އެމެރިކާ ގެންދަނީ ދުނިޔޭގެ އަމަނާއި ސުލްހައަށް ނުރައްކާ ކުރަމުން: އުތުރު ކޮރެއާ

އުތުރު ކޮރެއާ ގެ މަންދޫބު އދ. ގައި ތަގްރީރު ކުރައްވަނީ

އދ. މަޖިލިސް (27 ސެޕްޓެމްބަރު 2022): އެމެރިކާ، ދެކުނު ކޮރެޔާއާ ގުޅިގެން ކޮރެއަން ޕެނިންސިއުލާގައި ހިންގަމުން ގެންދާ އަސްކަރީ ހަރަކާތްތަކުގެ ސަބަބުން ދެ ކޮރެޔާގެ ދެމެދުގައި ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ބޮޑުވެ ބައިނަލްއަގްވާމީ އަމަނާއި ސުލްހައަށް ނުރައްކާވަމުން ދާކަމަށް އުތުރު ކޮރެއާއިން ބުނެފިއެވެ.

އދ.ގެ އާންމު ޖަމްއިއްޔާގެ 77 ވަނަ ސެޝަންގައި ތަގްރީރު ކުރައްވަމުން އދ.އަށް ކަނޑައަޅާފައިވާ އުތުރުކޮރެޔާގެ ދާއިމީ މަންދޫބު ކިމް ސޮންގް ވިދާޅުވީ އެމެރިކާ ސިފައިން އެތައް ހާސް މޭލެއް ކަޑައްތުކޮށްފައި ކޮރެއަން ޕެނިންސިއުލާއަށް އައިސް އެތަނުގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އެއީ ބައިނަލްއަގްވާމީ އަމަނާއި ސުލްހައަށް އޮތް ބިރެއްކަމަށެވެ.

އެމެރިކާގެ 30 ހާސް ސިފައިން ބަރު ހަތިޔާރާއެކު ދެކުނުކޮރެއާގައި އަސްކަރީ ބޮޑު ބޭހެއް ގާއިމްކޮށް އެތަނުގައި އަސްކަރީ މަރުކަޒުތައް ހަދައިގެން ތިބެއެވެ. ދެކުނު ކޮރެއާގައި ތިބޭ އެމެރިކާ ސިފައިން ދެކުނު ކޮރެއާ ސިފައިންނާ ގުޅިގެން ފުޅާދާއިރާއެއްގައި އަސްކަރީ ތަމްރީނުތައް ކުރިއަށްގެންދެއެވެ. މި ތަމްރީންތައް ފަސް އަހަރު ވަންދެން ހުއްޓުމަކަށް ގެނެސްފައި އޮތުމަށްފަހު ދާދި ފަހުން ވަނީ އަލުން ފަށާފައެވެ.

އެމެރިކާއާއި ދެކުނު ކޮރެއާގެ އަސްކަރީ ތަމްރީންތަކުގެ އަމާޒަކީ އުތުރުކޮރެއާއެވެ. ދެކޮރެއާއާ ދެމެދުގައި ސުލްހަ ގާއިމް ނުކުރެވިގެން އުޅޭ ސަބަބަކީ އެމެރިކާ ކޮރެއަން ޕެނިންސިއުލާ ސަރަހައްދަށް ބާރާއި ނުފޫޒު ފޯރުވައި ހަންފަތުރަން ކުރާ މަސައްކަތްކަމަށް އުތުރު ކޮރެއާ ދެކެއެވެ.

އދ.ގައި ވާހަކަ ދައްކަވަމުން އުތުރުކޮރެއާގެ މަންދޫބު ވިދާޅުވި ގޮތުގައި އެމެރިކާއާއި ދެކުނު ކޮރެއާގެ އަސްކަރީ ތަމްރީނުތަކަކީ އުތުރުކޮރެއާ ވަރަށް ކަންބޮޑުވާ އަދި ބައިނަލްއަގްވާމީ ސުލަހައަށާއި މުޅި ސަރަަހައްދަށްވެސް ނުރައްކާތެރި އަމަލެކެވެ. މި ތަމްރީނުތަކުގެ ސަބަބުން ދެ ކޮރެޔާގެ ދެމެދުގައި ހަނގުރާމައެއް ފެށުމުގެ ފުރުސަތު ބޮޑުވެފައިވާ ވާހަކަ އުތުރު ކޮރެޔާގެ މަންދޫބު ތަކުރާރު ކުރެއްވިއެވެ.

