ޖަރުމަނު މެޗު އެއްވަރުވެ، ސައުތުގޭޓަށް ކިޔަމުންދާ ފާޑުކިޔުންތައް އިތުރުވަނީ

އިންގްލެންޑް ކޯޗު ގެރެތް ސައުތުގޭޓް--- ފޮޓޯ/ ސްޕޯޓިންލައިފް

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ޖަރުމަނާއި އިންގްލެންޑް ބައްދަލުކުރި މެޗު އެއްވަރުވުމުން އިންގްލެންޑްގެ ކޯޗު ގެރެތް ސައުތުގޭޓަށް ކިޔަމުންދާ ފާޑުކިޔުންތައް އިތުރުވާން ފަށައިފިއެވެ.

އިންގްލެންޑްގެ ކޯޗު ސައުތުގޭޓަށް ސަޕޯޓަރުންގެ ފާޑުކިއުންތައް އަމާޒުވާން ފަށާފައިމިވަނީ ފަހަކަށް އައިސް އެޓީމު ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. މި ފަހުން އިންގްލެންޑް ކުޅުނު މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު، އެންމެފަހުން އެޓީމް ކުޅުނު ހަ މެޗުގެ ތެރެއިން އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ.

މިއީ ވޯލްޑްކަޕަށް ތައްޔާރުވަމުންދާ ސައުތު ގޭޓަށް ކުރިމަތިލާން ޖެހުނު ވަރަށްބޮޑު ޕްރެޝަރެކެވެ. ސޯޝަލް މީޑިއާގައި ސައުތުގޭޓު އިސްތިއުފާދިނުމަށް އިނގިރޭސި ސަޕޯޓަރުން ގޮވާލަމުންދާއިރު، ޓްވިޓާގައި މިހާރުވަނީ ސައުތުގޭޓް އިސްތިއުފާ ދިނުމަށް ގޮވާލައި ޚާއްސަ ހޭޝް ޓެގެއްވެސް ހަދާފައެވެ. ސަޕޯޓަރުންގެ ކަންބޮޑުވުންތަކަށް ބަލާއިރު، އެންމެބޮޑަށް ފާޑުކިޔަމުންދާ އެއްކަމަކީ ޓީމު ނެގުމުގައި އޭނާ ގެންގުޅެމުންދާ އުސޫލުތަކެވެ.

އެންމެފަހުން ސައުތުގޭޓް ވަނީ އިންގްލެންޑް ސްކޮޑުން ލިވަޕޫލްގެ އެލެކްޒެންޑަ އާނޯލްޑްވެސް ވަކިކޮށްފައެވެ. މި ފަހަކަށް އައިސް އިންގްލެންޑް ޓީމުގެ ނަތީޖާތައް ދަށްވި ނަމަވެސް، ވޯލްޑް ކަޕުގެ ކުރިން ސައުތު ގޭޓު ކޯޗުކަމުން ވަކިނުކުރާނޭކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންގްލެންޑް ޓީމާ ސައުތުގޭޓު ހަވާލުވީ، 2016 ވަނަ އަހަރެވެ. އިންގްލެންޑާ ހަވާލުވުމަށްފަހު އޭނާ ވަނީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ސެމީފައިނަލާ ހަމަޔަށް އެޓީމު ގެންގޮސްދީފައެވެ. މިއީ 1990 ވަނަ އަހަރަށްފަހު ވޯލްޑްކަޕް ސެމީފައިނަލާ ހިސާބަށް އިންގްލެންޑް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ސައުތު ގޭޓު ވަނީ 2020 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް އިންގްލެންޑް ގެންގޮސްދީފައެވެ. އެ މުބާރާތުގެ ފައިނަލުން އިންގްލެންޑް ކެޓީ، އިޓަލީއާ ދެކޮޅަށް ކުޅެ ޕެނަލްޓީ ޖަހައިގެންނެވެ.

comment ކޮމެންޓް