ރައީސް ނަޝީދުގެ ހިއްސާއޮންނަ އޯޝަން ޕަބްލިޝާސްއިން މަޖައްލާއެއް ނެރެނީ

އޯޝަން ޕަބްލިޝާސް އިން ނެރޭ އޯޝަން ވީކްލީ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހިއްސާ އޮންނަ އޯޝަން ޕަބްލިޝާސް އިން މަޖައްލާއެއް ނެރެން ނިންމައިފިއެވެ.

"އޯޝަން ވީކްލީ"ގެ ނަމުގައި ނެރޭ މި މަޖައްލާ ނެރެން ނިންމާފައި ވަނީ ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަހުއެވެ. މި މަޖައްލާގެ ފުރަތަމަ އަދަދު އަންނަ ހުކުރުދުވަހު ނެރޭނެކަން ވަނީ އިއުލާނުކޮށްފައެވެ.

އޯޝަން ވީކްލީގެ އެޑިޓޯރިއަލްގެ އިސް ބޭފުޅަކު "ސަން"އަށް ވިދަޅުވީ އެ މަޖައްލާގައި ހުންނާނީ ރާއްޖޭގެ އިޖުތިމާއީ މައްސަލަތަކުގެ މައްޗަށް ލިޔެފައިވާ ލިޔުންތައް ކަމަށެވެ.

މި މަޖައްލާގެ ލިޔުންތަކުގައި ރައީސް ނަޝީދުގެ ޚިޔާލުތައް ހިމެނޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށްއޮތްތަނުގައި ރައީސް ނަޝީދުގެ ލިޔުއްވުންތައް ފެނިވަޑައިގަތުން އެކަށީގެންވާކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަމަކު ރައީސް ނަޝީދަކީ މި މަޖައްލާގެ ލިޔުންތެރިއެއް ނޫން،" އޭނާ ވިދާޅުވިއެވެ.

އޯޝަން ވީކްލީގެ ފުރަތަމަ އަދަދުގެ މައިގަނޑު މައުޟޫއަކީ ޓެކްސްގެ ނިޒާމެވެ. މަޖައްލާގެ އަގަކީ 50 ރުފިޔާއެވެ.

ރައީސް ނަޝީދަކީ ލިޔުންތެރިކަމަށް ލޯބިކުރައްވާ ނޫސްވެރިކަން ވެސް ކުރެއްވި ބޭފުޅެކެވެ.

comment ކޮމެންޓް