އިޤްތިޞާދީ ކުރިއެރުމާއި، އިޤްތިޞާދު ރަނގަޅުކުރުމުގައި އިންޑިއާއަކީ މުހިންމު ބައިވެރިއެއް: ޝާހިދު

މިނިސްޓަރު ޝާހިދު --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމާއި، އިޤްތިޞާދު ރަނގަޅުކުރުމުގައި އިންޑިއާއަކީ ވަރަށް މުހިންމު ބައިވެރިއެއް ކަމަށް ފޮރިިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާއަށް މިނިވަންކަން ލިބުނުތާ 75 އަހަރު ފުރުމުގެ މުނާސަބަތުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖޭގެ ޤައުމީ ތަޖުރިބާއިން ބަލާއިރު، ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށާއި، ބަލިމަޑުކަމުން އަރައިގަތުމަށާއި، ވެކްސިން ހޯދުމުގައި ވެސް އިންޑިއާގެ ދައުރު ބޮޑުކަމަށެވެ.

"ކޮވިޑް ބަލިމަޑުކަމުގެ އެންމެ އުނދަގޫ ދުވަސްތަކުގައިވެސް، އަމިއްލައަށް ކުރިމަތިލާން ޖެހުނު ގޮންޖެހުންތަކާއެކު ވެސް، އިންޑިއާއިން ވަނީ ރާއްޖެ އާއި ދުނިޔޭގެ ދެކުނުގެ ގިނަ ސަރަޙައްދުތަކަށް އެހީތެރިވުމަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިކަން ފާހަގަކޮށްލަން،" ޝާހިދު ވިދާޅުވިއެވެ.

އަދި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމުގައި އަމަލީގޮތުން އެއްބާރުލުންދީ އިންޑިއާއިން ކުރައްވާ މަސައްކަތުގެ އަގު ވަޒަން ކުރާކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމްކުރުމުގައި އިންޑިއާއިން ރާއްޖެއާ އެކު އެއްބައިވެފައިކަމަށެވެ. މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކު ވެސް ފެނުގެ ދަތިކަން ކުރިމަތިވާތީ، އެކަން ހުއްޓުވުމަށްޓަކައި ހިންގާ މަސައްކަތެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އެ މަސައްކަތްތަކުގެ ސަބަބުން ޤައުމީ ފެންވަރުގައި އަޅުގަނޑުމެންނަށް ގިނަގުނަ ފައިދާތަކެއް ކޮށްފައިވާ ވާހަކަ ދަންނަވާލަން،" މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ފާއިތުވި ހަތް އަހަރު ދުވަހުގެ ތެރޭގައި އިންޑިއާއިން މަލްޓިލޭޓަރަލް ދާއިރާއިން ހޯދި ކުރިއެރުންތަކުން ރާއްޖެއިން ހިތްވަރު ލިބިގަންނަކަމަށެވެ. އަދި އިންޑިއާ އިސްނަގައިގެން ހިންގާ އިންޓަނޭޝަނަލް ސޯލާ އެލަޔަންސްއަށް ވަނީ 121 ގައުމެއްގެ ތާއީދު ލިބިފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް