ބަރަހަނާ ފޮޓޯ މެސެޖުތައް ނުފެންނާނެ ގޮތް ހަދަން ބޭނުން ކުރެވޭނެ ފިލްޓަރެއް އިންސްޓާގްރާމުން ތަރައްގީ ކުރަނީ

އިންސްޓަގްރާމްގެ ޑައިރެކްޓް މެސެޖުތަކަށް 'ނިއުޑިޓީ ފިލްޓާ'އެއް އިތުރުކޮށް، ބަރަހަނާ ފޮޓޯ މެސެޖުތައް ނުފެންނަ ގޮތް ހެދުމުގެ އިޚްތިޔާރު ދިނުމަށް ތައްޔާރުވަމުންދާ ކަމަށް އިންސްޓަގްރާމުން ބުނެފިއެވެ.

އިންސްޓަގްރާމުން ދަނީ ޑައިރެކްޓް މެސެޖުތަކުން ފޮނުވާ ބަރަހަނާ ފޮޓޯތައް ފިލްޓާ ކުރުމަށް އާ ގޮތެއް ޓެސްޓް ކުރަމުންކަން އެޕް ރިސާޗަރު އެލެސަންޑްރޯ ޕަލޫޒީ މިހަފުތާގެ ކުރީކޮޅު ޝާއިއުކުރި ރިޕޯޓްތަކާއި ތަސްވީރުތަކުން ކަށަވަރުކޮށްދެއެވެ.

އެ ތަސްވީރުތަކުން ދައްކާ ގޮތުގައި އިންސްޓަގްރާމުން މަސައްކަތް ކުރަމުންދަނީ ބަރަހަނާކަން ހުރެދާނެ ފޮޓޯތައް ފިލްޓާ ކުރެވޭނެ ޓެކްނޮލޮޖީއެއް އުފެއްދުމަށެވެ.

އެފަދަ ފިލްޓާއެއް ތައާރަފު ކުރި ނަމަވެސް އިންސްޓަގްރާމް ހިންގާ ކުންފުނި ކަމަށްވާ މެޓާއަށް އެ ފޮޓޯތަކަށް ނުވަދެވޭނެކަން އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

މި ޑިވެލޮޕްމަންޓް އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ދަ ވާޖްއިން ކަމަށްވާއިރު، އިންސްޓަގްރާމުން ވަނީ އެ ފީޗާ ތަރައްގީ ކުރަމުންދާކަން ޓެކްކްރަންޗް ނޫހަށް ކަށަވަރުކޮށްދީފައެވެ. އެ ކުންފުނިން ބުނީ އެ ފީޗާ ޑިވެލޮޕް ކުރުމުގެ މަސައްކަތް އަދި އޮތީ ޅަފަތުގައި ކަމަށާއި އަދި އެ ފީޗާ ޓެސްޓް ނުކުރާ ކަމަށެވެ.

"އަޅުގަނޑުމެން މި ތަރައްގީ ކުރަމުން މިދަނީ އިޚްތިޔާރީ ޔޫޒާ ކޮންޓްރޯލް ސެޓެއް، ނޭދެވޭ ޑީއެމް (ޑައިރެކްޓް މެސެޖް) ތަކުން މީހުން ރައްކާތެރިވުމަށް އެހީތެރިވުމަށް،" މެޓާގެ ތަރުޖަމާނު ލިޒް ފަރްނާންޑޭޒް ޓެކްކްރަންޗަށް ވިދާޅުވި އެވެ.

"މި ޓެކްނޮލޮޖީގެ ސަބަބުން މެޓާއަށް އެއްވެސް މީހެއްގެ ޕްރައިވެޓް މެސެޖުތައް ނުފެނޭ، އަދި އަޅުގަނޑުމެންނާއި އެހެން މީހަކާ ވެސް ހިއްސާ ނުކުރެވޭ. އަޅުގަނޑުމެން ތަޖުރިބާކާރުންނާ ގުޅިގެން މަސައްކަތް ކުރަމުން މިދަނީ މި އާ ފީޗާސްތަކުގެ ސަބަބުން މީހުންގެ ޕްރައިވެސީ ރައްކާތެރިކޮށްދިނުމާއެކު އެމީހުންނަށް ލިބޭ މެސެޖުތަކުގެ މައްޗަށް ކޮންޓްރޯލް ލިބިގެންދާނެ ގޮތް ހެދުމަށް،" ފަރްނާންޑޭޒް ވިދާޅުވިއެވެ.