އެމެރިކާގެ އަސްކަރީ އަމަލުތަކުގެ ސަބަބުން އަމިއްލަ ދިފާއަށް މަސައްކަތް ކުރަން އުތުރު ކޮރެޔާއަށް މަޖުބޫރުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އުތުރުކޮރެއާ ވެސް ގެންދަނީ އަމިއްލަ ނަފްސުގެ ދިފާއުގައި އަސްކަރީ ހަތިޔާރުތައް އުފައްދައި އެތަކެތި ތަޖުރިބާ ކުރަމުންނެވެ. މީގެ ތެރޭގައި ބަލިސްޓިކް މިސައިލް އާއި ނިއުކްލިޔާ ހަތިޔާރު ހިމެނެއެވެ.

ދެކުނު ކޮރެއާ ދެކޭ ގޮތުގައި އެމެރިކާ އާ ގުޅިގެން އަސްކަރީ ތަމްރީންތައް ބާއްވަންޖެހެނީ އުތުރުކޮރެއާގެ ފަރާތުން ކުރިމަތިވެދާނެ އަސްކަރީ ނުރައްކާތަކަށް ތައްޔާރުވުމުގެ ގޮތުންނެވެ. އަދި ދެކުނު ކޮރެއާގައި އެމެރިކާގެ އަސްކަރީ ބޭހާއި އަސްކަރީ މަރުކަޒުތައް ގާއިމްކޮށް އެމެރިކާ ސިފައިން ބަރުހަތިޔާރާއެކު ތިބެނީވެސް އުތުރު ކޮރެއާގެ ކިބައިން ދިފާއުވުމަށް ކަމަށް ބުނެ ދެކުނު ކޮރެއާ ބަހަނާތައް ދައްކަމުން ގެންދެއެވެ.

މިމައްސަލަ ހައްލުކުރެވޭނީ ދެކޮރެއާގެ ގުޅުންތައް ބަދަހިކޮށް އެދެގައުމުގެ ދެމެދުގައި އިތުބާރު ގާއިމްކޮށްގެންކަމަށްވާއިރު މިކަމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ އެމެރިކާ ކަމަށް އުތުރުކޮރެއާ ދެކެއެވެ.

ދެކޮރެއާ ދެމެދުގައި އިތުބާރު ގާއިމް ކުރެވިއްޖެނަމަ ދެކުނު ކޮރެއާއިން އެމެރިކާ ސިފައިން ފައިބަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ދެކުނު ކޮރެއާއިން އެމެރިކާ ސިފައިން ފޭބުމަކީ ކޮރެއާ ސަރަހައްދަށް ބާރާއި ނުފޫޒު ފޯރުވައި އެސަރަހައްދުގައި ހަންފަތުރަން އެމެރިކާއަށް ދަތިވާނެކަމެކެވެ. އެހެންކަމުން މިކަން ނުކުރެވޭނެ ގޮތެއްވޭތޯ އެމެރިކާ ބަލާނެއެވެ.

ރީނދޫ ކަނޑާއި ކޮރެއާ ސަރަހައްދުގައި ހަންފެތުރުމުގައި އެމެރިކާގެ މަގުސަދަކީ ޗައިނާއާއި ރަޝިއާއަށް ފިއްތުންތައް ކުރިމަތި ކުރުމާއި އެސަރަހައްދުގެ ގައުމުތަކަށް ބާރާއި ނުފޫޒު ހިންގުމެވެ. މިކަމަށްޓަކައި އެމެރިކާ ވަނީ ޖަޕާނުގައި ވެސް އަސްކަރީ ބޭހާއި އަސްކަރީ މަރުކަޒުތައް ގާއިމުކޮށް 40 ހާހަށްވުރެ ގިނަ ސިފައިން ބަރު ހަތިޔާރާއެކު ބައިތިއްބާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު