ނިދާ ބޮކީގެ ފަނޑު އަލި ކަމުގެ ތެރެއިން މިޝްޔާއަށް ފެނުނީ ފިރިހެނެކެވެ.

ކޮޓަރީގެ އަލި ކިތަންމެ މަޑު ނަމަވެސް، އެ މާހައުލަށް މިޝްޔާގެ ލޯ ހޭނިލުމާއެކު، އޭނާއަށް އެއީކާކުކަން ރަނގަޅަށް އެނގުނެވެ. އެއީ އޭނާގެ ބޮޑުބޭބެ އެވެ. މަންމަގެ ބޭބެއެވެ. އޭނާއަށް އެ އިޙްސާސްކުރެވުނީ ބޮޑުބޭބެގެ އަތުގެ ބީހިލުންކަމުގައި އޭނާގެ ހިއްސުތައް އެވަގުތު ބުނަމުން ދިޔަ ނަމަވެސް، މިޝްޔާއަށް ރައްދުގައި ހަޅޭއްވެސް ލަވައިގަންނާކަށް ނޭނގުނެވެ. އޭނާ އެހެން އިންނަން ފެށުމުން ބޮޑުބޭބެގެ މޫނުމައްޗަށް ކޮންމެވެސް ވަރެއްގެ ހިނިތުންވުމެއް ވެރިވެގެން ދިޔަކަން މިޝްޔާއަށް އެނގުނެވެ.

"މަދިރިއެއް މަރައިލީ..." ބޮޑުބޭބެގެ އެ ޖުމްލަތައް މިޝްޔާއަށް ގަބޫލެއް ނުކުރެވުނެވެ. އޭނާ އެހެން ހަރަކާތެއް ވެސް ގެންނަން ނޭނގިފައި އިންދާ، ބޮޑުބޭބެ ނުކުމެގެން ދިޔުމުން މިޝްޔާ އަވަސް އަވަހަށް ގޮސް ދޮރުފަތް ތަޅުލިއެވެ. އެއަށްފަހު ދޮރުފަތުގައި ލެނގިލައިގެން ހުރެ އޭނާ ފުންނޭވާތަކެއް ލާން ފެށިއެވެ. ބާރަށް ތެޅެމުންދިޔަ ހިތުގެ ތެޅުން ހަމައަކަށް އެޅުވުންވެސް އޭނާއަށް ވީ އުނދަގޫކަމަކަށެވެ. މޭގައި އަތް ޖައްސާލައިގެން މިޝްޔާ ހުރިއިރު އިންޒާރުގެ ރަނގަބީލުތައް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ބޮޑުބޭބެގެ ނިޔަތް ރަނގަޅު ނޫންކަން އެނގުނު ނަމަވެސް މިޝްޔާއަށް އިތުރަށް ކަންތައްކުރަންވީ ގޮތެއް ނޭނގުނެވެ. އޭނާގެ އުމުރުން ވިހި އަހަރު ވީއިރު ދުވަހަކުވެސް އެފަދަ ކަމަކާ ދިމާވެފައެއް ނުވެއެވެ. މަންމަ ނުވަތަ ބައްޕަ ކަައިރީގައި ބުނުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ސިކުނޑި ވިސްނައިދެމުން ދިޔަ ނަމަވެސް، އެ ވާހަކަ އެ ހިސާބުން ބުނާނީ ކިހިނެއްކަމެއް މިޝްޔާއަކަށް ނޭނގުނެވެ. މަންމަމެން ގަބޫލުނުކޮށްފިނަމަ ދެން ވާނީ ކިހިނެއްހެއްޔެވެ؟ މިޝްޔާއަށް ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލައިގެން ހުރެވުނެވެ. އެހުރިހާ އިޙްސާސްއެއް އެއްވެ އޭނާގެ ދެ ލޮލުގެ ތެރެއަށް ކަރުނަަތައް ޖަމާވަމުން ދިޔައެވެ. ހަށިގަނޑުގައި ފިނިކަމެއް ދައުރުކޮށްލުމާއެކު މިޝްޔާގެ ހަށިގަނޑުގައިވެސް މަޑުމަޑު ތުރުތުރު އެޅުމެއް އުފެދުނެވެ. އޭނާއަކީ ދުވަހަކުވެސް ކޮޓަރި ތަޅުލައިގެން ނިދާ ކުއްޖަކަށް ނުވި ނަމަވެސް، މީގެ ފަހުން ކޮޓަރީގެ ދޮރު ތަޅުލަން މިޝްޔާ ނިންމިއެވެ. އަމިއްލަ ނަފްސުގެ ރައްކާތެރިކަމަށް ޓަކައެވެ. އަމިއްލަ ނަފްސަށްޓަކައި އޭނާ ވަނީ ނުހަނު ބޮޑަށް ބިރުގަނެފައެވެ.

