އީރާނުގެ މުޒާހަރާތައް ހޫނުވެ ތަންތަނުގައި ހުޅުޖަހަނީ

އީރާނުގެ މުޒާހަރާވެރިން ތަންތަނުގައި ހުޅުޖަހައި ހަރުކަށި އަމަލުތައް ހިންގާއިރު އެމެރިކާ ގެންދަނީ ހަރުކަށި އަމަލުތަކަށް ހިއްވަރު ދެމުން

ތެހެރާން (25 ސެޕްޓެމްބަރު 2022) : އީރާނުގައި ފަރުދީ މިނިވަންކަމަށް ހުރަސް އަޅާ ގާނޫނުތައް އިސްލާހު ކުރުމަށް ގޮވާލައި އާންމުން ކުރަމުން ގެންދާ މުޒާހަރާތައް ސުލްހަވެރި މުޒާހަރާތަކަކުން ހަރުކަށި މުޒާހަރާތަކަށް ބަދަލުވެ މުޒާހަރާ ކުރާ މީހުން ތަންތަނުގައި ހުޅުޖަހަން ފަށައިފިއެވެ.

އީރާނުގެ ފުލުހުން ބުނާގޮތުން މުޒާހަރާ ކުރާ މީހުން ގެންދަނީ ސަރުކާރުގެ އިމާރާތްތަކުގައި ހުޅުޖަހައި ތަންތަނަށް ގެއްލުންދިނުމުގެ ވަރަށް ހަރުކަށި އަމަލުތައް ހިންގަމުންނެވެ. ހަރުކަށި އަމަލުތައް ހުއްޓުވުމަށްޓަކައި ފުލުހުން ގެންދަނީ މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް، ކަރުނަ ގޭހާ އަދި ބައެއް ހާލަތްތަކުގައި ރަބަރު ވަޒަން ވެސް ބޭނުން ކުރަމުންނެވެ.

މުޒާހަރާ ކުރާ މީހުންނާއި އީރާން ފުލުހުންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި މިހާތަނަށް 12 މީހުން މަރުފައިވާކަމަށް އީރާން ސަރުކާރުން ބުނެފައިވާއިރު، މަރުވި މީހުންގެ އަދަދު 36 އަށް އަރާކަމަށް މުސްތަގިއްލު ރިޕޯޓްތައް ބުނެއެވެ.

އީރާންގައި މިދިޔަ ހަފުތާގެ ކުރީކޮޅު ހަމަނުޖެހުންތައް ފެށުނީ ރަނގަޅަށް ބުރުގާ ނޭޅުމުގެ މައްސަލައެއްގައި ހައްޔަރުކުރި އީރާނުގެ ކުރުދީ ދަރިކޮޅުގެ ޒުވާން އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ކުއްލި ގޮތަކަށް ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މަރުވުމާ ގުޅިގެންނެވެ.

މަހްސާ އަމީނީ ނަމަކަށް ކިޔާ 22 އަހަރުގެ އެ އަންހެން މީހާ ހައްޔަރުކުރީ އީރާނުގެ ފުލުހުންގެ ތެރޭގައި ހިމެނޭ ދީނީ ފުލުހުންގެ ވިންގުންނެވެ. އީރާނުގެ ދީނީ ފުލުހުންގެ ވިންގަކީ އަންހެނުންނަށް ބުރުގާ އަޅަން އެންގުމާ އަދި އިސްލާމް ދީނުގައި މުންކަރާތްތައް ކަމަށް ބެލެވޭކަންކަން ހުއްޓުވުމަށް ޚާއްސަކޮށްފައިވާ ބައެކެވެ.

ބުރުގާ އެޅުމަށް ދެކޮޅު ހަދާ އަންހެނުން ހައްޔަރު ކުރުމުގެ ގާނޫނީ ބާރުވެސް ދީނީ ފުލުހުންގެ ވިންގަށް އޮވެއެވެ. މިއީ ފަރުދީ މިނިވަންކަމަށް ހުރަސް އަޅާ ގާނޫނެއްކަމަށް އީރާނުގެ އާންމުން ދެކެއެވެ.

ބުރުގާގެ މައްސަލާގައި ދީނީ ފުލުހުން މަހްސާ އަމީނީ ހައްޔަރުކުރީ އޭނާގެ އާއިލާގެ ބައެއް އާއިލާ މެންބަރުންނާއެކު ތެހެރާންގައި އުޅެނިކޮށެވެ. ބުރުގާގެ މައްސަލާގައި މަހްސާއާއެކު އިތުރު އަންހެނުންތަކެއް ވެސް ހައްޔަރު ކުރިއެވެ. ރިޕޯޓްތައް ބުނާގޮތުން އަމީނީ ކުއްލިއަކަށް މަރުވީ ހައްޔަރުކުރި އެހެން އަންހެނުންނާއެކު އަމީނީވެސް ބަންދުގައި އިންދައި އޭނާއަށް ހާޓް އެޓޭކެއް ޖެހިގެންނެވެ.

އަމީނީ މަރުވީ ހާޓް އެޓޭކް ޖެހިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ގެންދަނިކޮށެވެ. އަމީނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވައި އޭނާގެ އާއިލާގެ މެންބަރުން ވެސް އޭނާއަށް ޒިޔާރަތް ކޮށްފައިވެއެވެ.

މި މައްސަލާގައި އީރާނުގެ އާންމުން މުޒާހަރާ ކުރަންފެށީ އަމީނީގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށާއި އަދި ފަރުދީ މިނިވަންކަމަށް ހުރަސް އަޅާ ގާނޫނުތައް އުވާލުމަށް ގޮވާލަމުންނެވެ. ނަމަވެސް ފަހުން މި މުޒާހަރާތައް ވަނީ އީރާނުގެ ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތަކަކަށް ބަދަލުވެފައެވެ.

އަނެއްކޮޅުން އެމެރިކާ ވަނީ ފާޅުކަންބޮޑު ގޮތެއްގައި މި މުޒާހަރާތަކަށް ހިތްވަރުދީ މުޒާހަރާތައް ކުރިޔަށް ގެންދިޔުމަށް މުޒާހަރާތައް އިންތިޒާމުކުރާ އެކްޓިވިސްޓުންނަށް ގޮވާލާފައެވެ. މުޒާހަރާކުރާ މީހުން ތަންތަނާއި ސަރުކާރުގެ ވެހިކަލްތަކުގައި ހުޅުޖަހައި އަންދައި ތަންތަނަށް ގެއްލުންދީ ޓެރަރިޒަމްގެ އަމަލުތައް ހިންގަމުން ގެންދާއިރުވެސް އެމެރިކާގެ މަސްއޫލުވެރިން ގެންދަވަނީ މިހަރުކަށި އަމަލުތަކަށް ފާޅުގައި ތާއީދުކޮށް މިކަމަށް ހިތްވަރު ދެމުންނެވެ. މި މައްސަލާގައި އީރާނުން ވަނީ ޓެރަރިޒަމަށް އެހީތެރިވާކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކޮށްފައެވެ.

އެމެރިކާއަކީ ވެސް އެ ގައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތަަކުން ހަރުކަށި އަމަލުތައް ހިންގާނަމަ ބާރުގެ ބޭނުންކޮށްގެން އެކަން ހުއްޓުވައި އަދި މުޒާހަރާ ކުރާ މީހުންގެ ގަޔަށް ބަޑިޖަހައި މީހުން ވެސް މަރާ ގައުމެކެވެ.

އީރާނުގެ ރައީސް އިބްރާހީމް ރައީސީ ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ވަނިކޮށް އަމީނީ މަރުވި މައްސަލަ ތަހުގީގު ކުރުމަށް އަމުރު ކުރައްވާފައެވެ. އަދި އީރާނުގެ ރައީސް ވަނީ އަމީނީގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ އޭނާގެ މަރާ ގުޅިގެން ހިތާމަ ކުރައްވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އީރާނުގައި ހުރި ފަރުދީ މިނިވަންކަމަށް ހުރަސް އަޅާ ގާނޫނުތައް އިސްލާހު ކުރާނެކަމުގެ އިޝާރާތެއް އީރާނުގެ ރައީސް ނުދެއްވައެވެ.

މުޒާހަރާތައް އީރާނުގެ އެތައް ސިޓީއަކަށް މިހާރު ވަނީ ފެތުރިފައެވެ.

comment ކޮމެންޓް