އެއްޖިންސުން ގުޅުން ހިންގި ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރިކަމަށް ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު ހާމަކޮށްފި

ބަދުއަހުލާގީ މަންޒަރު ވީޑިއޯކޮށް އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރިކަމަށް ތުހުމަތުވާ މީހުން--- ފޮޓޯ/ ފުލުހުން

ބަންގްލަދޭޝްގެ އަލަމްގީރުއާއެކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރިކަމަށް ތުހުމަތުކުރެވޭ ބަޔަކު ހައްޔަރުކޮށް އެ މީހުންގެ ވަނަވަރު މިއަދު ހާމަކޮށްފިއެވެ.

ފުލުހުން ބުނީ އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް، އެ ވީޑިއޯތައް ލީކު ކޮށްލާނެކަމަށް ބުނެ ބިރުދައްކައި، ބުލެކްމެއިލްކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑްކޮށްފައިވާ މައްސަލައާ ގުޅިގެން މިހާތަނަށް ޖުމުލަ ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމީހުންގެ ތެރެއިން ދެ މީހަކު ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތްކަމަށް ނިންމައި، ކޯޓުން އެ ދެ މީހުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ދެން ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ ބ. ދަރަވަންދޫ، އަކިރި، ޙަމްދޫން ޢަބްދުﷲ، 37 އާއި ބ. ދަރަވަންދޫ، ހީމަ، މުޙައްމަދު މިހާދު މުޞްޠަފާ، 24 އަދި ށ. ފުނަދޫ، ސީސްޓަރ، މައުމޫން މޫސާ، 41 ކަމަށެވެ.

އެ މީހުންގެ ތެރެއިން ޙަމްދޫން ޢަބްދުﷲ އާއި މުޙައްމަދު މިހާދު މުޞްޠަފާ ހައްޔަރުކޮށްފައިވަނީ 2022 ސެޕްޓެމްބަރު 18 ވަނަ ދުވަހުއެވެ. ޙަމްދޫން ޢަބްދުﷲގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާއިރު މުޙައްމަދު މިހާދު މުޞްޠަފާގެ ބަންދަށް ހަތް ދުވަސް ކޯޓުން ވަނީ ދީފައެވެ.

މައުމޫން މޫސާ 2022 ސެޕްޓެމްބަރ 20 ވަނަ ދުވަހު ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބެހެއްޓުމަށް 10 ދުވަސް ކޯޓުން ދީފައިވެއެވެ.

އެ މައްސަލާގައި ހިމެނޭ އަލަމްގީރު ކުށަށް އިއުތިރާފް ވުމާއެކު ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ. އަދި އޭނާގެ މައްޗަށް އޮރިޔާން ކާޑް އުފެއްދި ކަމުގެ 40 ދައުވާއެއް ވެސް ވަނީ އުފުލާފައެވެ. އެ ދައުވާތަކަށް ވެސް އޭނާ ވަނީ އިއުތިރާފް ވެފައެވެ.

އަލަމްގީރުގެ އިތުރުން އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހިމެނޭ ތިން ދިވެއްސެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އެއީ ޤާނޫނީ ވަކީލް އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް)ގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތްކުރި އަބްދުއްރަހްމާން ރަފީއުއެވެ.

މި މައްސަލައިގައި ހިމެނޭ ނާޒިމް ސައްތާރު އަލަމްގީރާއެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް އެއްބަސްވެ، ކުށަށް ތައުބާވެފައިވާތީވެ ކުރިމިނަލް ކޯޓުން ވަނީ އޭނާ ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށްފައެވެ. އަދި ރަފީއުއަށް އިއްވާފައިވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

comment ކޮމެންޓް