މައާފު އެދެމޭ ޔާރާ... 22

އެޅުވީ ބިރުވެރި ފިލްމެކެވެ. ފިލްމު ފެށިގެން ގިނައިރުތަކެއްނުވެ، ބިރުވެރި މަންޒަރުތައް ދައްކަން ފެށިއެވެ. ފިޒާ އާއި މަލްދާގެ ހަޅޭކުގެ އަޑު ކަނޑައިގެން ނުދެއެވެ. އަހަންނަށްވެސް ކެތްކޮށްލެވުނީ އިރުކޮޅަކުއެވެ. ބިރުން ގޮސް ފިލްމު ބަލާހިތްވެސް ކެނޑުނެވެ. ފިލްމު ނިމުނުއިރު، އޮވެވުނީ ޔާނިޝްގެ ކޮނޑުގައި މޫނު ޖައްސާލައިގެން ނިދިފައެވެ. ހޭލެވުނީ ޔާނިޝް ދެތިން ފަހަރަކު ގޮވައިލުމުންނެވެ.

އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. އޭރު އެންމެންގެ ނަޒަރު ހުއްޓިފައިވީ، އަހަންނަށެވެ.

********

"ކޮފީ ޓައިމް..." އެންމެންގެ ކުރިން މަލްދާ ބުނެލިއެވެ.

"ޔެސް... ފްރެންޗް ފްރައިސް އާ އެކީ..." މަލްދާގެ ވާހަކައަށް ތާއީދުކުރުމުގެ ގޮތުން ފިޒާ ބުނެލިއެވެ. "އަލަމާރީގަ ހުންނާނެ ހުރިހާ އެއްޗެއް..."

އަހަންނަށް ބަލައިލެވުނީ ފާރުގައި ހަރުކޮށްފައިވާ ގަޑިއަށެވެ. ގަޑިން ދަންވަރު ތިނެއްޖަހާ ބޮޑުވީއެވެ. އަހަރެން ހުރީ ނިދި އައިސްގެން ކޮޅަށް ހުންނަންވެސް ދަތިވެފައެވެ. އެހެން މީހެއްގެ މޫނުމަތިން ވަރުބަލިކަމުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ފިޒާމެންގެ ފަހަތުން ދާން ހިނގައިގަތް ނަމަވެސް ޔާނިޝް އަހަރެންގެ އަތުގައި ހިފައި ހުއްޓުވިއެވެ. ފިޒާއަށް އެ މަންޒަރު ފެނުމުން، ދިމާކުރާ ކަހަލަ ގޮތަކަށް ހީލާފައި، މޫނަށް ވައްތަރެއް ޖައްސައިލިއެވެ.

"ތިއްތަމެން މަޑުކޮށްލާ... އަހަރެމެން ގޮސް ރެޑީކޮށްލާނަން... ނިމުނީމަ ގޮވާލާނަން އިނގޭ..." ކޮޓަރީގެ ދޮރު ލައްޕައިލަމުން ފިޒާ ބުނެލިއެވެ.

އަހަރެންގެ ކެތްތެރިކަން ކޮޅުންލިއެވެ. ވަގުތުން ދެބުމަ ގޮށްޖެހުނެވެ. ޔާނިޝްގެ އަތް ފޮޅުވައިލީމެވެ. ޔާނިޝް ދައްކަނީ އެކި ފަހަރު އެކި ކުލައެވެ. ބައެއް ފަހަރު އޯގާތެރިކަމުން އެހެން ކަމެކޭ ހީވާ ފަހަރު އާދެއެވެ. އަނެއްބައި ފަހަރު ހީވަނީ އަހަންނަށް ޖެއްސުމެއް ކުރަން އުޅޭ ހެންނެވެ. ނޫނީ އަހަރެންގެ ކިބައިން ބަދަލެއް ހިފަން ބޭނުންވާ ހެންނެވެ. އަހަރެން އެންމެ ނުރުހުނީ، އެހެން މީހުންގެ ކުރިމަތީގައި އަހަންނާއި މާ ގާތްވާން މަސައްކަތްކުރާތީއެވެ.

"ކިހިނެއްވީތަ؟..." އަހަރެން ހިތްހަމަނުޖެހިފައި ބުނީމެވެ.

"މިސްވީމަ..." ޔާނިޝް ހުރީ ފާޑަކަށް ހީލައިގެންނެވެ.

އަހަރެންގެ ރުޅިގަނޑު އުތުރިއަރައިގަތެވެ. އެތެރެހަށި ކެކެން ފެށިއެވެ. ނޭނގުމެއްގެ ތެރެއިން ޔާނިޝް އާއި ގާތްވެވުމުން އޭނާ އޭގެ މާނަ އޮޅުވައިލީ ކަން ޔަގީނެވެ.

"އަހަރެން މިރޭ ބުނީމެއްނު، އަހަރެންގެ ސައިޑުން ކުރަންޖެހޭ ހުރިހާ ކަމެއް ވީ އެންމެ ރަނގަޅަށް ކޮށްދެވޭތޯ ބަލާނަމޭ..." ޔާނިޝް ހުރީ ހަމަޖެހިފައެވެ.

