ވާރޭގައި ވީ ހިޔަނިތައް 22

"ތިމާ ބޭނުންވާފަދަ ކުރިމަގެއް ހޯދުމަށް ހުވަފެންތައް ދެކުމުގެ އިތުރުން ﷲއަށް ވަކީލުކޮށް ހުވަފެންތައް ހަގީގަތަކަށް ހަދަން މަސައްކަތްކުރާށެވެ. އޭރުން ﷲގެ އިރާދަފުޅާއެކު ކާމިޔާބުވާނެއެވެ."

***

"ވަރަށް ދެރަވޭ މިހެން ބުނަން. އެކަމަކު....."ކައިދަން ހަޒަލްއާއި ދިމާލަށް ކަތި ނަޒަރަކުން ބަލައިލިއިރު އެލޮލުން ހިތާމައިގެ އެއްވެސް ކުލަވަރެއް ނުފެނެއެވެ. "ސޫފީ ވަޅުލާފައި މިއައީ....ސަކަރާތްވެފައި އޮތްވަރުން ހަޒަލްމެންނަށް ދައްކަން ބޭނުންނުވީ. ފަޅުރަށެއްގެ ގޮނޑުދޮށަށް ދަރިފުޅު ލެއްގީ. ޒިންމާވާން ޖެހޭނީ ހަޒަލް..ތި ވަޒީފާގަނޑަށް ނުގޮސް ދަރިފުޅު ބަލަން ގޭގައި ހުންނަން ޖެހޭ މީހާއޭ ތިއީ. ދަރިން ނުބެލެންޏާ ހޯދުމުގެ އެއްވެސް މާނައެއް ނުފެނޭ. ފެނުނަސް ފޫހިވޭ......."

"ތިއީ މަންމައަކަށް ވާން އެކަށީގެންވާ ވަރުގެ މީހެއްނޫން. އެހެންވެ ސޫފީވެސް ވަކިވީ. ހަމަ ރަގަޅަށް އެވީ..."

ހަޒަލްގެ ކަންފަތުގައި އެ ޖުމްލަތައް ޖެހުނީ ހޮނު ގުގުރިފަދައިންނެވެ.

"ކަލޭމެން އަހަންނާއި ސޫފީދެކެ ނަފްރަތުކުރަމެއްނު. ސޫފީ އެހާ ކުޑައިރު ހަލަނިވީމަ އުދަގޫކުރާތީއޭ ކިޔާފައި އެއްޗެހި ގޮވާފައި މަރުވީމަ ކިނބޫ ކަރުނަ އޮއްސާނެކަމެއްނެތް. ޖިންނިއެކޭ ކިޔާފައި ސޫފީގެ މަންމަ ކިޔާ މީހާވެސް އެކުއްޖާއަށް ރުޅި މޫނު ދައްކާލައިގެން..މިބުނީނު މަކަރުވެރިކޮށް ނުރޯށޭ. ތިހެން ދެއްކުންތެރި ކަރުނައިން އަސަރުކުރާނީ އެހެންމީހުންނަށް...." ކައިދަން ހިތުހުރިހާ އެއްޗެއް ކިޔާފައި ދަމުން ދޮރު ލައްޕައިލިއިރު ބާރު އަޑެއް އިވުމުން ބަލައިލިއިރު ދޮރުފަތް އޮތީ ވެއްޓިފައެވެ. ހަޒަލް ގަބުވެފައި ހުރީ ދޮރު ވެއްޓުނީމައެއްނޫނެވެ. ކައިދަންގެ ވާހަކައިންނެވެ. ދަރިފުޅުގެ ނިމުން އައިކަން ޔަގީންވުމުންނެވެ. ކައިދަންގެ ރަހުމެއްނެތް ވަރުންނެވެ. ކައިދަން އަމިއްލަ ދަރިފުޅާއިމެދުވެސް ރަހުމެއްނުކުރި ނޫންހެއްޔެވެ؟

ހަޒަލް އެނދުގެ ކަނުގައި ދެކަކޫ ގެނެސް މޭގައި ޖައްސާލައިގެން އެއް ދިމާލަށް ބަލަހައްޓައިގެން އިންދާ ރާހިލް ދޮރުމައްޗަށް އެރިއެވެ.

