ޗައިނާއިން ރާއްޖެއަށް ދަތުރުތައް ފެށުމުން ޓޫރިޒަމް 2.4 ޕަސެންޓް ކުރިއަރާނެ ކަމަށް ލަފާކޮށްފި

ޓުއާ ގައިޑަކު ޓޫރިސްޓުންތަކެއް ގޮވައިގެން ހަރަކާތްތެރިވަނީ-- ފޮޓޯ: ޒިންހުއާނެޓް

ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމާއެކު، ރާއްޖެއަށް ޓޫރިސްޓުން އަންނަ މިންވަރު 2.4 ޕަސެންޓް އިތުރުވާނެ ކަމަށް، އިނަމޯލްޑިވްސްއިން ބުނެފިއެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު އިއްޔެ ވަނީ އަންނަ މަހު މި ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުތައް ފެށުމަށް ނިންމާފައިވާކަން ހާމަ ކުރައްވައިފައެވެ.

ކޮވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަމުން ދިޔަ ގައުމަކީ ޗައިނާއެވެ. އެ ގައުމުން ޓޫރިސްޓުން އައުން ހުއްޓުނީ ކޮވިޑާއެކު ބޯޑަރު ބަންދު ކުރުމާ ގުޅިގެންނެވެ.

https://sun.mv/168504

ޗައިނާއިން ރާއްޖެއަށް ޓޫރިސްޓުން ގެންނަތާ ގިނަ އަހަރުތަކެއް ވެފައިވާ އިނަމޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފިރާގު މިއަދު "ސަން" އަށް ވިދާޅުވީ ރާއްޖެއަށް ވައިގެ މަގުން ސީދާ ދަތުރުތައް ޗައިނާއިން ފެށުމުން ޓޫރިޒަމަށް މުހިންމު ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.6 މިލިއަން ޓޫރިސްޓުން ގެނައުން ކަމަށްވާއިރު އެއަދަަށް 2.4 ޕަސެންޓްގެ ކުރިއެރުމެއް ޗައިނާ މާކެޓާއެކު އަންނާނެ ކަމަށް ފިރާގު ލަފާ ކުރައްވައެވެ.

ޗައިނާއިން ރާއްޖެއަށް ދަތުރުތައް ފެށުމާއެކު ބާރުބޮޑުވާނެތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޙިދުމަތަށް މުހިންމު ބޮޑެތި ބަދަލުތަކެއް ގެންނަށް ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރު ދަންވަރު 2:00 ގައި އެއާޕޯޓް ބަންދު ކުރާއިރު އެތަން 24 ގަޑިއިރު ހިދުމަތް ދޭ ގޮތަށް ބަދަލު ކުރަން ޖެހޭ ކަމަށް ފިރާގު ވިދާޅުވިއެވެ.

ޗައިނާ ދަތުރުތައް ރާއްޖެއަށް ފެށުމާއެކު ސިނާއަތަށް ރަނގަޅު ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވެސް މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ފިރާގު ވިދާޅުވިއެވެ.

ޗައިނާއަކީ ކުރިން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމު ކަމަށްވާއިރު 2019 ވަނަ އަހަރު އެ ގައުމުން ރާއްޖެއަށް 267،875 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެއެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރާ ޤައުމަކީ އިންޑިޔާއެވެ.

comment ކޮމެންޓް