ޕަލޫޒީ ޝާއިއުކުރި ސްކްރީންޝޮޓްތަކުން ދައްކާ ގޮތުގައި އިންސްޓަގްރާމުން އެ ފީޗާއަށް ބޭނުންވާ ހުރިހާ ފޮޓޯއެއް ޕްރޮސެސް ކުރާނީ އެ މީހަކު ބޭނުންކުރާ ޑިވައިސްއެއްގައެވެ. އެހެންކަމުން މެސެޖުން ފޮނުވާ އެއްވެސް ފޮޓޯއެއް އެ ކުންފުނީގެ ސާވާތަކަށް ނުދާނެއެވެ.

އޭގެ އިތުރުން، އެ ފީޗާ ބޭނުން ކުރިޔަސް އިތުބާރު ހުރި މީހެއްގެ ފޮޓޯއެއް ކަމަށް ހީވާނަމަ އެ ފޮޓޯ ބަލާލަން އިޚްތިޔާރު ކުރެވޭނެއެވެ. އަދި އެ ފީޗާ ފުޅާދާއިރާއެއްގައި ބޭނުންކުރެވޭ ގޮތް ހަދާއިރު، ބަރަހަނާ ފޮޓޯތަކާއެކު މެސެޖުތައް ބަލަން ބޭނުންވާ މީހުންނަށް އެ ގޮތް އިޚްތިޔާރު ކުރެވޭނެއެވެ.

މިދިޔަ އަހަރު އިންސްޓަގްރާމުން ވަނީ ޑީއެމް ކޮންޓްރޯލްތައް ތައާރަފުކޮށް، ފުރައްސާރައިގެ ބަސްތައް ހިމެނޭ މެސެޖުތައް ފިލްޓާ ކުރެވޭނެ ގޮތް ހަމަޖައްސާފައެވެ. އަދި މިއަހަރުގެ ކުރީކޮޅު އެ ކުންފުނިން ވަނީ ބައެއް ބާވަތްތަކުގެ ބަރަހަނާ މަންޒަރުތަކާއި ހަމަނުޖެހުން ދައްކުވައިދޭ ޕޯސްޓުތަކަށް، "ސެންސިޓިވް ކޮންޓެންޓް" ފިލްޓަރެއް ތައާރަފްކޮށްފައެވެ.

ސޯޝަލް މީޑިއާ ކުންފުނިތަކަށް މިހާރު ވަނީ އާންމު އިޖުތިމާއީ މިންގަނޑަށް ނުފެތޭ ބަރަހަނާ ފޮޓޯގެ މައްސަލައާ ވަރަށް ބޮޑަށް ކުރިމަތިލާން ޖެހިފައެވެ. ބަމްބަލް ފަދަ ބައެއް އެޕްތަކުން ވަނީ އެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ބަރަހަނާ ފޮޓޯތައް ނުސާފުކޮށް ފެންނަ ގޮތަށް ހަދާނެ އާޓިފިޝަލް އިންޓެލިޖެންސް ތައާރަފުކޮށްފައެވެ.

އެފަދަ މައްސަލަތައް ސޯޝަލް މީޑިއާ ކުންފުނިތަކުން ނުބަލާތީ، ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ވެސް އެފަދަ މައްސަލަތައް ހަރުކަށި ނަޒަރަކުން ބަލަން މަޖުބޫރުވެފައެވެ.

މިސާލަކަށް އިނގިރޭސިވިލާތުން ދަނީ، މެސެޖު ލިބޭ މީހާގެ ރުހުމާ ނުލައި ބަރަހަނާ ފޮޓޯ ފޮނުވުމަކީ ގާނޫނީ ގޮތުން ކުށަކަށް ހަދަން މަސައްކަތް ކުރަމުންނެވެ. އަދި މިދިޔަ މަހު އެމެރިކާގެ ކެލިފޯނިއާއިން ވަނީ ރުހުން ނުދެނީސް ބަރަހަނާ ފޮޓޯތައް ފޮނުވާ މީހުންނާ ދެކޮޅަށް ދައުވާ ކުރެވޭނެ ގަވައިދެއް ފާސްކޮށްފައެވެ. ހަމައެއާއެކު އެގައުމުގެ ޓެކްސަސްއިން 2019 ވަނަ އަހަރު ފާސްކޮށްފައިވާ ގާނޫނެއްގެ ދަށުން އެފަދަ ކުށެއް ކުރާ މީހަކު 500 ޑޮލަރުން ޖޫރިމަނާ ކުރެވޭނެއެވެ.

comment ކޮމެންޓް