"ދޮރު ވައްޓައިލީ ކާކު؟"

ހަޒަލް ޖަވާބެއް ނުދިނެވެ.

"ކިހިނެއްވީ ހޭޒް؟"ރާހިލް ސުވާލުކޮށްކޮށް ހަޒަލް ޚިޔާރުކުރީ ހިމޭންކަމެވެ. ޖެހި ބުދެއްފަދައިންނެވެ. ލޮލުގައި ވި މާޔޫސްކަމާއި ހުސްކަން ރާހިލް ދުވަހަކު ދެކެފައެއްނުވެއެވެ. ސޫފީ ކަނޑަށް ގެއްލުނު ދުވަހުވެސް ހަޒަލްގެ ފަރާތުން މިވަރުގެ ހިތާމައެއް އޭނަ ނުދެކެއެވެ. ކޮންމެގޮތެއްވިޔަސް ހަޒަލްގެ ހިތާމައަކީ ސޫފީކަން ޔަގީންވާތީ އިތުރު ސުވާލުތައްކޮށްގެން ހިތަށް އިތުރު ދަތިކަމެއް ދޭން ބޭނުންނުވެފައި ނުކުތީއެވެ.

ކޮޓަރީގެ ދޮރު ވެއްޓިފައި އޮތުމުން ޚަލީސީއާއި އެމާވެސް ސުވާލުކުރިއެވެ. ދެމީހުން އެނދަށް އަރާ ދޫނުކޮށް އަހަން ފެށުމުން ހަޒަލް ޖަވާބުދިނެވެ.

"ކައިދަން ބުނީ ފަޅުރަށެއްގެ ގޮނޑުދޮށަށް ސޫފީގެ ހަށިގަނޑު ލައްގާފައި އޮތްވާ ފެނިގެން ވަޅުލައިފީމޭ. ސަކަރާތްވެފައި އޮތްވަރުން އެހެން ބަޔަކަށް ދައްކަން ބޭނުން ނުވީޔޯ......."

އެމާއާއި ޚަލީސީއަށް ޝޮކެއްލިބުނެވެ.

"ނޫން ނޫން...ޕުއާ ޑާލިން.."އެމާގެ އަޑު ކުރެހި ވަގުތުން ރޮވެންފެށުނެވެ. ޚަލީސީގެ ކޯތާފަތްމަތިން ތިރިއަށް ހޫނު ކަރުނަތައް ދެމިގަތް ނަމަވެސް ހަޒަލްގެ ލޮލުން ކަރުނައިގެ އަސަރެއް ނުފެނެއެވެ. އޭނަ އިނީ ގަނޑުވެފައެވެ.

***

ކައިދަން މާމަ ޚާތޫނުގެ އެނދުގައި އިށީދެލައިގެން އިންއިރު ލޮލުގައި ހިތާމައާއިއެކު ކަރުނައިގެ އަސަރުވިއެވެ. ހަޔާތަށް އައި އަނދިރިކަމާއި ބަނަކަމުގެ ވިލާތައް މަތިމައްޗަށް ނަގަމުންދާއިރު ވިއްސާރަ އަލިވެދާނެކަމުގެ ނިޝާނެއް ނުފެނެއެވެ. ދުނިޔެއިން އެންމެ ލޯބިވާ ދެމީހަކު ވަކިވެ ދިޔައީ ހިތް ހަލާކުކޮށްލާފައެވެ. މީހަކު ނުފެނުނަސް ރަވާން އުޅޭކަމުގެ ހިލަންވިއެވެ.

"މިތަނުން ދޭ....."

"ހަޒަލްމެންނަށް އެވަނީ ހަމަ ރަގަޅަށް....." ރަވާންގެ ވާހަކަތައް އަހަން ކައިދަން އިނީ ކެތްކުރެވޭނެ އެންމެ މައްޗަށް ކެތްކޮށްގެންނެވެ. ހަޒަލްއަށްޓަކާ ހިތުގައި އިހުސާސްތަކެއްވާކަން ރަވާންއަށް އެނގުނަދޭކަށް ބޭނުމެއްނޫނެވެ.

