އަހަރު ތަކަކަށް ފަހު "ފައިނަލް ޑެސްޓިނޭޝަން"ގެ އާ ބައެއް!

ގިނަ ބައެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ގޯ" ބިރުވެރި ފިލްމު ފްރެންޗައިޒް "ފައިނަލް ޑެސްޓިނޭޝަން"ގެ އާ ބައެއް ނެރުމަށް ތައްޔާރުވެއްޖެއެވެ.

ފާޑު ފާޑުގެ ބިރުވެރި ގޮތްގޮތަށް ކެރެކްޓަރުން މަރުވާ ފައިނަލް ޑެސްޓިނޭޝަންގެ ފިލްމެއް އެންމެ ފަހުން ރިލީޒްކޮށްފައިވަނީ 2011 ވަނަ އަހަރުގައެވެ. ޖެހިޖެހިގެން ގާތްގާތުގައި ފައިނަލް ޑެސްޓިނޭޝަންގެ ފަސް ބައި ނެރެ، ބޮޑު ބްރޭކަކަށް ފަހު ދެން ނެރުމަށް ހަމަޖެހިފައިވަނީ ފައިނަލް ޑެސްޓިނޭޝަން 6 އެކެވެ.

ސީރީޒް އަލުން ރީބޫޓް ކުރުމުގެ ބަދަލުގައި ސީރީޒް ނިމިފައި އޮތް ހިސާބުން ފެށުމަށް ހަމަޖެހިފައިވާއިރު އާ ފިލްމަށް ވަނީ މިހާރު ޑައިރެކްޓަރުން ހަމަޖެހިފައެއެވެ. މި ފިލްމު ޑައިރެކްޓު ކުރުމަށް ހަމަޖެހިފައިވަނީ ޒެކް ލިޕޮވްސްކީ އާއި އެޑަމް ބީ ސްޓައިންއެވެ. އެކީގައި ފިލްމު އުފެއްދުމަށް މަގުބޫލު ދެމީހުންނަކީ ފިލްމު ޑައިރެކްޝަނަށް ވަތްތާ މާ ގިނަ ދުވަސްތަކެއް ވެފައިވާ ބައެއް ނޫނެވެ.

ދެ މީހުން އެންމެ ފުރަތަމަ ފިލްމެއް ނެރެފައިވަނީ 2016 ވަނަ އަހަރުގައެވެ. "ފްރީކްސް" ނަމުގައި ނެރުނު ފިލްމަކީ ސައިފައި ތުރިލާ ފިލްމެކެވެ. އެއާއެކު ދެމީހުންނަކީ ތަފާތު އެކި ކަހަލަ ފިލްމުތައް ހެދުމަށް ގާބިލު ދެމީހުން ކަމަށް ދެމީހުން ބުނެއެވެ.

އާ ފިލްމުގެ ޕްލޮޓާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހަ ވަނަ ފިލްމު ރިލީޒްކުރާނެ ކަމަށް ލިޕޮވްސްކީ އާއި ސްޓައިން ބުނެއެވެ.

comment ކޮމެންޓް