ގައިމަތިން ލޯންޗެއް ނުދުއްވަން، ޑިންގީން މަސައްކަތް ކުރީ ފިލަން: ލޯންޗް ކެޕްޓަން

ހުޅުމާލޭ ނެރުމަތިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓް --- ފޮޓޯ/ މެރިން ޕޮލިސް

ހުޅުމާލޭ ފަޅުތެރޭގައި ލޯންޗަކާއި ޑިންގީއެއް ޖެހި ރޭ ހިނގި އެކްސިޑެންޓުގައި ލޯންޗު ދިޔައީ ޑިންގީން މޫދަށް ވެއްޓުނު މީހާގެ ގައިމަތިން ނޫން ކަމަށް ލޯންޗުގެ ކެޕްޓަން ހުސައިން ޝިމާއު މިއަދު ބުނެފިއެވެ.

ފުލުހުން ވަނީ ހުޅުމާލެއަށް ވަންނަ ނެރާ ދިމާ ފަޅު ތެރޭގައި ލޯންޗަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު ރޭ 19:55 ހާކަންހާއިރު ލިބިފައިވާ ކަމަށް ބުނެފައެވެ. އެ ހާދިސާގެ ތަފްސީލު ދެމުން ސިފައިން ބުނީ ލޯންޗް ދިޔައީ އެ އެކްސިޑެންޓްގެ ސަބަބުން ޑިންގީން މޫދަށް ވެއްޓުނު މީހާގެ ގައިމަތިން ކަމަށެވެ.

އެ އެކްސިޑެންޓް ހިނގިގޮތް "ސަން" އަށް ކިޔައިދެމުން ޝިމާއު ބުނީ ލޯންޗް ހުޅުމާލޭ ފަޅުތެރެއިން ނިކުންނަން ދިޔައި މަޑު ދުވެއްގައި ކަމަށެވެ. ނަމަވެސް އޭރު ޑިންގީ ހުޅުމާލޭ ނެރުތެރެއިން ވަންނަން އައީ ވަރަށް ބާރު ދުވެލީގައި ކަމަށް އޭނާ ބުންޏެވެ.

ހުޅުމާލޭ ނެރުމަތިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓް --- ފޮޓޯ/ މެރިން ޕޮލިސް

"އެންމެ ފުރަތަމަ ކަމަކަށް ލޯންޗެއް ނޫން ޑިންގީގައި ޖެހުނީއެއް. ޑިންގީ އައިސް ޖެހުނީ ލޯންޗުގައި. ޖެހުނު ގޮތަށް ލޯންޗުގެ އަރިމަތި ފޫއަޅުވާލި." އެކްސިޑެންޓް ހިނގި ވަގުތު ލޯންޗު ދުއްވަން އިން ކެޕްޓަން ބުންޏެވެ.

ޝިމާއު ބުނީ އެކްސިޑެންޓް ވުމުން ޑިންގީން މީހަކު މޫދަށް ވެއްޓުމުން ވެސް އެ ޑިންގީ މަޑު ނުކޮށް ދިޔައީ ކަމަށެވެ. އެ ޑިންގީ ފަހުން ފެނުނީ ހޯދަން މަސައްކަތް ކުރަނިކޮށް ފަރުކޮޅުފުއްޓާ ދިމާލަށް އެހެހަނިކޮށް ކަމަށް ވެސް ޝިމާއު ބުންޏެވެ.

"ފަހުން ޑިންގީ ދުއްވަން އިނީ ވެސް އެކްސިޑެންޓް ހިނގިއިރު ދުއްވަން އިން މީހާއެއް ނޫން. ވެދާނެ ލިބުނު އަނިޔާތަކުގެ ސަބަބުން އެހެން މީހަކު ދުއްވަން ދިނީ ކަމަށް ވެސް،" ޝިމާއު ބުންޏެވެ.

ޑިންގީން މޫދަށް މީހަކު ވެއްޓުނުކަން އެނގުނީ އެކްސިޑެންޓްގެ ސަަބަބުން ލޯންޗަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް އުޅުނު ވަގުތު މޫދުން މީހަކު ރޯ އަޑު އިވޭތީ އިތުރަށް ބެލިބެލުމުން ކަމަށް ވެސް އޭނާ ބުންޏެވެ.

ނަމަވެސް ލޯންޗު އޭރު އޮތް ގޮތުން އޭނާ ނަގަން ފަސޭހަ ނުވާނެތީ އޭރު ކައިރީގައި އޮތް އެމްއެންޑީއެފްގެ އުޅަނދެއްގެ އެހީއަށް އެދި ގޮވުމުން މޫދުގައި އޮތް މީހާ ނެގީ އެމްއެންޑީއެފް އިން ކަމަށް އޭނާ ބުންޏެވެ.

ހުޅުމާލޭ ނެރުމަތިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓް --- ފޮޓޯ/ މެރިން ޕޮލިސް

ލޯންޗުގެ ކެޕްޓަން މިހެން ބުނި ނަމަވެސް އެމްއެންޑީއެފްއިން ރޭ ބުނީ ހުޅުމާލޭ ނެރުމަތީ ޑިންގީއަކާއި ލޯންޗެއް މަޑުކޮށްގެން އޮތްތަން ކޯސްޓްގާޑުގެ ބޯޓަކަށް ފެނި، އެ ދެ އުޅަނދުގައި ތިބި މީހުންނާ ސުވާލުކުރި ކަމަށެވެ.

https://sun.mv/168515

ހަމައެއާއެކު، ލޯންޗާއި ޑިންގީ އެކްސިޑެންޓުވެ، ޑިންގީން މީހަކު ވެއްޓުނު ކަމާއި ލޯންޗު ދިޔައީ އެ މީހާގެ ގައިމަތިން ކަމަށް އެމީހުން ބުނި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ޑައިވަރަކު ފީނައިގެން އެ މީހާ ސަލާމަތްކުރީ ކަމަށް ސިފައިން ބުންޏެވެ. އަދި އެ މީހާ ފުރަތަމަ އެމްއެންޑީއެފްގެ ކަލާސީނުކޮށްޓަށް ގެންދިޔުމަށް ފަހު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައީ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ރޭ ހިނގި އެ އެކްސިޑެންޓުގައި ޑިންގީގައި ތިބި ހަތަރު މީހަކަށް އަނިޔާވެ، ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ދިވެހި ދެ ފިރިހެނުންނާއި ބިދޭސީ ފިރިހެނަކާއި އަންހެނަކުކަން ފުލުހުން ފާހަގަކުރިއެވެ.

އަނިޔާވި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދިޔައިރު އަނެއް ދެ މީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ރޭ ބުންޏެވެ.

comment ކޮމެންޓް