"އަހަރެންކަމަށް ހެދިގެން ރަވާން ތިކުރަނީ ރަގަޅުކަމެއްނޫން. މީހުންގެ މުދަލާއި ގެދޮރަކީ ހުރުމަތްތެރިވެގެންވާ އެއްޗެއް.."

"އެދޮރު ހަދާދީފާނަން. ހާސްނުވޭ.."

"އެއީ މަންމައެކޭ. މަންމައެއްގެ ހިތަށް އަސަރުކުރާނެ ދަރިފުޅު ޖިންނިއަކަށްވިޔަސް އެހެން އެއްޗަކަށްވިޔަސް. ހަޒަލްގެ ކޮން ކުށެއްއޮތީ؟ އޭނަގެ މަންމަގެ ކުށަކަށް އެއާއިލާއަށް އަނިޔާކުރުމަކީ އިންސާފެއްނޫން.."ކައިދަން ހަޒަލްގެ ދިފާއުގައި ކޮންމެވެސް ވަރަކަށް އެއްޗެއް ބުނެލިއެވެ.

"ލޯބިވާ މީހުންނަށް އަނިޔާ ލިބުމަށްވުރެ ރޯޒަލީއަށް އަސަރުކުރާނެ އެހެން ކަމެއް ނޯންނާނެ. އަމިއްލަ ނަފުސަށްވުރެ މައިމީހާ ދަރިންދެކެ ލޯބިވާކަން މަށަށްވެސް އެނގިފައިއޮތީ. އެހެންވެ ދަރިންނަށް ގޯނާކުރެވެނީ. އެހެން ބަޔެއްގެ ދަރިން އެގޮތަށް އެއްލާލާފައި ދިޔައިރު ހިތަށް އެއްޗެކޭ ނޭރިއެއްނު. އަދި އަހަރެމެންގެ މަންމައަކީވެސް އެކަހަލަ އަންހެނެއް. ދެމީހުންނަށްވެސް ވަރުގަދަ ހިތުން ނުފިލާވަރުގެ ލަނޑެއްދޭނަން. ހުރިހާ ދަރިން ނައްތާލާނީ........"ރަވާންގެ އަޑު ގުގުމައިލިއެވެ. އެހެން އިންސާނެއްނަމަ ބިރުން ލޯލިތައް ކޮޅަށް ޖެހިގެންދާނެއެވެ. އިރުގަނޑެއްނުވެ ކައިދަންއަށް ފެނުނީ ސީލިންގައި އެކޮޅުކޮޅަށް އެލުވިގެން އޮތްތަނެވެ. ނުލަފާގޮތަކަށް ހީގަނެފައި ދެން ކުރިމަތިން ފައުޅުވިއިރުވެސް ދެފައިތިލަ ބިންމައްޗަކު ނުޖެހެއެވެ.

"އަހަރެން ހިތަށް އަރަނީ ކައިދަންއަށް ޖިންނިންގެ އެއްވެސް ސިފައެއް ނުލިބުނީ ކީއްވެހެއްޔޭ؟ އާއްމުކޮށް ޖިންނިންގެ ދަރިންގެ ބާރުތައް ހުރޭ. އެއްވެސް އާރެއް ބާރެއްނެތް އިންސާނަކަށް މަގޭ ކޮއްކޮ ވާންވީ ކީއްވެތަ؟" ރަވާން އެނދުގައި އިށީދެލިއެވެ."އަހަރެންވެސް މާމަ މަތިން ވަރަށް ހަނދާންވާނެ. މާމަ އެނގުނުތާ މާ ގިނަ ދުވަހެއްނުވަނީސް ވަކިވާން ޖެހުނުކަން ވަރަށް ދެރަ....."

