ހެއްކާބެހޭ ގާނޫނަށް އިސްލާހު ގެންނަން މިހަފުތާގައި ހުށަހަޅަނީ

ބަންޑާރަ ނައިބް އިބްރާހީމް ރިއްފަތު: ހެއްކާ ބެހޭ ގާނޫނަށް މި ހަފުތާގެ ތެރޭގައި އިސްލާހު ހުށަހަޅަން ވަނީ ނިންމައިފައި --- ފޮޓޯ/ އޭޖީ

މަސްދަރު ހާމަކުރަން މަޖުބޫރުވާ ހެއްކަބެހޭ ގާނޫނުގައި ހުރި ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް މި ހަފުތާތެރޭ ރައްޔިތުންގެ މަޖިލީހަށް އިސްލާހު ހުށަހަޅާނެކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ.

އެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ގާނޫނު އިސްލާހުކުރުމަށް ހުށަހަޅާ ބިލުގައި މަސްދަރު ހާމަކުރުމަށް ލާޒިމްކުރާ ހާލަތްތައް ކަމުގައި ބަޔާންކޮށްފައިވާ ޓެރަރިޒަމްގެ ކުށްތަކާއި ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތައް ތަފްސީލުކޮށްދޭނެކެކަމަށެވެ.

އެގޮތުން ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކަކީ ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިޞްތިޤްލާލަށް ނުވަތަ މީހެއްގެ ނުވަތަ ބައެއްގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަށް މަގުފަހިކުރާ ޢަމަލުތައް އެކުލެވޭ ކުށްތައްކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި ޓެރަރިޒަމުގެ ކުށްތަކަކީ ދައުލަތައް ނުވަތަ ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވުން، އާންމުންނަށް ބިރުދެއްކުމަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުން، ގާނޫނާ ޚިލާފަށް ސިޔާސީ، ދީނީ ނުވަތަ ވަކި ފިކުރެއް ކުރިއެރުވުން ކަމަށް އެ ބަޔާނުގައިވެއެވެ.

"އިސްވެ ދެންނެވި އިޞްލާޙުތައް ގެނައުމަށް އެކުލަވާލާ ބިލު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި، މޯލްޑިވްސް އެޑިޓާސް ގިލްޑް (އެމްއީޖީ) އާއި އެނޫންވެސް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި މިހާރު ވަނީ އެކުލަވާލާފައެވެ،" އެ ބަޔާނުގައިވެއެވެ.

ހެއްކާ ބެހޭ ގާނޫނު ރައީސް ތަސްދީގު ކުރެއްވީ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ. އެ ގާނޫނު ތަސްދީގު ކުރެއްވީ މީޑިއާތަކުގެ ގިނަ ނޫސްވެރިން މަސްދަރު ހާމަކުރުމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކޮށް އެ ޕެޓިޝަން ރައީސް އޮފީހަށް ވެސް ހުށަހަޅާފައިވަނިކޮށެވެ.

އޭގެ ކުރިން ރައްޔިތުން މަޖިލީހުން މަސްދަރު ހާމަކުރާ ގޮތަށް ހެއްކާ ބެހޭ ބިލް ފާސްކުރަން ތާވަލުކޮށްފައި އޮތް ދުވަހު ނޫސްވެރިން ވަނީ މަޖިލިސް ކުރާގެ ސަރަޙައްދަށް އެއްވެ މުޒާހަރާވެސް ކޮށްފައެވެ.

މީގެ އިތުރުން، ނޫސްވެރިން އަންނަނީ އެ ބިލު އެގޮތަށް އޮތުމުން އެކި ގޮތްގޮތަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް