ޖެލީ ފިޝް ހެއާ ސްޓައިލް: މިހާރު މިވަރެއް ނެތް!

ސްޓައިލް ބަދަލުކޮށްލައި މީހާގެ ބޭރު ފުށަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނައުމަކީ ވަރަށް ގިނަ ފަހަރަށް މީހާ އަށް ނަފުސާނީ ގޮތުން ވެސް ހެޔޮ ބަދަލެއް އައުމަށް އެހީތެރިވެދޭ ކަމެކެވެ. އޭގެތެރެއިން އެންމެ ގިނަ ބަޔަކު ހިޔާރު ކުރާ އެއް ކަމަކީ އިސްތަށިގަނޑު ކޮށުމެވެ. ނަތީޖާއެއްގެ ގޮތުން އިސްތަށިގަނޑުގެ ސްޓައިލަކީ ވަރަށް ފަސޭހައިން ބަދަލުވާ ކަމެކެވެ. މި ދުވަސްކޮޅު އެންމެ ޓްރެންޑުވާ އެއް ސްޓައިލަކީ "ޖެލީ ފިޝް" ހެއާ ސްޓައިލެވެ.

ޓިކްޓޮކް އާއި ސޯޝަލް މީޑިއާ މެދުވެރިކޮށް މި ދުވަސްކޮޅު ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލުވެފައިވާ ހެއާ ސްޓައިލަކީ ޖެލީ ފިޝް ސްޓައިލެވެ. އެހެންވީމާ ތަފާތު ސްޓައިލެއް ޓެސްޓު ކޮށްލައި މުޅި މީހާގެ ކޮންފިޑެންސް އިތުރުކުރަން މިއީ ޓެސްޓު ކޮށްލަން ރަނގަޅު ސްޓައިލެކެވެ.

ޖެލީ ފިޝް ސްޓައިލަކީ ދިގު އިސްތަށިގަނޑެއް ގެންގުޅޭ އެންމެނަށް ވެސް ޓެސްޓުކޮށްލެވޭނެ ސްޓައިލެކެވެ. އިސްތަށިގަނޑު ދިގުވެ އިތުރަށް ބޮލަށް ހަނދާނެ ގޮތެއް ނޭނގިގެން އުޅޭ ނަމަ މިއީ އެންމެ ރަނގަޅު ވަގުތެވެ.

މި ސްޓައިލަށް ޖެލީ ފިޝް ސްޓައިލޭ ކިޔައި އުޅެނީ ޖެލީ ފިޝް އެއްހެން އިސްތަށިގަނޑު ސިފަ ވާތީއެވެ. މި ސްޓައިލުގައި އިސްތަށިގަނޑުގެ ކުރިމައްޗާއި އަރިމަތި ހުންނާނީ ކުރުކޮށް ކޮށާލާފައެވެ. ބައެއް މީހުން ކޮނޑާ ހިސާބަށް ކޮށާލާއިރު އަނެއްބައި މީހުން އެއަށްވުރެ ތަންކޮޅެއް މައްޗަށް ކޮށާލައެވެ. ނަމަވެސް އިސްތަށިގަނޑުގެ ފަހަތް ހުންނާނީ ދިގުކޮށް ބަހައްޓާފައެވެ.

މި ސްޓައިލަކީ މި ފަހަކަށް އައިސް ޓްރެންޑް ވެފައިވާ "މުލެޓް" ސްޓައިލާ ގާތް ކުރާ ސްޓައިލެކެވެ.

ބައެއް ސްޓައިލިސްޓުން ބުނާގޮތުގައި ޖެލީ ފިޝް ސްޓައިލަކީ އޭގެ ސަބަބުން މީހާގެ މޫނު ތަންކޮޅެއް ހިމަ ކަމަށް ދައްކާނެ ސްޓައިލެކެވެ. އަދި މި ސްޓައިލަކީ އެކި ގޮތްގޮތަށް ބޭނުންކޮށްލެވޭނެ ސްޓައިލެއް ކަމަށް ވެސް ސްޓައިލިސްޓުން ބުނެއެވެ.

އިސްތަށިގަނޑުގެ ފަހަތު ބައި ހުޅި ޖަހާލާފައި އަނެއްބައި ދޫކޮށްލާފައި ހުރުމުން މި ސްޓައިލާއެކު ވަރަށް "ކެޝުއަލް" ލުކެއް ފުރިހަމަ ކޮށްލެވޭނެއެވެ. ހަވީރު ރަހުމަތްތެރިންނާއެކު ބޭރަށް ގޮސް އުޅޭއިރު އިސްތަށިގަނޑު އެއްކޮށް ދޫކޮށްލާފައި ބަހައްޓައިގެން މި ސްޓައިލަކީ ކޮންމެ ކަހަލަ ހެދުމަކާ ވެސް ގުޅޭނެ ސްޓައިލެކެވެ.

އެހެންވީމާ ކޮންފިޑެންސް ނެތި އާ ކަމެއް ކޮށްލައި ކޮންފިޑެންޓް ވާން ބޭނުން ނަމަ އިސްތަށިގަނޑު ކޮށްލާށެވެ. އަދި ކޮށާލާއިރު މިފަހަރު ޖެލީ ފިޝް ސްޓައިލް ޓެސްޓު ކޮށްލަން ކިހިނެއް ވާނެ ހެއްޔެވެ؟

comment ކޮމެންޓް