"ތިހުރިހާ ބާރެއް ލިބިހުރެ ސޫފީ ސަލާމަތްނުކުރީ ކީއްވެ؟"

"މަރުވާންދެން ކައިދަން ތި ޝަކުވާ ނުހުއްޓާނެދޯ. ހަޒަލްމެންނަށް އެންމެ އަސަރުކުރާނީ ސޫފީ މަރުވީމަކަން ޔަގީން. ކޮންމެ ކަމެއްވާނީ ރަގަޅަށޭ. އެހެންނޫނަސް ކުޑަކުދިން މަރުވީމަ އުދުހިފައިދާނީ ސުވަރުގެއަށް........."

"ދުވަހަކު މާފެއްނުކުރާނަން. އަހަރެން މިދަނީ މާމަ ގާތަށް...."

"ސޫފީއާއި މާމަ ބައްދަލުވާނެ...."

"އަހަރެން ރަވާންއާއި ވާހަކަދައްކަން ބޭނުމެއްނޫން..."

"ޔަގީންތަ؟މަގޭ ހިތުގައި ރޯވެއްޖެ. އަހަރެމެންގެ ގައިގާ އިންސި ލެޔެއް ނެތް ވިއްޔަ........."

ކައިދަން ކަޅި އަޅާލާފައި ނުކުމެގެން ދާން ހިނގައިގަތެވެ.

***

ޚާތޫނު ކުޑަކޮށް ލޯ ހުޅުވާލާފައި ބަލައިލިއިރު އެންމެ ކުރިން ފެނުނީ މާމަ ދަރިފުޅު ކައިދަންއެވެ. ގާތުގައި ތިބި އެހެން މީހުންނަށްވެސް ލޯ ހިންގައިލުމުން ރޯޒަލީ ވަކިކުރަން އެނގުނަސް ދެން ތިބި މީހުން ރަގަޅަށް އޮޅުން ފިލާނެގޮތެއް ނުވިއެވެ. ލޮލުގެ ނޫރު ކެނޑި މޫނުމަތިން ވަރުބަލިކަން ފެނުނަސް އަނެއްހެން އެހާ ބަލިކަމެއް އެކަކަށްވެސް ރޭކާނުލިއެވެ. އަނގައިން ބުނާނެ ހަކަތައެއް ނެތުމުން ހަމައެކަނި އެ މަޑުމަޑު އަތުން އެންމެންގެ އަތުގައި ފިރުމައިލެވުނީއެވެ. ހިލްމާ މަންމައާއި ވާހަކަދައްކަން މަސައްކަތްކުރިއެވެ. ދަރިފުޅުކަމުގައި ބުނެ ހިތްހެޔޮކުރަން އެދުނެވެ. ޚާތޫނު ބޯ ޖަހައިލިއެވެ. ބޭހުގެ ސަބަބުން ވަރުބަލިވެ ނިދިއަންނަގޮތްވެފައި އޮތުމުން ލޯ ހުޅުވައިލާނެ ހިތްވަރެއް ނެތި ޚާތޫނު އޮތަސް މަޑުމަޑުން ގުރުއާންއިން ހިތު ދަސްވެފައިވާ ސޫރަތްތައް ކިޔަވަމުން ދިޔައެވެ.

***

އިރުއޮއްސި ވިލާތަކުގައި މަޑުމަޑު ފިޔާތޮށިކުލައެއް ޖެހެމުން ދިޔައިރު ހަނދުފަޅިއެއް ގަސްތަކުގެ ތެރެއިން ފެންނާން ހުއްޓެވެ. ބަލައިލާ ކޮންމެ ދިމާލަކުން ކުޅަދުންވަންތަކަން ފެންނަމުން ދިޔަގޮތާއިމެދު ވިސްނަން ޚަލީސީ ހުރެ ފޯނުން ފޮޓޯތައް ނަގާ ހަނދާނުގައި ރައްކާކުރަމުން ދިޔައެވެ. ވިލާތަކުން އެޅެމުންދާ އަކުރުތައް ކިޔަންވެސް މަސައްކަތްކުރިއެވެ. ބައެއްފަހަރު މުސަޅު އަސް ނޫނީ ދޫނިތަކުގެ އިތުރުން އަކުރުތައް ސިފަވާހެންވެސް ހީވިއެވެ. އެހެން ހުއްޓާ ފުރާޅުމަތިން ކަޅުކުލައިގެ ހިޔަންޏެއް ފެނި ސިހޭގޮތްވިއެވެ. އަވަސްވެފައިވާ ހިތަކާއެކު ހިނގައިގަތްތަނާ ފަހަތުން މީހެއްގެ ފިޔަވަޅު އަޑުއިވުނުހެން ހީވެގެން ބަލައިލިއިރު ޒުވާން އުމުރެއްގެ ފިރިހެނެކެވެ.

