ޕާކިސްތާނުގައި ފެންބޮޑުވުމާ ގުޅިގެން ނުރައްކާތެރި ބަލިތައް ފެތުރެނީ

ޕާކިސްތާނަށް އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެފައި -- ފޮޓޯ/ އޭޕީ

އަވައްޓެރި ޕާކިސްތާނަށް ކުރި ވިއްސާރައިގައި އެ ގައުމުގެ ބޮޑު ބައެއްގައި ފެންބޮޑުވުމާ ގުޅިގެން ނުރައްކާތެރި ބަލިތައް ފެތުރެން ފަށައިފިއެވެ.

ފެނުގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ޕާކިސްތާނުގައި ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، ސާފު ބޯފެނާއި ރަނގަޅު ސިއްހީ ފަރުވާއެއް ނުލިބުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ ބަލީގައި ހާލުބޮޑުވަމުންނެވެ.

ކޮލެރާ، ޑެންގީ ހުން އަދި ރީނދޫ ހުން ފަދަ ބަލިތައް ހަލުވިކަމާއެކު ފެތުރެމުން ދާއިރު، އެ ގައުމުގެ ސިންދު ޕްރޮވިންސުގައި މި އަދަދުތައް ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ.

ސިންދު ޕްރޮވިންސުގައި ދިހަ ހާހަށް ވުރެ ގިނަ ސިއްހީ އެހީތެރިން ހަރަކާތްތެރިވަމުން އަންނައިރު، ވަސީލަތްތައް މަދުވުމުގެ ސަބަބުން ފަރުވާ ހޯދުމުގައި އާންމުންނަށް ގިނަ ތަކުލީފުތަކާ ވަނީ ކުރިމަތިވެފައެވެ.

ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 10 ކުޑަކުދިން ފެނުގެ ޒަރިއްޔާއިން ފެތުރޭ އެކިއެކި ބަލިތަކުގެ ސަބަބުން ދަނީ މަރުވަމުންނެވެ. އަދި މަދިރި ގިނަވުމުގެ ސަބަބުން ޑެންގީ އަދި މަލޭރިއާ ފަދަ ބަލިތައް ފެތުރޭ މިންވަރު އަވަސްކަން ފާހަގަކޮށްލެވެއެވެ.

މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުން ހާމަކޮށްފައިވާ ގޮތުގައި ޕާކިސްތާނަށް ސިއްހީ އެހީތެރިކަން ފުޅާ ދާއިރާއެއްގައި ނުލިބޭނަމަ، ހާލަތު އިތުރަށް ދާނީ ގޯސްވަމުންނެވެ.

ޕާކިސްތާނަށް ކުރި ވިއްސާރައިގައި އެ ގައުމުގައި ފެންބޮޑުވެ، 1500 މީހުން މަރުވެފައިވާއިރު، ލިބުނު ގެއްލުންތަކުގެ އަދަދު 30 ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް އަންދާޒީ ރިޕޯޓުތަކުން ބުނެއެވެ.

ދުނިޔެ ހޫނުވުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާނެ ގައުމުތަކުގެ ތެރޭގައި ޕާކިސްތާން ހިމެނޭއިރު، މިފަހަރުގެ ވިއްސާރައަކީ ޕާކިސްތާނަށް ރިކޯޑު އަދަދަކަށް ވާރޭ ވެހުނު ވިއްސާރައެއްކަން ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް