ދިވެހިބަހުގެ އެކެޑަމީން ސްކޫލްތަކާ ގުޅިގެން ޤައުމީ ދުވަސް ފާހަގަކޮށްފި

ދިވެހި ބަހުގެ އެކެޑަމީން ރާއްޖޭގެ ސްކޫލުތަކާ ގުޅިގެން ގައުމީ ދުވަސް ފާހަގަކޮށްފިއެވެ.

ދިވެހި ބަހުގެ އެކެޑަމީން ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އޮންލައިންކޮށް ބޭއްވި މަޢުލޫމާތު ދިނުމުގެ މި ސެޝަންގައި ސަތޭކައަށްވުރެ ގިނަ ސްކޫލުން 4000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި.

މި ޕްރޮގްރާމްގައި މައުލޫމާތު ދެއްވަމުން ދިވެހި ބަހުގެ އެކެޑެމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ވިދާޅުވީ ދިވެހީންނަށް ދިވެހީންނޭ ބުނުމުގެ ބާރާއި އިޚްތިޔާރު ލިބުނީ ދިވެހި ބަހުގެ ސަބަބުންކަމަށެވެ. އަދި ދިވެހި ބަހުގެ ސަބަބުން ދިވެހީންނާއި ދުނިޔޭގެ އެހެން މީހުންނާ ވަކިކޮށްދޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"...ގައުމުތަކުގެ މީހުން ވަކިކޮށްދިނުމަށް، އަޅުގަނޑުމެންނަކީ ކޮންބައެއްކަން އަންގައިދޭ އެންމެ ވަރުގަދަ ފާހަގައަކީ ދިވެހި ބަސް އަޅުގަނޑުމެނަށް ލިބިދިންކަން،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދުގެ ތައުލީމީ ނިޒާމްގެ 99.9 ޕަސަންޓު ބިނާވެފައި ވަނީ އިނގިރޭސިބަހަށްކަމަށެވެ. އެހެންކަމުން ދަރިވަރުންގެ ވިސްނުމާއި ދަރިވަރުންގެ ފޮތްތެރިކަމާއި އަމަލީ މަސައްކަތް ބިނާވަނީ އިނގިރޭސިބަހުން ކަމަށާއި ނަތީޖާއެއްގެ ގޮތުން ދަރިވަރުންގެ ގައިގައި ހުންނަން ޖެހޭ ދިވެހި ވެށީގެ ކަންކަމުގެ ވިސްނުން ކޮށިވެފައިވާކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.

"ދަރިވަރުންނަށް މި އެނގެނީ ބައޮލޮޖީ ފޮތާ، ކެމިސްޓްރީ ފޮތާ، ފިޒިކްސް ފޮތާ، ހިސާބު ފޮތާ ދެން ހުރި ފޮތެއްގަ ހުރި އިނގިރޭސި މައުލުމާތުކޮޅު އެކަނި،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

ދަރިވަރުން ފިޝަރީޒް ސައިންސް ވެސް ކިޔަވަނީ އިނގިރޭސިބަހުން ކަން ޑރ. އަޝްރަފް ފާހަގަކުރެއްވިއެވެ. އެކަމުގެ ސަބަބުން މަސްވެރިކަން ކުރުމާއި ލޭނު އެޅުމާއި ފަރުމަސް ބާނަން ދިއުމާއި ވަދު ހައްލަން ދިއުމާއި ވަދު ކޫއްތަން ދިއުމާއި ބޮޑު މަސް ބާނަން ދިއުމާ މި ހުރިހާ އެއްޗެއްގެ ނަންތައް އިނގިރޭސި ބަހަށް ބަދަލުވެ ދިވެހި ބަހުގެ މުއްސަނދިކަން ގެއްލިދާން ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދު ލޭނުއެޅުމެއް ވެސް ނެތް، ވަދާ ދިއުމެއް ވެސް ނެތް. ހުރިހާ އެއްޗެއް އިނގިރޭސިއަށް ބަދަލުވީ،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

މި މައުލޫމާތު ދިނުމުގެ ސެޝަންގައި ވާހަކަދައްކަވަމުން އަލްއުސްތާޛު މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ ދިވެހީންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މުޖުތަމައުގައި ހަރުދަނާކަމުގެ ސިފަ ނިސްބަތް ކުރެވޭ ޒުވާނުންނާއި މީހުން ގައުމާމެދު އުންމީދުކުރާކަމުގެ އިހުސާސް ކުޑަވުންކަމަށެވެ. އެގޮތުން އެންމެން ވެސް މުސްތަގުބަލާމެދު އެންމެ ކުޑައިރުން ފެށިގެން ވިސްނި ނަމަވެސް މުޖުތަމަޢުއައަށް ޚިދުމަތެއް ކޮށްދޭން ވިސްނަނީ ކިތައް މީހުން ތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

މިއީ މިއަދުގެ ދަރިވަރުން މިއަދު ވަރަށް ފުންކޮސް ވިސްނަންވީ ކަމެއްކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ދިވެހި ބަހުގެ އެކެޑެމީން ގައުމީ ދުވަސް ފާހަގަކުރުން -- ފޮޓޯ/ ދިވެހި ބަހުގެ އެކެޑެމީ

"މުޖުތަމައުއާ އަޅުގަނޑު ބައްދަލުކުރި ހާލަތަށްވުރެ ރަނގަޅު ހާލަތެއްގައި އަޅުގަނޑުގެ ފަހުން އަންނަން ތިބި މީހުނަށް މުޖުތަމައު ދޫކުރުމުގެ ހުވަފެން ދެކެން އެބަ ޖެހޭ،" ފިރުޒުލް ވިދާޅުވިއެވެ.

އޭގެމާނައަކީ ކޮންމެ މީހަކީ އެމީހަކު ވަކިވާދުވަހު ގައުމު އޭނާއަށްޓަކައި ކަރުނަ އަޅާ ރޯފަދަ މަގާމެއްގައި ހުންނަންޖެހޭ މީހެއް ނޫންކަމަށް ފިރުޒުލް ވިދާޅުވިއެވެ. ނަމަވެސް ގައުމަށް ޚިދުމަތްކުރުމުގެ އުންމީދު ކުރާ ހިތްތައް ގިނަވެއްޖެ ގައުމެއް އުފާވެރިވާނެކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މުޖުތަމައުގެ ހާލަތު ބަދަލުކުރުމަށް އަޒުމް ކަނޑައަޅައިގެން މަސައްކަތްކުރާނަމަ މުޖުތަމައުގެ ހާލަތު މިއަށްވުރެ ރަނގަޅުވާނެކަމަށް ފިރުޒުލް ވިދާޅުވިއެވެ.

comment ކޮމެންޓް