ބާލިން މެރަތަން: އެލިއުޑް ކިޕްޗޯ ދުނިޔޭގެ ރެކޯޑް މުގުރާލައިފި

ފިރިހެނުންގެ މެރަތަން ރެކޯޑް ކިޕްޗޯ މުގުރާލަނީ --- ފޮޓޯ/ ގެޓީ އިމޭޖް

ދުނިޔޭގެ ފިރިހެނުންގެ މެރަތަން ރެކޯޑް ކެންޔާއަށް އުފަން އެލިއުޑް ކިޕްޗޯ މުގުރާލައިފިއެވެ.

އުމުރުން 37 އަހަރުގެ ކިޕްޗޯ ފިރިހެނުންގެ މެރަތަން ރެކޯޑް މުގުރާލާފައިމިވަނީ މިއަދު ޖަރުމަނުވިލާތުގެ ބާލިންގައި ކުރިއަށްދިޔަ މެރަތަންގައި ދެ ގަޑިއިރާއި އެއް މިނެޓް ނުވަ ސިކުންތުން ރޭސް ނިންމައިގެންނެވެ. މިއީ 30 ސިކުންތުގެ ކުރިއެރުމެކެވެ. ކުރިންވެސް މި ރެކޯޑް އޮންނަނީ ކިޕްޗޯގެ އަތުގައެވެ.

މީގެ ކުރިން 2018 ވަނަ އަހަރު ބާލިންގައި ބޭއްވި މެރަތަން އޭނާ ނިންމާފައިވަނީ ދެ ގަޑިއިރު، ދެ މިނެޓް، 57 ސިކުންތުންނެވެ.

ރެކޯޑް މުގުރާލުމަށްފަހު ކިޕްޗޯ ބުނީ ބާލިން މެރަތަން އިވެންޓަށް ތައްޔާރުވުމަށް ވަރަށް ރަނގަޅަށް މަސައްކަތް ކުރެވިފައިވާކަމަށެވެ. މިގޮތުން މި މެރަތަންއަށް ވަރަށް ރަނގަޅަށް ތައްޔާރު ވެވުނުކަމަށް ކިޕްޗޯ ބުންޏެވެ.

"މިހާ އަވަހަށް ރޭސް މި ނިންމުނީ ޓީމް ވޯކްވެސް ރަނގަޅުވުމުން. ހުރިހާކަމެއް އޮތީ ޓީމް ވޯކްގެ މައްޗަށް،" އެލިއުޑް ކިޕްޗޯ ބުންޏެވެ.

ކިޕްޗޯ ދުނިޔޭގެ ރެކޯޑް މުގުރާލުމަށްފަހު އުފާފުކުރަނީ --- ފޮޓޯ/ ރޮއިޓާސް

ކިޕްޗޯ ވަނީ މީގެކުރިން 2019 ވަނަ އަހަރު ވިއޭނާގައި ބޭއްވި މެރަތަން އިވެންޓްގައި ބައިވެރިވެ، ދެ ގަޑިއިރުގެ ތެރޭގައި މެރަތަން ނިންމާފައެވެ. ނަމަވެސް އެފަހަރު އެއީ ދުނިޔޭގެ ރެކޯޑެއްކަމަށް ބަލާފައެއް ނުވެއެވެ. ސަބަބަކީ އާއްމުކޮށް ހުޅުވާލައިގެން ބޭއްވި މުބާރާތަކަށް ނުވުމާއި، ދުވުމުގެ އުސޫލްތަކާއި ޚިލާފަށް ބޭއްވި ރޭހަކަށްވުމެވެ.

އެންމެފަހު ދެ އޮލިމްޕިކް ކުޅިވަރު މުބާރާތުގެ މެރަތަނުން ރަން މެޑަލް ހޯދާފައިވާ، ކިޕްޗޯ ވަނީ މީގެކުރިން 2013، 2015 އަދި 2017 ވަނަ އަހަރުވެސް ބާލިން މެރަތަން ކާމިޔާބުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު