އީޓަލީގެ ހައްދު ފަހަނަޅާފައިވާ ލީޑަރު ޖޯޖިޔާ މެލޯނީ އެ ގައުުމުގެ އިންތިޚާބު ކާމިޔާބު ކުރައްވައިފި

އިޓަލީގެ ހައްދު ފަހަނަޅާފައިވާ ލީޑަރު ޖޯޖިއާ މެލޯނީ

ރޯމު (26 ސެޕްޓެމްބަރު 2022) : އިޓަލީގައި އިއްޔެ ބޭއްވި އާންމު އިންތިޚާބު ކާމިޔާބު ކޮށްފިކަން އެގައުމުގެ ހައްދު ފަހަނަޅާފައިވާ ކަނާތުފިޔައިގެ ލީޑަރު ޖޯޖިޔާ މެލޯނީ އިއުލާން ކުރައްވައިފިއެވެ.

އިންތިޚާބުގެ ނަތީޖާ ރަސްމީކޮށް އަދި އިއުލާނު ކޮށްފައި ނުވިނަމަވެސް ސަޕޯޓަރުންނާ މުޚާބަތު ކުރައްވައި މެލޯނީ މިއަދު ވިދާޅުވީ އިއްޔެ ބޭއްވި އާންމު އިންތިޚާބު ކާމިޔާބުކުރީ އޭނާގެ ޕާޓީކަމަށްވާ "ބްރަދާސް އޮފް އިޓަލީ" ކަމަށާއި އިޓަލީގައި އެކުލަވާލާ އާ ސަރުކާރުގެ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ އޭނާ ކަމަށެވެ.

އިޓަލީގައި ވޯޓުލި މީހުންގެ މެދުގައި ކުރިސާވޭއެއްގެ ނަތީޖާ ދައްކާގޮތުން އިއްޔެ ބޭއްވި އާންމު އިންތިޚާބުގައި ޕާލަމެންޓްގެ އެންމެ ގިނަ ގޮނޑި ހޯދާނީ "ބްރަދާސް އޮފް އިޓަލީ" ޕާޓީއެވެ. މިހާތަނަށް ގުނާފައިވާ ވޯޓުތަކަށް ބަލާއިރުވެސް އެއް ޕާޓީއަކުން އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވާ ޕާޓީއަކީ މެލޯނީގެ "ބްރަދާސް އޮފް އިޓަލީ" ޕާޓީއެވެ. ނަމަވެސް ކޯލިޝަނަކާ ނުލައި ވެރިކަމަށް އާދެވޭ ވަރަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު އެޕާޓީއަށް ލިބޭނެކަމަކަށް ނުބެލެވެއެވެ.

އިޓަލީގެ ގާނޫނުތައް އޮންނަ ގޮތުން ޕާލަމެންޓްގެ އަޣްލަބިއްޔަތު ނުލިބުނު ނަމަވެސް އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވާ ޕާޓީއެއްގެ ވެރިއަކާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ހަވާލުކުރެވޭނެއެވެ.

މެލޯނީ ވިދާޅުވިގޮތުގައި އިޓަލީގައި އެކުލަވާލާ އާ ސަރުކާރުގެ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ އޭނާއެވެ. އޭނާގެ ޒައާމަތުގައި އެކުލަވަލާ ކޯލިޝަންގައި ހިމެނޭނީ މުޅިންވެސް ކަނާތު ފިޔައިގެ ޕާޓީތައް ކަމަށާއި އެ ކޯލިޝަނަށް އިޓަލީގެ ޕާލަމެންޓްގެ އަޣްލަބިއްޔަތު ލިބޭނެކަމަށް މެލޯނީ ވިދާޅުވެފައިވެއެވެ.

މިއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އިޓަލީގެ ބޮޑުވަޒީރުކަމަށް ހައްދު ފަހަނަޅާފައިވާ ކަނާތުފިޔައިގެ ބޭފުޅަކު ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ޖޯޖިޔާ މެލޯނީ އަކީ ޒުވާން އަންހެން ބޭފުޅެކެވެ. އެކަމަނާއަކީ އިޓަލީއަށް ހިޖުރަކޮށްގެންއުޅޭ ބޭރުގެ ހިޖުރަވެރިން އެ ގައުމުން ބޭރުކޮށްލުމަށާއި ހިޖުރައިގެ ދޮރު އެއްކޮށް ބަންދުކުރުމަށް ފާޅުގައި ގޮވާލައްވާ ބޭފުޅެކެވެ.