ކޮޓަރި ތަޅުލާފައި ގޮސް މިޝްޔާ އެނދުގައި އޮށޯވެލި ނަމަވެސް، އޭނާއަށްނިދޭގޮތެއް ނުވިއެެވެ. ކުޑަކޮށް ލޯ މަރައިލުމުން ވެސް އޭނާއަށް ހީވަނީ އެކޮޓަރިއަށް ދެންމެ ދެންމެ ބޮޑުބޭބެ ވަދެފާނެހެންނެވެ. ބާކީ އޮތް ވަގުތު ތަކުގައި ނުނިދާ އޮތް މިޝްޔާ ހެނދުނު ކޮޓަރިން ނުކުތްއިރުވެސް އޭނާގެ މޫނަމަތި ވަނީ މިލާފައެވެ. ދެލޯ ކައިރީގައި ވަނީ ނުނިދާ ހުރުމުން ފެންނާނެ ފަދަ އަސަރުތަކެކެވެ. އަތްކުރު ޓީޝާޓަކާއި، ގޭގައި ލާއުޅޭ ހަރުވާޅުތަކުން ކަޅު ކުލައިގެ ހަރުވާޅެއްގައި ހުރިއިރު އޭނާގެ ގައިގެ ބައްޓަން ރީއްޗަށް ހާމަވެއެވެ. މިޝްޔާ ގޮސް ކައްކާ ބަޔަށް ވަތްއިރު އޭނާގެ މަންމަ ޒިޔާނާ ގޭގައި ގެންގުޅޭ ނޯކަރު ކުއްޖާއާއެކު ހެނދުނުގެ ސައި ތައްޔާރުކުރަމުން ދިޔައެވެ. ޒިޔާނާއަކީ ހީވާގި މީހެކެވެ. ގޭގައި ކަންތައްކުރަން ނޯކަރުންތިބި ނަމަވެސް، އޭނާ އަކީ އަބަދުވެސް ގޭތެރޭގެ ކަންތައްތައް ވަރަށް ޝައުގުވެރިކަމާއެކު ކުރާ މީހެކެވެ. ފިރިމީހާއާއި ދަރިންގެ ކަންތައްތައްވެސް ކޮށް އުޅެނީ އަމިއްލައަށެވެ. އެއްޗެހި ދޮވުމާ އިސްތިރިކުރުން ވެސް މެއެވެ. އެކަމުގެ ސަބަބުން އޭނާ އެ ގެއަށް އައި އެންމެ ފުރަތަމަ ދުވަހުން ފަށައިގެން ވެސް ރިފްއަތުގެ މަންމައާއި ބައްޕަ ކަމުގައިވާ ސަކީނާއާއި ޠާރިގް ނިޔާވަންދެންވެސް އެމީހުން ޒިޔާނާ ދެކުނީ އެމީހުންގެ އަމިއްލަ ދަރިއެއް ފަދަގޮތަކަށެވެ. ޒިޔާނާއަކީ އެމީހުން މުސްކުޅިވީދުވަހު އެމީހުންނަށް ވެސް ލިބުނު ނަސީބެއްކަމުގައި އެމީހުން ދެކުނެވެ. ގޭތެރޭގެ ކަންތައްތައް ބަރާބަރަށް ކުރަމުން އެމީހުންނަށް ވެސް އެހާ އަޅާލައެވެ. ދުވަހަކުވެސް ޒިޔާނާއާ މެދު ޝަކުވާއެއް ނުވެއެވެ. ޒިޔާނާއަކީ އާދައިގެ ނިކަމެތި އާއިލާއަކުން އައި ކުއްޖެއްކަމުގައި ވީނަމަވެސް، އެމީހުންގެ އެއްވެސް ފަރުވާލެއް އެކަމަކަށް ނެތެވެ. ޒިޔާނާގެ އަޚްލާގާ އެ ހުންނަ މަޑުމައިތިިރިކަމުން އެމީހުންގެ ހިތުން ޒިޔާނާ ވަނީ ޖާގަ ހޯދާފައެވެ.

