ފައިނޭންޝަލް ކޮންޓްރޯލަރު ރަޒީނާ އެ މަގާމުން އިސްތިއުފާދެއްވައިފި

ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި ފާތިމަތު ރަޒީނާ--- ފޮޓޯ/ ސީއޭ މޯލްޑިވްސް

ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި ފާތިމަތު ރަޒީނާ އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ލަމާން ވަހީދު މިއަދު 'ސަން' އަށް ވިދާޅުވީ ރަޒީނާ އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ރާއްޖެއިން ބޭރުން ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވުވުމަށް ފުރާވަޑައިގަންނަވާތީ ކަމަށެވެ.

ރަޒީނާ ޕީއެޗްޑީ ހައްދަވަނީ ފައިނޭންސްއާއި އެކައުންޓިންގެ ދާއިރާއިންނެވެ.

ސަރުކާރުގެ ޚިދުމަތުގައި 25 އަހަރު ހޭދަކުރައްވާފައިވާ ރަޒީނާ 1997 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރާ ހަމައަށް މަސައްކަތް ކުރައްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގައެވެ.

އެއަށްފަހު 2007 ވަނަ އަހަރު އޭނާ ވަނީ ފިނޭންސް މިނިސްޓްރީއާ ގުޅިވަޑައިގެންފައެވެ. ރަޒީނާ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށް އައްޔަންކުރެއްވީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ ފަސް ވަނަ ދުވަހުގައެވެ.

ފައިނޭންޝަލް ކޮންޓްރޯލަރުގެ ޒިންމާ އަކީ ދައުލަތުގެ ޓްރެޝަރީ އަދި ޕަބްލިކް އެކައުންޓްސް ބެލެހެއްޓުމެވެ. އެގޮތުން ދައުލަތަށް ލިބޭ އާމްދަނީގެ ހިސާބުތައް ބެލެހެއްޓުމާއެކު ދައުލަތަށް ލިބެންވާ ފައިސާ ހޯދާނެ ނިޒާމެއް ވެސް ފައިނޭންޝަލް ކޮންރޯލަރު ގާއިމް ކުރަން ޖެހޭނެއެވެ.

comment ކޮމެންޓް