"ރޯޒްލީ؟"

"ނޫން. އަހަންނަކީ ރޯޒަލީއެއް ނޫން...މަޑުކޮށްލައްވާ.." ޚަލީސީ އެތެރެއަށް ވަދެ އެމާ ގާތުން އެހުމުން ބުނީ މަންމަ މަޣުރިބު ނަމާދަށް ވަނީ ދެންމެ ކަމަށާއި އިޝާ ކޮށްގެން ނޫނީ ނަމާދުގެއިން ނުނިކުންނާނެ ކަމުގައެވެ.ހައިސަމް ނިކުތުމުން އެމީހާ ބުނީ ރޯޒަލީ ބުނެގެން ފަންޑިތަ ހަދަންވެގެން އައީ ކަމަށެވެ. އެހާ ބޭނުންތެރި ކަމެއްގައި އައި މީހަކު އިންތިޒާރުގައި ނުބަހައްޓަންވެގެން ހައިސަމްގޮސް ނަމާދުގޭގައި ޓަކިދޭން ފެށުމުން ރޯޒަލީ ނިކުމެގެން އައީ ތަސްބީހަ ގުނަމުންނެވެ.

"އަޅުގަނޑަށް ކިޔަނީ ބުރުޤާން.......މޫސަބޭ ބަލިވެ އުޅޭތީ އަޅުގަނޑު ފޮނުވީ...."

"ޖިންނި ޝައިތާނުންނާއި ހަގުރާމަކުރަން ހާދަ ޒުވާން ސޮރެކޭ. މިކަންވާނެ ބާ........" ރޯޒަލީ ޝައްކުގެ ނަޒަރަކުން ބަލައިލިއެވެ.

"އަގުދޭނީ މިކަން ކޮޅެއްގައި ޖެހިއްޖެއްޔާ. އިފުރީތެއް ކީއްކުރަން އިބުލީސް އަޔަސް ކުޅި ދައްކާލާނަން. ކަމަނާއަށް އެނގިލައްވާތޯ؟ މިގެއަށް ވަންނައިރަށް އިންސީންގެ ބަދަލުގައި ސީދާ ޖިންނީންގެ ވަސް ނޭފަތުގައި ހަރުލީ. ވަރަށް ބޮޑަށް އަވަލާ ސުންނާފަތިވެފައި އޮތް ބިމެއްކަމާއިމެދު ޝައްކެއްނެތް. އިންސާނުން އުޅެން އެކަށީގެންވާ ތަނަކަށް މިފަހަރު ހަދާނަން........."ބުރުޤާންގެ އަޑުގައި ވި ޔަގީންކަމަކުން ރޯޒަލީ ނުތަނަވަސްވިއެވެ. ތަޖުރިބާއެއްނެތް ޅަ ޒުވާނަކަށް މިވަރުގެ ބޮޑުކަމަކާއި ކުރިމަތިލުމުގެ ގާބިލުކަން އެބަހުރިބާވައޭ ހިތާ ހިތުން ސުވާލުކުރެވުނެވެ. ބޮޑާކަމުގެ ހައްދެއްނެތް ވަރަށް ފޮނި ކެނޑުމަކީވެސް ބައެއް ސިހުރުވެރިންގެ ކަމެކެވެ. ވާހަކަދެއްކުމުގައި ހުރި އަދަބުވެރިކަމާއި އިހުތިރާމްކުރުމުގެ ސިފައިން ރޯޒަލީގެ ހިތުގައި އެ ޒުވާން ފަންޑިތަވެރިޔާއަށް ކުލުނުފަދަ އިހުސާސެއް ޖެހުނެވެ.

