ސައުދީ ވަލީއަހުދުގެ "ވިޝަން 2030"އަކީ ނަމޫނާއެއް: ނައިބު ރައީސް

ސައުދީ އަރަބިއްޔާގެ ވަލީއަހުދު ސަލްމާން ބިން އަބްދުލްއަޒީޒް އެކުލަވާލައްވާފައިވާ "ވިޝަން 2030" ތަސައްވުރަކީ ނަމޫނާއެއް ކަމަށް ސިފަކުރައްވާ ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަދައްކަވައިފިއެވެ.

ސައުދީގެ 92ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ "ވިޝަން 2030"އަކީ ދުރުވިސްނޭ ލީޑަރެއްގެ ވިސްނުމާއި، ހީވާގި ރައްޔިތުންގެ މަސައްކަތާއެކު ހާސިލުކުރެވޭނެ ކަމެއް ކަމަށެވެ.

""ވިޝަން 2030 އިއުލާނުކުރުމަށްފަހު ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި، އެ ގައުމުގެ ރައްޔިތުންނަށް އުފާވެރި މުސްތަގުބަލެއް ހޯދައިދިނުމަށާއި ގައުމުގެ އިގުތިސާދު ސިންދަފާތުކުރުމަށް ކަނޑައަޅާފައިވާ އަމާޒުތަކަށް މަސައްކަތްކޮށް ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީތަކެއް އެ ގައުމުން ހާސިލުކޮށްފައިވޭ،" ނައިބު ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވަނީ ސައުދީއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން ބިނާވެފައި ވަނީ، އެއް ގައުމު އަނެއް ގައުމަށް ކުރާ އިހްތިރާމާއި، ދެމުންގެންދާ އެއްބާރުލުމާއި ދެ ގައުމުން ހިއްސާކުރާ އެއްގޮތް އުސޫލުތަކުގެ މައްޗަށް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ސައުދީ ސަރުކާރުން ރާއްޖެއަށް ވެފައިވާ އެހީތެރިކަން ފާހަގަކުރައްވާ، އެކަންކަމަށް ނައިބު ރައީސް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ވިޝަން 2030އަކީ، 2030 ވަނަ އަހަރު އަންނަން ވާއިރަށް، ސައުދީގެ އިގްތިސާދު ތެލަށް ބަރޯސާވެފައިވާ މިންވަރު ކުޑަކޮށް، ފަތުރުވެރިކަމާއި، ޓެކްނޮލޮޖީގެ ދާއިރާއިން އާ ކުރިއެރުންތަކެއް ހޯދުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ތަސައްވުރެކެވެ.

މި ތަަސައްވުރުގެ ދަށުން، އެ ގައުމުގައި މިހާރު މީހުން ދިރިނޫޅޭ ހަނަފަސް ސަރަހައްދުތަކުގައި، ދެމެހެއްޓެނިވި ސިޓީތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ރަތްކަނޑުގެ އައްސޭރީގައި ގިނަ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ރާވާފައިވެއެވެ.

comment ކޮމެންޓް