަވަނިކޮށް، ދެ ފަހަރަކު ބަޑީގެ އަޑު ކަމަށް ބެލެވޭ އަޑެއް އިވެއެވެ. އެއަށް ފަހު އަބޭ ބިން މައްޗަށް ވެއްޓިވަޑައިގަންނަވާ މަންޒަރު ވެސް ވީޑިއޯތަކުން ފެނެއެވެ.

ޖަޕާންގެ މީޑިއާއަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަބޭގެ މޭ މައްޗަށާއި ކަރަށް ވެސް ވަނީ ވަޒަން އަރާފައެވެ.

އެ ހަމަލާއަށް ފަހު އަބޭ ހެލިކޮޕްޓަރުގައި ގެންދިޔައީ ނާރާ މެޑިކަލް ޔުނިވާސިޓީ ހޮސްޕިޓަލަށެވެ.

އަބޭއަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި 41 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރު ކުރި ވަގުތު އޭނާ އަތުގައި ބަޑިއެއް އޮތް ކަމަށް ޖަޕާންގެ ނޫސްތަކުގައިވެއެވެ.

އަބޭއަކީ ޖަޕާންގައި އެންމެ ގިނަ ދުވަސްވަންދެން ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅާއެވެ. އޭނާ އެ މަގާމު ފުރުއްވީ ޑިސެމްބަރު 2012އިން ސެޕްޓެމްބަރު 2020އަށެވެ.

comment ކޮމެންޓް