ޕޯސްޓަލް ހުރިހާ ޚިދުމަތެއް އެއްފުރާޅެއްގެ ދަށުން ދެވޭނެ އިތުރު އޮފީހެއް ދެވަނަ ފޭހުގައި ހުޅުވަނީ

ރޭގެ ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އެމްޑީ، އާދަމް މުޙައްމަދު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ އިސްމާޢީލް ޝާކިރު

ޕޯސްޓަލް ހުރިހާ ޚިދުމަތްތަކާއެކު ހުޅުމާލޭ ދެވަނަ ފޭހުގައި އިތުރު އޮފީހެއް މި އަހަރު ނިމުމުގެ ކުރިން ހުޅުވާނެ ކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު އާދަމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

އާ ޕިކް ޕޯސްޓެއް ހުޅުމާލޭ އަމީން އެވެނިއު ބިލްޑިންގައި ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތަށްފަހު، "ސަން"އާ ވާހަކަ ދައްކަވަމުން އާދަމް ވިދާޅުވީ އެ މަސައްކަތަކީ މީހުން ދިރިއުޅެމުން އަންނަ ހުރިހާ ސަރަހައްދުތަކުން ޕިކް ޕޯސްޓުގެ ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއުގެ ތެރޭގައި ހިމެނޭ ބައެއް ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ގިނަ ޚިދުމަތްތަކެއް ތައާރަފް ކުރައްވާނެ ކަމަށެވެ.

ހުޅުމާލޭ އަމީން އެވެނިއު ބިލްޑިންގުގައި ރޭ ހުޅުވި ޕިކް ޕޯސްޓް -- ސަން ފޮޓޯ/ އިސްމާޢީލް ޝާކިރު

"ހިޔާ ސަރަހައްދުގެ ޕޯސްޓް އޮފީހާއި ޕިކް ޕޯސްޓާއި އަދި ޕޯސްޓަލް އެހެނިހެން ޚިދުމަތްތަކާއެކު ދެވަނަ ޕިކް ޕޯސްޓެއް އިރާދަފުޅު ކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން ހިޔާ ސަރަހައްދުގައި އަޅުގަނޑުމެން ހުޅުވައިދޭނަން،" އާދަމް ވިދާޅުވިއެވެ.

އާދަމް ވިދާޅުވީ ޕޯސްޓުގެ ޚިދުމަތް ބޭނުންކުރާ މީހުންގެ އަދަދު ރާއްޖޭގައި ގިނަ ވަމުން އަންނަ ކަމަށެވެ. އެހެންކަމުން އެ ޚިދުމަތަކީ ރައްޔިތުން އިތުބާރުކުރާ އަދި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ކުރިއަށް ގެންދެވޭ ޚިތުމަތެއްގެ ގޮތުގައި ބޭއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޕޯސްޓް އޮފީހެއް ހުޅުވައިފައިވަނީ 1906 ވަނަ އަހަރުގެ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހުއެވެ.

comment ކޮމެންޓް