"ދަރިފުޅާ... ރޭގަ ނުނިދަނީތަ؟" އަތްމަތި އަވަސްކޮށްލާފައި އުޅުނު ޒިޔާނާ މިޝްޔާއަށް ބަލައިލުމަށްފަހު ސުވާލުކޮށްލިއެވެ.

"ނޫން..." ދެފަރާތަށް ބޯ ހޫރައިލަމުން މިޝްޔާ އެކަމާ ދެކޮޅު ހެދިއެވެ.

"ރޭގަނޑު ދަންވަންދެން ފިލްމު ބަލަން އޮތީ ދޯ..." ޒިޔާނާ އަނެއްކާވެސް ސުވާލުކޮށްލިއެވެ. އެ ސުވާލަށް މިޝްޔާ ޖަވާބެއް ނުދިނެވެ. މަސްހުނި މޮޑެން ހުރި ޒިޔާނާގެ ކައިރިއަށް ޖެހިލުމަށްފަހު މިޝްޔާ ޒިޔާނާގެ ގައިގައި ފުރަގަހުން ބައްދައިލިއެވެ. އެއަށްފަހު އޭނާ ވިސްނައިލިއެވެ. އެ ވާހަކަ ޒިޔާނާއާ ހިއްސާކުރަން އޭނާގެ ސިކުނޑި ވިސްނައިދެމުން ދިޔަނަމަވެސް، އެކަން އެގޮތަށް ކުރާކަށް އޭނާއަކަށް ނުކެރުނެވެ.

"ކިހިނެއްވީ ދަރިފުޅާ..." ޒިޔާނާއަށް ސުވާލުކޮށްލެވުނެވެ.

"އަޅުގަނޑަށް މަންމަ ގައިގައި ބައްދައިވެސް ނުލެވޭނެތަ؟" މިޝްޔާ މަޑުމަޑުން ބުނެލިއެވެ.

"ނޫނޭ... މަންމަ ލަސްވެގެން މިއުޅެނީ. މިހާރު ބައްޕަވެސް އަންނާނެ ސައިބޯން. ދޮންބެވެެސް ނުހޭލާ ދޯ." ޒިޔާނާ ބުނެލިއެވެ. ނޭނގެޔޭ ބުނުމުގެ ގޮތުން މިޝްޔާ ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ދެން ދޫކޮށްލާ މިގަޑީގައި މަންމަ ގައިން..." ލުއި ހުނުމަކާއެކު ޒިޔާނާ އެހެން ބުނެލުމުން މިޝްޔާ ޒިޔާނާ ގައިން ދޫކޮށްލިއެވެ.

"ދޭބަލަ ދޮންބެ ހޭލާތޯ ބަލައިލަން ދަރިފުޅާ..." އެނބުރިލުމަށްފަހު ޒިޔާނާ ބުނެލިއެވެ. މިޝްޔާ އާއެކޭ ބުނުމަށްފަހު، ސިޑިއާ ދިމާލަށް ހިނގައިގަތެވެ. އޭރު އޭނާގެ ބޮޑުބޭބެ އެ ދިމާލަށް އަންނަމުން ދިޔަތަން ފެނި އޭނާއަށް ވަގުތުން ފިޔަވަޅުތައް ހުއްޓެވުނެވެ. ކުރިއަށް ހިނގައިގަންނަން ނޭނގިފައި މިޝްޔާއަށް ހުރެވުނުއިރު އޭނާގެ އަތްފައި ފިނިވެ ކޮންމެވެސް ވަރަކަށް މީހާ ދާހިއްލައިލައިފިއެވެ. މިޝްޔާއަށް ބަލައިލުމަށްފަހު ލުއި ހިނިތުންވުމަކާއެކު ބޮޑުބޭބެ ދިޔުމުން މިޝްޔާ ފުންނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު ސިޑިއާ ދިމާލަށް މިސްރާބުޖެހިއެވެ. ސިޑިން އަރަމުން ދިޔަ އިރުވެސް އެއްވެސް ކަމަކަށް މިޝްޔާއަށް ސަމާލުކަން ދެވޭގޮތެއް ނުވިއެވެ. ބޮޑުބޭބެގެ އެ ހިނިތުންވުން އޭނާ މާނަ ކުރާނީ ކިހިނެއްހެއްޔެވެ؟

މާކިންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލަން އަތް ހިއްލައިލިތަނާ މާކިން ދޮރުފަތް ހުޅުވާލާފައި ނުކުތެވެ.

"މަންމަ ބުނެގެން ގޮވަން މިއައީ..." މިޝްޔާ ބުނެލިއެވެ. މިޝްޔާ ހިނގައިގަތުމުން މާކިން ގޮސް މިޝްޔާގެ ފަން އިސްތަށިގަނޑު ހާވައިލިއެވެ.

"ދެން. ދޮންބެ ގަނޑާ..." މިޝްޔާ ލޯ އަޅައިލިއެވެ.

"ލޯ އަޅައިލީމަ އަދި މާ ލޯބި..." މާކިން މިޝްޔާއަށް ޖެއްސުން ކުރަމުން ބުނެލިއެވެ.

"މަންމަ ކައިރީ ބުނާނަން..." މިޝްޔާ އޭނާގެ އިސްތަށިގަނޑު ރީތިކޮށްލާއިރަށް މާކިން އެ އިސްތަށިގަނޑު ހާވައިލައެވެ. މިޝްޔާ އުޅޭ ގޮތުން މާކިން ހުންނަނީ މަޖާވެފައެވެ. އެދެމީހުން ގޮސް ކާކޮޓަރިއަށް ވަތްއިރު، ޒިޔާނާ އެތަނުގައި ހުއްޓެެވެ. އޭރު މޭޒުމަތި ތައްޔާރުކުރުމުގައި ޖެސިކާ އުޅެއެވެ.

އެމީހުން އެތަނުގައި ތިއްބާ ރިފްއަތު އައިސް ކާކޮޓަރިއަށް ވަނެވެ.

"ވަރަށް މީރުވަސް އެބަ ދުވާ..." ރިފްއަތު ލޯބިން ފުރިގެންވާ ގޮތަކަށް ޒިޔާނާއަށް ބަލައިލަމުން ބުނެލިއެވެ.

"މަންމަ ކައްކައިފިއްޔާ ހުރިހާ އެއްޗެއްވެސް ހަމަ އެހާ މީރުވާނެ." މާކިން ބުނެލިއެވެ. އެންމެން މޭޒު ދޮށުގައި އިށީނެވެ. ރިފްއަތު މޭޒުގެ އެއްފަރާތުގައި އިން ގޮނޑީގައި އިށީނދެގެން އިންއިރު މާކިން އިނީ ރިފްއަތާ އެންމެ ކައިރީގައެވެ. ޒިޔާނާ ރިފްއަތާ ކައިރީގައި އަނެއްފަރާތުގައި އިންއިރު އޭނާއާ ޖެހިގެން މިޝްޔާ އިނެވެ.

"ބޭބެ ކޮބާތަ؟" ޒިޔާނާ ސުވާލުކޮށްލިއެވެ.

"މިހުރީ..." މިޝްޔާ އެނބުރި ބަލައިލިއިރު ބޮޑުބޭބެ ފެނުމުން އޭނާގެ ނަފްސު އެކީ ހަރުކަށިވެގެން ދިޔައެވެ. އޭނާގެ ކުރިމަތީގައި ބޮޑުބޭބެ އިންނަން ފެށުމުން މިޝްޔާއަށް ކާން ވެސް އުނދަގޫވިއެވެ. ކާހިތްކެނޑުނެވެ. އެހެންކަމުން އޭނާއަށް ތަައްޓަން ބަލަހައްޓައިގެން އިނދެވުނެވެ.