މާގިނައިރުތަކެއް ނުވަނީސް ބުރުޤާން ގޭގެ ހުރިހާ މެމްބަރުންނާއި ވާހަކަދައްކައިލަން ބޭނުންކަމަށް ބުނެ އެންމެން ސިޓިން ރޫމަށް ޖަމާކުރިއެވެ. ކޮންމެ މީހަކަށް ފެނުނު މަންޒަރުތަކާއި ޖިންނީންގެ ފަރާތުން ދިމާވާ އުދަގޫތައް ވަކިން ކިޔާދޭން އެދުނެވެ. އަދި ޖިންނީގެ ސަބަބުން ކުރިމަތިވެގެން އުޅޭ މުސީބާތްތަކުން ސަލާމަތްކޮށްދޭން އޭނައަށް ކުރެވިދާނެކަންތައް އަހަން އިންއިރު އޭނަގެ އޮމާން އަޑުގެ ޖާދޫގައި އެންމެން ޖެހިފައިވާފަދައެވެ. ގެއަށް އައި ސިހުރުވެރިޔާ ދެކޭހިތުން ކައިދަންއަށް ކެތްނުވެގެން ބޭރަށް ނުކުތުމާއެކު ބުމަ ކުޑަކޮށް ކައިރިކޮށްލެވުނެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވާލިއިރަށް މީހަކު އަނގައިގާ ހިފާ އައްސިކޮށްލިފަދައެވެ.

"މިއީ މިގެއިން އެންމެ ބޮޑަށް ޖިންނި އަވަލާފައި ހުރި ކުއްޖާ. އެކުއްޖާގެ ފަރާތުން އެއްވެސް އަލާމާތެއް ފެނޭތަ؟ އެންމެ ބޮޑަށް އެނގޭނީ އަންހެނުންނަށް ދޯ. މިބުނީ އެކަނި ހުރެ ވާހަކަ ދެއްކުންފަދަ މޮޔަ ކަންތައް ކޮށް އުޅޭ ދޯ.........." ބުރުޤާންގެ ނަޒަރު ހުއްޓުނީ ހަޒަލްގެ މޫނަށެވެ. ރޮއިރޮއި ރަތްވެފައިވާ ލޮލާއި ނޭފަތެކެވެ. ކޮންމެ އިރަކުވެސް ކަރުނަ އޮހިގެންފާނެފަދަ ލޮލެކެވެ. ހަޒަލްގެ ހިތަށް ބިރުވެރިކަން ވަނުމާއެކު ކައިދަންއަށް ބަލައިލެވުނެވެ. އެހާވަރުން ބޭރަށް ނާންނަން އޭނަ އެދުނީވެސް ފަންޑިތަވެރިޔާއަށް ކައިދަންގެ ހަގީގަތް ފަޅާ އަރާފާނެކަން އެނގޭތީއެވެ. ފަންޑިތަވެރިޔާއަށް ކައިދަންއަކީ އިންސާނެއްގެ ސިފައިގާ ހުރި ޖިންނިއެއްކަން އެނގޭނެ ނޫންހެއްޔެވެ؟ ކައިދަންއަށް ދެރަގޮތެއްވާން ހަޒަލް ނޭދެއެވެ.

ކައިދަން ނުރުހުމުގެ ނަޒަރަކުން ބަލާލާފައި އެތެރެއަށް ވަންނަން ހިނގައިގަތުމާއެކު ބުރުޤާން ބުނެލި ޖުމްލައިން އެންމެން ސިއްސުވާލައިފިއެވެ.

"ހަގީގަތުގައި އެއީ ޖިންނިއެއް. އިންސި މަންމައެއް ހުރުމުން އިންސާނެއްގެ ގޮތުގައި ދުނިޔޭގައި ހުރެވެނީ...."

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު