ޔާމީންގެ ދިފާއުގައި ސައީދު އާއި ޒުހޫރު: "ދައުލަތުން ހުށަހަޅާފައި ވަނީ ސައްޚަ ލިޔުމެއް ނޫން"

ޒުހައިރު އަދި ސައީދު: ޔާމީންއާ އެއްކޮޅަށް މިއަދު ވަނީ ހެކިބަސް ދީފަ ---

ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން އެމަނިކުފާނުގެ ދިފާއުގައި ކުރީގެ ދެ މިނިސްޓަރުން ކަމަށްވާ މުޙައްމަދު ސައީދާއި އަޙްމަދު ޒުހޫރު ހެކިބަސް ދެއްވައިފިއެވެ.

އެ މައްސަލައިގައި ރައީސް ޔާމީނަށް އުފުލާފައިވަނީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

ދިފާއުން މިއަދު ތިން ހެކިވެރިން ހުށަހަޅާފައިވަނީ ދައުލަތުން ހުށަހަޅާފައިވާ ލިޔުމަކީ ސައްހަ ލިޔުމެއް ނޫން ކަން ސާބިތު ކޮށްދިނުމަށެވެ. އެ ލިޔުމަކީ ރައީސް ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް އަދި ޔޫތް ކައުންސިލްގެ ޔައުމިއްޔާއެއް ކަމަށް ބުނެ ދައުލަތުން ހުށަހަޅާފައިވާ އެއްޗެކެވެ.

އެއީ ސައްހަ ލިޔުމެއް ނޫން ކަމަށް އެ ކައުންސިލްގައި ހިމެނިވަޑައިގަތް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދާއި ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު ޒުހޫރު ވަނީ ޝަރީއަތުގައި ވިދާޅުވެފައެވެ.

ދައުލަތުން ހުށަހަޅާފައިވާ ލިޔުމަކީ ސައްހަ ޔައުމިއްޔާއެއް ނޫންކަން ފާހަގަކޮށް ސައީދު ވިދާޅުވީ, އޭގައި އެއްވެސް މީހެއްގެ ސޮއި ވެސް ނެތް ކަމަށެވެ. އަދި އެ ކައުންސިލްގެ ޔައުމިއްޔާތަކުގައި ބައިވެރިވާ ބޭފުޅުންގެ ސޮއި އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޒުހޫރު ވެސް ވަނީ އެ ލިޔުމަކީ ސައްހަ އެއްޗެއް ނޫން ކަމަށް ބުނެ ހެކިބަސް ދެއްވާފައެވެ.

މިއަދުގެ އަޑުއެހުމުގައި ވަނީ އިތުރު ހެއްކެއްގެ ހެކިބަސް ވެސް ނަގާފައެވެ. އެއީ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުޖުތާޒްއެވެ.

ދިފާއުން ހުށަހެޅި ހެކިވެރިންގެ ހެކިބަސް މިއަދު ވަނީ ނަގާ ނިންމާލާފައެވެ. ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުން ކަމަށް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ޝަކީލް ވިދާޅުވިއެވެ. އެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަށެވެ.

ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ރައީސް ޔާމީން ލޯންޑާ ކޮށްފައިވާ ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައެވެ.

comment ކޮމެންޓް