ޝަމްހާ އަނެއްކާވެސް ރެކޯޑެއް މުގުރާލައިފި

ޝަމްހާ ބާލިން މެރަތަންގައި އޭނާ ދުވި ބިބް ހިފައިގެން ---

ކުރީގެ އެއްވަނަ ދުވުންތެރިޔާ ޝަމްހާ އަހުމަދު މެރަތަންގެ ޤައުމީ ރެކޯޑް މުގުރާލައިފިއެވެ.

ޖަރުމަނުވިލާތުގެ ބާލިންގައި މިއަދު ކުރިއަށްދިޔަ މެރަތަންގައި ދުވެ އޭނާ ރޭސް ނިންމާފައިވަނީ ތިން ގަޑިއިރާއި ދެ މިނެޓް 41 ސިކުންތުންނެވެ. ކުރިން މި ރެކޯޑް އޮންނަނީ މަރިޔަމް އަބްދުލް ކަރީމުގެ އަތުގައެވެ. އެއީ ތިން ގަޑިއިރާ 21 މިނެޓް 54 ސިކުންތުން ރޭސް ނިންމައިގެންނެވެ. މަރީ އޭރު ދުވެފައިވަނީ 2019 ވަނަ އަހަރު ބޭއްވި ސާފްގޭމްސްގައެވެ.

ޝަމްހާ ވަނީ މިމަހުގެ 17 ވަނަ ދުވަހު އޮސްލޯ ގައި ކުރިއަށްދިޔަ މެރަތަންގައި ބައިވެރިވެ، ހާފް މެރަތަން ކެޓަގަރީގައި ދުވެ މަރީ ހަދާފައިވާ ރެކޯޑުވެސް މުގުރާލާފައެވެ. އެފަހަރު ޝަމްހާ ރޭސް ނިންމާފައިވަނީ އެއް ގަޑިއިރާއި، 27 މިނެޓް 51 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ހާފް މެރަތަން ކެޓަގަރީން އޭރު މަރީ އެ ރެކޯޑު ހެދީ މި އަހަރު ފެބްރުއަރީ މަހު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައި ބޭއްވި ރަކް އަލް ހައިމާ ހާފް މެރަތަންގައެވެ. މަރީ އެ ރޭސް ނިންމީ އެއް ގަޑިއިރާއި 30 މިނެޓް 46 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އޭގެ ކުރިން ވެސް އެ ރެކޯޑު އޮންނަނީ ހަމަ މަރީ އަތުގައެވެ. ހަމަ ދުބާއީގެ މި މެރަތަންގައި 2020 ގެ އެޑިޝަންގައި ވާދަކޮށް މަރީ ރެކޯޑް ހެދީ އެއް ގަޑިއިރާއި 33 މިނެޓު 42 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މިދިޔަ ޖޫން މަހު ޖަރުމަނުގައި ބޭއްވި ދަ އީވިއެލް ހާފް މެރަތަންގެ ފަސް ކިލޯ މީޓަރުގެ ރޭހުގައި ވާދަކޮށް ފަސް ކިލޯ މީޓަރު ރޭހުގެ ގައުމީ ރެކޯޑު ވެސް ޝަމްހާ ވަނީ މުގުރާލައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު