އަޒުހާން އެންމެ ފަހުން ފެނުނީ ކާރަކަށް އަރަނިކޮށް، ދެން ވީގޮތެއް ނޭނގޭ

ހުޅުމާލެ ފޭސް ދެއަކުން ގެއްލިގެން ހޯދާ މުހައްމަދު އަޒުހާން --- ފޮޓޯ/ ފުލުހުން

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުންދާ ޒުވާނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ފަތިހު ކާރަކަށް އަރަނިކޮށް ކަމަށާއި އޭގެ ފަހުން އޭނާ ހޯދާކަން ކުރި މަސައްކަތް އަދި ކާމިޔާބު ނުވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުން ދަނީ ކ. މާލެ / ހ. ބޮނޑިކަނދޮޅުގެ، އުމުރުން 27 އަހަރުގެ މުހައްމަދު އަޒުހާންއެވެ.

އަޒްހާން ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 19:00ހާއިރުއެވެ.

އަޒްހާން ގެއްލުނުތާ ހަފުތާއެއްހާ ދުވަސް ވާން ގާތްވެފައިވާއިރު ފުލުހުން މިއަދު ބުނީ އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ.

މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އޭނާ އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ18 ވަނަ ދުވަހު ފަތިހު ހިޔާ ފްލެޓްގެ 13 ވަނަ ޓަވަރު ކައިރިން ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ފުލުހުން އެސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބެލިބެލުމުން އެދުވަހުގެ 04:53 އެހާކަންހާއިރު ހުދުކުލައިގެ ކާރަކަށް އޭނާ އަރައިފައިވާ ކަން ފާހަގަވެފައިވާ ކަމަށާއި އިތުރު ފުޓޭޖުތައް ބަލައި، ކާރު ދެނެގަތުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން މި މަހުގެ 18ވަނަ ދުވަހުގެ ފަތިހު އަޒްހާން އެންމެ ފަހުން އެރި ޓެކްސީ --- ފޮޓޯ/ ފުލުހުން

ފުލުހުން ވަނީ ހިޔާ ފްލެޓް ސަރަހައްދުން އެންމެ ފަހުން އޭނާ އެރި ހުދު ކުލައިގެ ޓެކްސީގެ ފޮޓޮއެއް ހާމަ ކޮށްފައެވެ. އަދި އެކަހަލަ ޓެކްސީއެއް ފެނިފައިވާ ފަރާތެއްވާނަމަ ހުޅުމާލެ ޕޮލިސް ފޭސް ދޭއް އިންވެސްޓިގޭޝަން ނަންބަރު 9393351 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.

ހަމައެއާއެކު މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ހިޔާ ފްލެޓްގެ 13 ވަނަ ޓަވަރު ކައިރިން ދަތުރެއް ނަގާފައިވާ، ޓެކްސީ ޑްރައިވަރުން ވެސް އެކަން ލަސްނުކޮށް އެންގުމަށް ފުލުހުން އެދެއެވެ.

އަޒްހާން އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެއް ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް