ނޭހާގެ އާ ރިމިކްސް ކަމުނުދިޔުމުން ފޭނުންނަށް މެސެޖެއް

ނޭހާ ކައްކަރް މި ހަފުތާގައި ނެރުނު އާ ރިމިކްސްއަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވުމުން ދިގު މެސެޖެއް ދޫކޮށްލައިފިއެވެ.

ނޭހާ ކައްކަރް އަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ލަވަކިޔުންތެރިއެއް ނަމަވެސް، ހަމަ އެހާމެ ގިނަ ބައެއްގެ ފާޑުކިޔުންވެސް އަމާޒުވެފައިވާ ފަންނާނެކެވެ. މީގެ ތެރޭގައި ކުރީގެ މަޝްހޫރު ބޮލީވުޑް ލަވަކިޔުންތެރިން ވެސް ހިމެނެއެވެ.

ލަވަކިޔުންތެރިޔާ އެންމެ ފަހުން ނެރުނީ، 1999 ވަނަ އަހަރު ނެރުނު ފަލްގޫނީ ޕަތަކްގެ 'މޭނޭ ޕާޔަލް ހޭ ޗަންކާއީ' ލަވައިގެ ރިމިކްސް 'އޮ ސަޖްނާ'އެވެ. މި ލަވަ ޔޫޓިއުބްގައި ދޫކޮށްލުމުން މުޅި ސޯޝަލް މީޑިއާގައިވެސް ނޭހާ އަށް ނެގެޓިވް ކޮމެންޓްސް އައެވެ. ނޭހާ އަކީ ލަވަތައް ހަޑިކުރާ މީހެއް ކަމާއި މި ލަވައަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ސިމްޕަލް ލަވަ އެއް ކަމަށް ކޮމެންޓުތަކުގައި ބުނެއެވެ. މި ރިމިކްސް އާ ގުޅޭގޮތުން، އޮރިޖިނަލް ލަވަ ކިޔާފައިވާ ލަވަކިޔުންތެރިޔާ ވެސް ވަނީ ވާހަކަދައްކާފައެވެ.

ފަލުންގީ ބުނި ގޮތުގައި، އޭނާގެ ލަވައަށް ރިމިކްސް އެއް ހަދަން ނިންމާފައިވާ ކަމެއް އަންގާފައި ނުވާ ކަމަށާއި އެކަމާ މެދު ގާނޫނީ ފިޔަވަޅު އަޅަން ބޭނުންވިޔަސް ނޭޅޭނެ ކަމަށެވެ. ސަބަބަކީ އެ ލަވައިގެ ރައިޓްސް އޭނާއަށް ލިބިފައި ނެތުން ކަމަށް ޕިންކްވިލާ އަށް ދިން އިންޓަވިއުގައި އޭނާ ބުނެއެވެ. އަދި، ކުރީގެ ލަވަ ގިނަ ބަޔަކަށް ކަމުދިޔައީ އެ ލަވައިގެ ސިމްޕްލިސިޓީގެ ސަބަބުން ކަމަށާއި، އޭގައި އުޅޭ އެކްޓަރުންނާއި މިއުޒިކްވެސް ސިމްޕަލް ވީމައި ކަމަށެވެ.

ގިނަ ބައެއްގެ ނުރުހުން ފާޅުވުމާ ގުޅިގެން ނޭހާ އިންސްޓަގްރާމް އަށް ދިގު މެސެޖެއް އިއްޔެ ޕޯސްޓުކުރިއެވެ. ނޭހާ ބުނި ގޮތުގައި، އޭނާގެ ކާމިޔާބަށް އުފާ ނުވާ މީހުންނަށް އެއްވެސް ދެރައެއް ނުވާ ކަމަށާއި، ކޮމެންޓުތައްވެސް ކުރަންވީ ކަމަށެވެ. އަދި އެ ކޮމެންޓުތައް ޑިލީޓުވެސް ނުކުރާނެ ކަމަށް ނޭހާ ބުނެއެވެ.

ނޭހާ އަށް މީގެ ކުރިންވެސް ވަނީ އެކި ލަވަތަކަށް ރިމިކްސް ހެދުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.

comment ކޮމެންޓް