"މިޝޫ. ނުކަނީތަ؟" އެކަންތައް އެންމެ ފުރަތަމަ ފާހަގަވީ މާކިންއަށެވެ. އޭނާ މިޝްޔާއާ ސުވާލުކޮށްލުމާއެކު، އެންމެންގެ ނަޒަރު މިޝްޔާއަށް ހުއްޓިގެން ދިޔައެވެ.

"ނޫނޭ." މިޝްޔާ އަވަސް އަވަހަށް ޖަވާބު ދިނެވެ.

"ކަމެއްވީތަ މިޝްޔާ؟" ބޮޑުބޭބެގެ އެ ސުވާލާއެކު މިޝްޔާއަށް އޭނާގެ ދެބުމަ ކައިރިކޮށްލެވުނެވެ.

"ނޫން." އެއްފަހަރު ރިފްއަތަށް އަނެއްފަހަރު ޒިޔާނާއަށް ބަލައިލުމަށްފަހު މިޝްޔާ ބުނެލިއެވެ. ކައި ނިިމިގެން ރިފްއަތު އަތް ދޮވެލަން ކައިރިވެލުމާއެކު ޒިޔާނާވެސް ރިފްއަތު ކައިރިއަށް ޖެހިލާ ޓިޝޫ ދިއްކޮށްލިއެވެ. ޒިޔާނާއަށް ބަލައިލުމަށްފަހު، ރިފްއަތު އޭގައި ހިފަމުން ހިނިތުންވެލިއެވެ. ރިފްއަތު އަތް ފުހެލުމުން ޒިޔާނާ ދަބަސް ރިފްއަތަށް ދިނެވެ. ޒިޔާނާއަށް ބަލައިލުމަށްފަހު، ރިފްއަތު ހިނގައިގަތުމުން އޭނާގެ ފަހަތުން ޒިޔާނާވެސް ހިނގައިގަތެވެ. އޭރު މާކިން ވެސް ނުކުމެގެން މައްޗަށް ދިޔައެވެ. ބޮޑުބޭބެ ވެސް ނުކުމެގެން އޭނާގެ ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ.

ރިފްއަތު މަޑުމަޑުން ޒިޔާނާގެ ނިތުގައި ބޮސް ދިނުމަށްފަހު، އޭނާ ޒިޔާނާ ދެކެ ވަރަށް ލޯބިވާކަމުގައި ބުނެލިއެވެ. ޒިޔާނާ ވެސް އެއަށް ރައްދުދިނެވެ. ނުކުމެ ނުކުމެ ހުރި މިޝްޔާގެ ލޮލުގައި އެ މަންޒަރު ރީތިކޮށް އަޅައިގަތެވެ. އޭނާގެ ތުންފަތް މައްޗަށް ބޭއިޚްތިޔާރުގައި ހިނިތުންވުމެއް ވެރިވިއެވެ. އެ ދެމަފިރިންގެ ދެމެދުގައި އެ އޮންނަ ލޯތްބަކީ އެންމެންނަށްވެސް ނަމޫނާއެކެވެ. ދުވަހަކުވެސް ރިފްއަތާ ޒިޔާނާއާ ޒުވާބުކުރިއަޑެއް މި ވީހާ ދުވަސް ވިއިރުވެސް މާކިންގެ އިތުރުން މިޝްޔާއަށް ވެސް އަޑު އިވިފައި ނުވެއެވެ. ދެމަފިރިން އުޅެނީ އެހާ ލޯބިންނެވެ. އެކަކު އަނެކަކަށް އަޅާލާ އޯގާތެރިވުމުގައި ވެސް އެ ދެމީހުންނަކީ ނަމޫނާ ދެމަފިރިންނެވެ. ޒިޔާނާ އެނބުރިލަން އުޅުމާއެކު މިޝްޔާ އެތެރެއަށް ވަދެލުމަށްފަހު އަލުން ނުކުމެލިއެވެ. ޒިޔާނާ އެތެރެއަށް ވަނުމާއެކު މިޝްޔާ ގޮސް ޖައްސައިލީ ބޮޑުކޮޓަރީ ސޯފާގައެވެ. ފޯނުން ފޭސްބުކަށް ވަދެލުމަށްފަހު، އޭނާ ނިއުސްފީޑް ހާވަން ފެށިއެވެ. މެސެންޖާއިސް އެކުވެރި ކުދިން ކޮށްފައިހުރި މެސެޖްތަކަށް ރިޕްލައިކުރަމުން ދަނިކޮށް އެތަނަށް ބޮޑުބޭބެ އައުމާއެކު މިޝްޔާގެ ހިތަށް ކޮންމެވެސް ކަހަލަ ބިރުވެރިކަމެއް ވަތްނަމަވެސް، އެ ގަޑީގައި ބޮޑުބޭބެއަށް އެއްވެސްކަމެއް ކުރަން ނުކެރޭނެކަމުގައި މިޝްޔާ ހީކުރިއެވެ. އެ ހިތްހަމަޖެހުމުގައި އޭނާ އިންދާ ބޮޑުބޭބެ އޭނާއާ ވާހަކަ ދެއްކުމުން މިޝްޔާއަށް ފޯނުން ނަޒަރު ކޮށްލަމުން ބަލައިލެވުނެވެ. ބޮޑުބޭބެގެ މޫނުމަތީގައިވީ އަސަރުތައް އޭނާއަށް ތަފާތުހެން ފާހަގަ ކުރެވުނީ އަލަށެވެ. އެއްވެސް އެއްޗެއް ބުނަން ނޭނގި މިޝްޔާއަށް އިނދެވުނެވެ.

