ހަނިމާދޫ އެއާޕޯޓު މަޝްރޫއަކީ ރާއްޖޭގެ އިގުތިސާދަށް އިންގިލާބީ ބަދަލެއް ގެންނާނެ މަޝްރޫއެއް: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހދ. ހަނިމާދޫ އެއާޕޯޓް ތަރައްގީގެ ބޮޑު މަޝްރޫއަކީ ރާއްޖޭގެ އިގުތިސާދަށް، އިންގިލާބީ ބަދަލެއް ގެންނާނެ މަޝްރޫއެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއުގެ އެއްބަސްވުމުގައި މާދަމާ ރޭ ސޮއިކުރަން ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މަޝްރޫއު ހަވާލުކޮށްފައިވަނީ 136.6 މިލިއަން އެމެރިކާ ޑޮލަރަށެވެ.

އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއި ކުރި ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތްކުރާނެއެވެ.

ހަމައެއާއެކު ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް އެ އެއާޕޯޓުގައި ގާއިމުކުރާނެއެވެ.

މާދަމާ ރޭ ސޮއިކުރުމަށް ހަމަޖެހިފައިވާ އެ މަޝްރޫއާބެހޭ ގޮތުން އަމީރު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ތަރައްގީގެ ބޮޑު މަޝްރޫއަކީ ބޮޑު ތިލަދުންމަތީގެ އިތުރުން, މުޅި ރާއްޖޭގެ އިގުތިސާދަށް ވެސް އިންގިލާބީ ބަދަލެއް ގެންނާނެ މަޝްރޫއެއް ކަމަށެވެ.

"މިއީ މާލެއިން ބޭރު ސަރަހައްދެއްގައި ރާއްޖޭގެ މުޅި ތާރީޚުގައި ވެސް ކުރެވޭ އެންމެ ބޮޑު އެއް އިންވެސްޓްމެންޓް،" އަމީރު ވިދާޅުވެފައިވެއެވެ.

އަމީރު ވިދާޅުވީ ދުނިޔޭގެ އިގުތިސާދަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއެކުވެސް, ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙްގެ ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި އެކި ދާއިރާތަކުން ގެންނަމުންދާ ތަރައްގީއަކީ, މީގެ ކުރީގެ އަހަރުތަކަށް ވުރެ ބޮޑު އަދި ވަށާޖެހޭ ތަރައްގީއެއް ކަން މިހާރު ފެންނަން އޮތް ކަމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީ ރައީސް ޞާލިޙުގެ ސަރުކާރުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއެވެ.

އެ މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި އިގުތިސާދީ މައި ހަބެއް ގާއިމުކޮށް، އެ ސަރަހައްދުގައި ވިޔަފާރިއާއި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފެށޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި 2024 ގައި މަޝްރޫއު ނިމި އެއާޕޯޓްގެ ޚިދުމަތް ދޭން ފެށޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް