ރިވަޑޭލްގެ އެކްޓަރު ރަޔަން ގްރަންތަމް އުމުރަށް ޖަލަށް!

ރިވަޑޭލްގެ އެކްޓަރު ރަޔަން ގްރަންތަމް: މަންމަ މަރާލުމުގެ ކުށުގައި އޭނާ ވަނީ އުމުރަށް ޖަލަށްލާފައި --- ފޮޓޯ/ ގެޓީ

ރިވަޑޭލްގެ އެކްޓަރު ރަޔަން ގްރަންތަމް އޭނާގެ މަންމަ މަރާލުމުގެ ކުށުގައި އުމުރަށް ޖަލަށްލައިފިއެވެ.

ކެނެޑާއަށް އުފަން އުމުރުން 24 އަހަރުގެ ރަޔަންއަށް މި ހުކުމް އިއްވާފައިވަނީ މިދިޔަ ބުދަ ދުވަހު ވެންކޫވަރުގެން ބްރިޓިޝް ކޮލަމްބިއާ ސުޕްރީމް ކޯޓުންނެވެ.

ރަޔަން އޭނަގެ މަންމަ މަރާލައިފައި ވަނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ.

މަންމަ މަރާލުމަށްފަހު ރަޔަން އަމިއްލައަށް ކޮށްފައިވާ ވީޑިއޯއެއްގައި އޭނާ ވަނީ ކުށަށް އިއުތިރާފު ވެފައެވެ. އަދި މަސްތުގެ ހާލަތުގައި ހުރެ، ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އަވަހާރަކޮށްލުމަށް އޭނާ ހުރީ ގަސްތުކޮށްގެންކަމަށް ޕްރޮސިކިއުޓަރުން ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން ވެންކޫވަރުގެ ލަޔަންސް ގޭޓް ބްރިޖް ނުވަތަ ސައިމޮން ފްރޭސަރ ޔުނިވާސިޓީގައި ވެސް ޖަރީމާއެއް ހިންގުމަށް ރަޔަން ހުރީ ގަސްތުކޮށްގެންކަމަށް ޕްރޮސިކިއުޓަރުން ވަނީ ބުނެފައެވެ.

ފާއިތުވެދިޔަ ދެ އަހަރުވެސް ރަޔަން ހުރީ އެ މައްސަލައާ ގުޅިގެން ބަންދުގައެވެ. އަދި އޭނާ އަންނަނީ ނަފްސާނީ ދުޅަހެޔޮކަމާގުޅޭ ޕްރޮގްރާމެއްގައި ވެސް ބައިވެރިވަމުންނެވެ.

ރަޔަންގެ ގާނޫނީ ވަކީލުން ބުނާ ގޮތުގައި ރަޔަން އޭނާގެ މަންމަ މެރުމުގެ ކުރިން ދިޔައީ އެންޒައިޓީ އާއި ކްލިނިކަލް ޑިޕްރެޝަންއާ ހަނގުރާމަކުރަމުންނެވެ.

ރިވަޑޭލްގައި ޖެފްރީ އޮގަސްޓީންގެ ރޯލު ކުޅުނު ރަޔަން އަކީ 2010 ވަނަ އަހަރު ޑައިރީ އޮފް އަ ވިމްޕީ ކިޑްގައިވެސް ރޯލެއް ކުޅެފައިވާ އެކްޓަރެކެވެ.

comment ކޮމެންޓް