ބޮޑުބޭބެ އެގެއަށް ބަދަލުވީ ދާދިފަހުންނެވެ. މީގެކުން ބޮޑުބޭބެ އުޅުނީ އެހެން މީހަކާ އިނދެގެން ވަކިންނެވެ. އޭނާގެ މަންމަ ޒިޔާނާއާއި ބޮޑޫބޭބެއާ ދެމެދު ޖެހުނު އާއިލީ މައްސަލައެއްގެ ސަބަބުން އޭގެކުރިން ބޮޑުބޭބެއާ މަންމައާ މެދު ވެސް މާ ބޮޑު ގުޅުމެއް ނޯވެއެވެ. ޒިޔާނާއާއި ބޮޑުބޭބެއާ އޮތް ގުޅުން ރަނގަޅުވީ ބޮޑުބޭބެ ވަރިވުމަށްފަހު އެހީތެރިކަމަށް އެދި ޒިޔާނާ ކައިރިއަށް އައުމުންނެވެ. ޒިޔާނާވެސް ކުރިން ވީކަންތައް ހަނދާން ނައްތައިލުމަށްފަހު އޭނާގެ ބޭބެއަށް އެހީތެރިވާން ނިންމީ އެއީ އޭނާގެ އެއްބަނޑު އެއްބަފާގައި ވެސް ހުރި ހަމައެކަނި މީހާއަށް ވީތީއެވެ.

މިޝްޔާ އެހެން އިންދާ ބޮޑުބޭބެ އައިސް އޭނާގެ އެއްފަރާތުގައި އިށީނދެލިއެވެ. އެކަމުން މިޝްޔާއަށް ސިހުން ލިބިގެން ދިޔައެވެ. ބޮޑުބޭބެ މިޝްޔާގެ އިސްތަށިގަނޑުގައި ފިރުމައިލުމާއެކު މިޝްޔާގެ ލޯލިތައްވެސް ކޮޅަށްޖެހިގެން ދިޔައެވެ. އޭނާ ހަރަކާތެއްކޮށްނުލާ އިންދާ ޒިޔާނާ ނުކުމެގެން އެ ދިމާލަށް އަންނަމުން ދިޔަތަން މިޝްޔާއަށް ފެނުމުން އޭނާ އެ ދިމާލަށް ބަލައިލިއެވެ. ބޮޑުބޭބެގެ ނަޒަރު ވެސް ޒިޔާނާއަށް ހުއްޓުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު