'ބަޑި'އެއް އޮތް ކަމަށް ބުނުމުން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު: ފިސްތޯލެއް އެތްކަމަށް ބުނުމުން ހައްޔަރުކުރި މީހާ ވަނީ ދޫކޮށްލާފައި -- ސަން ފޮޓޯ// ފަރީހާ އަބްދުﷲ

ފިސްތޯލު (ބަޑި)އެއް އޮތް ކަމަށް ބުުނުމުން ހދ. ހަނިމާދޫ އެއާޕޯޓުން އިއްޔެ ހައްޔަރުކުރި އެ އެއާޕޯޓްގެ މުވައްޒަފު ދޫކޮށްލައިފިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހަނިމާދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތުމުން ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަކޮށް ހަނިމާދޫ އެއާޕޯޓް މުވައްޒަފުން ބަލާ ފާސްކުރަމުން ދަނިކޮށް އެ ތަނުގެ މުވައްޒަފަކު ވަނީ އޭނާގެ އަތުގައި ފިސްތޯލައެއް އޮވެދާނެ މޭރުމަކުން ވާހަކަ ދައްކާފައެވެ.

އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި އޭނާ ވަނީ ވަގުތުން ހައްޔަރުކޮށްފައެވެ. އޭރު ރައީސް ޞާލިޙު ދަތުރުކުރައްވަމުން ގެންދެވި ފްލައިޓް ދިޔައީ އެ އެއާޕޯޓަށް ޖެއްސުމަށް ތައްޔާރުވަމުންނެވެ.

ހައްޔަރު ކުރި މުވައްޒަފު އިއްޔެ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ދާދި ފަހުން އައްޑޫ ސިޓީ، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް، ތިބި ދެމަފިރިއަކު ވެސް ވަނީ އަތުގައި ބޮމެއް އޮތް ކަމަށް ބުނުމުން ހައްޔަރު ކޮށްފައެވެ. އަދި ފަހުން އެ ދެމަފިރިން ވެސް ވަނީ ދޫކޮށްލާފައެވެ.

މަދުން ނަމަވެސް ރާއްޖޭގައި މިފަދަ އިންޒާރުތައް ސަމާސާއަކަށް ހަދާފައި ދީފައިހުރެއެވެ. މީގެ ކުރިން ވެސް ފްލައިޓްތައް ގޮއްވާލާނެ ކަމުގެ އިންޒާރު ދިން މީހުން ހައްޔަރު ކޮށްފައި އެބަހުއްޓެވެ. މިއީ ޓެރަރިޒަމްގެ މައްސަލައެއްގެ ގޮތުގައި ބަލާ ސީރިއަސް މައްސަލައެކެވެ.

comment ކޮމެންޓް