މެލޯނީ އަކީ ޔޫރަޕްގެ އިއްތިހާދާ ވެސް ވަރަށް އިދިކޮޅު ބޭފުޅެކެވެ. ޔޫރަޕްގެ އިއްތިހާދަކީ ޒަމާނާ ނުގުޅޭ އަދި ބޭކާރު ޚަރަދުތައް ކުރާ ބުރަދަނެއް ނެތް އިއްތިހާދެއް ކަމަށް މެލޯނީ ވަނީ އެތައް ފަހަރަކު ސިފަ ކުރައްވާފައެވެ. މީގެ އިތުރުން މެލޯނީ އަކީ އެމެރިކާއާއި ޔޫރަޕަށް ހިންގަމުން ގެންދާ ބާރާ ނުފޫޒާ ވެސް އިދިކޮޅު ބޭފުޅެކެވެ.

އެހެންކަމުން މެލޯނީގެ ވެރިކަމުގައި އިޓަލީއަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް ވަނީ ބެލެވިފައެވެ. އެއީ މެލޯނީ އިދިކޮޅު ހައްދަވާ މައިގަނޑު ކަންކަމަކީ އިޓަލީގައި ޒަމާނުއްސުރެ ހަރުލައި އޭގެމައްޗަށް އިޓަލީގެ އިގްތިސާދު ބިނާވެފައިވާ ކަންކަމެވެ. މީގެތެރޭގައި ދޮން ނޫން ނަސްލުގެ ބޭރުގެ ހިޖްރަވެރިން އިޓަލީގެ އިގްތިސާދުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެފައިވުމާއި އިޓަލީގެ އިގްތިސާދަކީ ޔޫރަޕްގެ އިއްތިޙާދުގެ ބަޔަކަށްވެފައިވުމާ އަދި އެމެރިކާގެ އަސްކަރީ ބޭސްތަކާއި ސިފައިން އިޓަލީގައި ތިބޭތީ އަސްކަރީގޮތުން އިޓަލީ އެމެރިކާއާ ގުޅި ލާމެހިފައިވާތީއެވެ.

މީގެއިތުރުން މެލޯނީއަކީ ޔުކްރެއިންއާ ދެކޮޅަށް ރަޝިއާ ފަށާފައިވާ ހަނގުރާމައިގާ ޔުކްރެއިންއަށް އެހީތެރިވުމަށް ވެސް ކަނޑައެޅިގެން ދެކޮޅު ހައްދަވާ ބޭފުޅެކެވެ. އަދި ޔުކްރެއިންގެ ބަދަލުގައި ރަޝިއާ އާއި އިޓަލީގެ ގުޅުންތައް ވަރުގަދަ ކުރަންވެސް ބޭނުންވާ ބޭފުޅެކެވެ.

އީޓަލީގެ ވެރިކަމަށް ހައްދު ފަހަނަޅާފައިވާ ކަނާތުފިޔައިގެ ޕާޓީއެއް އަންނައިރު ޔޫރަޕްގެ އެހެން ގައުމުތަކުގެ ވެރިކަންތައް ވެސް ކައިރި މުސްތަގްބަލެއްގައި މިފަދަ ހަރުކަށި ޕާޓީތަކުގެ އަތްދަށަށް ދިޔުމުގެ ކޮޅުމަތިވަނީ ފެށިފައެވެ. އެންމެފަހުން ފަރަންސޭސި ވިލާތުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ދެވަނައަށް އެންމެ ގިނަ ވޯޓު ހޯދާފައި ވަނީ އެ ގައުމުގެ ހައްދު ފަހަނަޅާފައިވާ ކަނާތުފިޔައިގެ ލީޑަރު މޭރީ ލޮޕޭންއެވެ. ލޮޕޭންގެ ހަރުކަށި ފިކުރުގެ ޕާޓީއާއި އެ ޕާޓީގެ ހަރުކަށި ފިކުރަށް ތަބާވާ ކަނާތު ފިޔައިގެ އެހެން ޕާޓީތައް ވަނީ ފަރަންސޭސި ޕާލަމެންޓްގައި ވެސް ވަރަށް ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފައެވެ.

އުމުރުން 45 އަހަރުގެ ޖޯޖިޔާ މެލޯނީ އަކީ ހިޓްލަރުގެ ބައިވެރިޔާ ކަމަށްވާ އިޓަލީގެ ކުރީގެ ޑިކްޓޭޓަރު އަދި ފޭސިސްޓް ލީޑަރު ބިޓީނޯ މޯސިލީނީއަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް