އައިޓީއެފްސީ އާއި އެސްޓީއޯއާ ދެމެދު 189 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އައިޓީއެފްސީ އާއި އެސްޓީއޯއާ ދެމެދު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެސްޓީއޯ

އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭސް ކޯޕަރޭޝަން (އައިޓީއެފްސީ) އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާ ދެމެދު 189 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއީ އިސްލާމިކް ފައިނޭސް ޓްރޭޑް މުހާރަބާ ފައިނޭސްގެ ދަށުން ކުރިއަށް ގެންދާ އެއްބަސްވުމެކެވެ. އެއީ ދިގު މުއްދަތަކުން ފައިސާ ދައްކާގޮތަށް ފައިސާ ދޫކުރާ ޝަރީއަތް ހުއްދަ ކުރާ ފައިނޭޝަލް އިންސްޓްރްމަންޓެކެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމުރެވެ. އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ސީއީއޯ ހަނީ ސަލީމް ސޮންބޮލުއެވެ.

އެސްޓީއޯ އާއި އައިޓިއެފްސީއާ ދެމެދު ސޮއިކުރީ ތެލާއި ކާޑުގެ ބާވަތްތަކާއި ސިއްހީ ދާއިރާއަށް ބޭނުންވާ ބޭހުގެ ސާމާނާއި ގުޅޭ ތަކެތި އެ ފެސިލިޓީގެ ދަށުން ގަތުމަށެވެ. މިއީ ކޮވިޑްގެ ސަބަބުން ކުރިމަތިވި ދަތިތަކުން އަރައިގަތުމަށް ދޭ ފެސިލިޓީއެކެވެ.

މި ރަސްމިއްޔާތުގައި މިފްކޯ އާއި އައިޓީއެފްސީއާ ދެމެދު ވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ އެއްބަސްވުން ހެދީ މިފްކޯއަށް ބައިނަލްއަގުވާމީ މާކެޓް ހޯދައި ދިނުމަށް އައިޓީއެފްސީގެ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަމުރު ވަނީ އައިޓީއެފްސީއިން ރާއްޖެއަށް ވެ ދިން އެހީތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.

އަމުރު ވިދާޅުވީ ސޮއިކުރެވިގެން މިދިޔަ އެއްބަސްވުން ތަކަކީ އިގްތިސާދީ ގޮތުން އަރައިގަތުމަށް ލިބިގެން ދިޔަ އިތުރު ބޮޑު އެހީއެއް ކަމަށެވެ.

comment ކޮމެންޓް