ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރު އިސްތިއުފާދެއްވައިފި

ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރު މިފްތާހު އިސްމާއިލް--- ފޮޓޯ: އޭއެފްޕީ

ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރު މިފްތާހު އިސްމާއިލް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޕާކިސްތާނަށް އިގުތިސާދީ ހީނަރުކަމެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި މިފްތާހު އިސްތިއުފާ ދެއްވިކަން ހާމަކޮށްފައިވަނީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

އޭނާގެ ޓްވީޓުގައި ބުނެފައިވަނީ، ނަވާޒް ޝަރީފާއި ޝެހެބާޒް ޝަރީފާއެކު ބޭއްވި ބައްދަލުވުމެއްގައި އޭނާ މަގާމުން އިސްތިއުފާދެއްވާނެކަން ހާމަކުރައްވާފައިވާ ކަމަށެވެ. އަދި ޕާކިސްތާނަށް ވަޑައިގެން ރަސްމީކޮށް އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާނެކަމަށް މިފްތާހު ވަނީ ވިދާޅުވެފައެވެ.

މިފްތާހު އިސްމާއިލް އާއި ޝަރީފް މިވަގުތު ތިއްބެވީ އިނގިރޭސިވިލާތުގެ ލަންޑަނުގައެވެ.

ޕާކިސްތާނުގެ އިގުތިސާދީ ހާލަތު ގޯސްވެ، އެ ގައުމުގެ ކަރަންޓް އެކައުންޓް ޑެފިސިޓް ވަނީ ބޮޑުވެފައެވެ. މީގެ ސަބަބުން އެ ގައުމުގެ ވިޔަފާރިތަކަށާއި އާއިލާތަކަށް ވަނީ ގެއްލުންތަކާ ކުރިމަތިވެފައެވެ.

ހަމައެހެންމެ، ޕާކިސްތާނަށް ކުރި ވިއްސާރައިގައި އެ ގައުމުގައި ފެންބޮޑުވެ، 1500 މީހުން މަރުވެފައިވާއިރު، ލިބުނު ގެއްލުންތަކުގެ އަދަދު 30 ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް އަންދާޒީ ރިޕޯޓުތަކުން ބުނެއެވެ.

ވޯލްޑް ބޭންކުން ޕާކިސްތާނަށް ދެ ބިލިއަން ޑޮލަރު ދިނުމަށް ހަމަޖެހިފައިވާއިރު، އދ. އިން އެދިފައިވާ ގޮތަށް ފްލަޑް ރިލީފުގެ ގޮތުގައި 850 މިލިއަން ޑޮލަރު އެ ދެ ބިލިއަން ޑޮލަރުގެ ތެރޭގައި ހިމެނެއެވެ.

މިފްތާހު އިސްމާއިލަކީ ފާއިތުވި ހަތަރު އަހަރުދުވަހުގެ ތެރޭގައި ފިނޭންސް މިނިސްޓަރުކަމުން އިސްތިއުފާދެއްވި ފަސް ވަނަ ބޭފުޅާއެވެ. ދެ ފަހަރެއްގެ މަތިން މިފްތާހު ވަނީ އެ ގައުމުގެ ފިނޭންސް މިނިސްޓަރުކަން ކޮށްފައެވެ.

comment ކޮމެންޓް