ނަދީމްގެ މަރުގެ މައްސަލައިގެ ހުކުމް އިއްވުން އަނެއްކާ ވެސް ފަސްކޮށްފި

ނަދީމްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ހަތަރު މީހުން ---

ޓާމިނަލް ކެފޭ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ، ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައިގެ ހުކުމް ކުރުން ދެ ވަނަ ފަހަރަށް ފަސް ކޮށްފިއެވެ.

ނަދީމަށް ވަޅިން ހަމަލާ ދީފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު ޓާމިނަލް ކެފޭ ތެރޭގައި އިންދައެވެ. ނަދީމް މަރުވެފައި ވަނީ، ހަމަލާއިން ލިބުނު ޒަހަމްތަކަށް ފަރުވާ ކުރަނިކޮށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި އޭގެ ދެ ދުވަސް ފަހުންނެވެ.

އެ މައްސަލައިގެ ހުކުމް ކުރަން އެންމެ ފުރަތަމަ ތާވަލްކުރީ މާޗް މަހުގެ 31 ވަނަ ދުވަހަށެވެ. ނަމަވެސް އެ ތާރީހު ފަހަނަ އަޅައި ގޮސް އޭގެ ފަސް މަސް ފަހުން އިތުރު އަޑުއެހުމެއް ބޭއްވިއެވެ. އެއީ ޝަރީއަތުން ބައެއް ކަންތައްތައް ސާފުކުރުމަށް ބޭނުންވާތީއެވެ. އެ ދުވަހުގެ އަޑުއެހުން ނިންމާލައްވަމުން މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ މި މަހުގެ 15 ގެ ކުރިން ހުކުމް ކުރައްވާނެ ކަމަށެވެ.

ނަމަވެސް އެ ދުވަސް ފަހަނައަޅައި ސެޕްޓެމްބަރު ނިމުމާ ގާތް ވެފައި ވަނިކޮށް މިއަދު އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ނިންމައި ވަކީލުންނަށް ވެސް އެކަން އެންގިއެވެ. ނަމަވެސް އެ އަޑުއެހުން ބޭއްވޭ ގޮތެއްނުވިއެވެ. ސަބަބެއް ކްރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.

ނަދީމުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށާއި، ރ. އިންނަމާދޫ ސަމަންތާ، ހުސައިން ޝާމިންއާއި، ގއ. ގެމަނަފުށީ ހަވާސް، މުޙައްމަދު ކަރަމް ސުލައިހުގެ އިތުރުން ލ. ގަން، ވިދާތަރި ޢަލީ ނިފާޒުގެ މައްޗަށެވެ.

އެ މައްސަލާގައި މަފާޒުގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާއެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލާފައި ވަނީ ޝާމިންއާއި، ކަރަމްއާއި ނިފާޒުގެ މައްޗަށެވެ.

ނަދީމްގެ މަރާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުންނާ ދެކޮޅަށް ހެކިބަސް ދިން ބައެއް މީހުން ވަނީ ހެކިބަސް އަނބުރާ ގެނެސްފައެވެ. އަދި ބައެއް ހެކިވެރިން ވަނީ ހެކިބަސް ދިނުމަށް އުޒުރުވެރި ވެސް ވެފައެވެ.

މީގެ ކުރިން އެ މައްސަލައިގައި ދުއުލަތުން ހުށަހެޅި ބައެއް ހެކިވެރިން ހެކިބަސް ދިންފަހުން މާލޭގައި ވަނީ ސިލްސިލާ މާރާމާރީ ތަކެއް ވެސް ހިންގާފައެވެ. ހެކިބަސް ދިނުމާ އެ މާރާމާރީތަކާ ގުޅިފައިވާ ކަމުގެ އަޑުތަކެއް ވެސް ފެތުރުނެވެ.

comment ކޮމެންޓް