ޔާނިޝް އަހަންނާއި ގާތްވެލަން އުޅުނެވެ. އަތް ފޮޅުވައިލާފައި، ހަދާލެވުނު ގޮތްވެސް ނޭނގުނެވެ. ވީގޮތް އެނގުނުއިރު، ޔާނިޝްގެ މޫނުމަތީގައި ޖެހިއްޖެއެވެ. އަހަރެން ވަގުތުން ހިމޭންވިއެވެ. ޔާނިޝްވެސް ހައިރާންވެފައި އަހަރެންގެ މޫނަށް ބަލަން ހުއްޓެވެ. އަހަރެންގެ ފަރާތުން އެފަދަ ކަމަކަށް އުއްމީދު ނުކުރާ ކަހަލަ ނަޒަރަކުންނެވެ. އަހަރެން ދުވަހަކުވެސް މީހެއްގެ ގައިގައި ނުޖަހަމެވެ. އެނގިހުރެ އެފަދަ ކަމެއް ކުރާކަށްވެސް ބޭނުމެއް ނޫނެވެ. އެކަމަކު ޔާނިޝްގެ ސަބަބުން އަހަންނަށް އެ ކުށްވެސް ކުރެވިއްޖެއެވެ. އެހެނަސް، މައާފަށް އެދޭކަށް ހިތް އެއްބަހެއް ނުވިއެވެ.

ދެމީހުންގެ މެދުގައި ހޭދަވީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. ފަސްފަހަތަށް ފިޔަވަޅު ނަގަމުން ދޮރާއި ކައިރިވެލީމެވެ. އަހަރެން އުޅުނީ ކޮޓަރިން ނުކުންނާށެވެ. ތަޅުގައި ހިފައިލި ތަނާ، ފަހަތުން ޔާނިޝް އައި އިރުވެސް ނޭނގުނެވެ. ޔާނިޝް އަހަރެންގެ އަތުގައި ހިފެހެއްޓީ ވަރަށް ބާރަށެވެ. ހަމަ އެހާ އަވަހަށް އަހަރެން އޭނާ އާއި ދިމާއަށް އަނބުރުވައިލިއެވެ.

"ދުވަހަކުވެސް މީހަކު އަހަރެންގެ ގަޔަކު ނުޖަހާ..." ޔާނިޝްގެ ކަޅުކަންގަދަ ދެބުމަ ވަނީ ކައިރިވެފައެވެ. "ކާކު ރުއާއަށް އެ ހައްގު ދިނީ؟..."

"ނު..ނު..ޖަހަން..." އަހަންނަށް ހިންދިރުވައިލެވުނެވެ.

އަހަރެން ހުރީ ހިތް ބިރުގަންނަގޮތް ވެފައެވެ. ޔާނިޝްގެ މޫނުން ފެންނަމުން ދިޔައީ ނުރައްކާތެރި ވިދުވަރެކެވެ. އަމިއްލަ ދިފާއުގައި ވާހަކަ ދެއްކުނީވެސް ވިސްނާނުލައި ހުރެއެވެ. އަހަންނަށް ކުރެވުނު ކަންތަކުގެ ބަދަލު ޔާނިޝް ހިފާނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ.

"މި އަތުންނެއްނު ޖެހީ..." ޔާނިޝް އަހަރެންގެ އަތް އުފުލައިލިއެވެ. "މި ކުޑަ އަތުން ހާދަ ބާރަކަށޭ ޖެހީ... ބަލާބަލަ މޫނު، އަދިވެސް އެބަ ދިލަ ނަގާ..."

"އެއީ... އެއީ، އެންމެން ތިއްބާ އަތުގަ ހިފީމަ... ގަސްދުގަ ނޫން ޖެހީ..." ޖެހިލުންވި ނަމަވެސް އަހަރެން ހިތުގައި އޮތް އެއްޗެއް ހާމަކޮށްލީމެވެ.

ޔާނިޝް އާއި ހަތަރުކަޅި ހަމަކުރަން އުނދަގޫވެގެން އަހަރެން ހުރީ އިސްތިރިކޮށްލައިގެންނެވެ. ކުރެވުނު ކުށުގެ ބޮޑުކަން އިހުސާސްވާ ހާލުގައެވެ.

"ގާޒީ ބުނިތަ ފިރިމީހާ ގައިގަ ޖަހާށޭ؟... ނޫނީ އަނިޔާ ކުރާށޭ؟..." ޔާނިޝްގެ މޫނުން ސަމާސާގެ އެއްވެސް އަސަރެއް ނުފެނުނެވެ.

އަހަރެން މަޑުމަޑުން ބޯ ހޫރައިލީމެވެ. ބައެއް ފަހަރު ޔާނިޝް އަހަރެން ތަޅުވަން އުޅޭހެންވެސް ހީވެއެވެ. އެކަމަކު، އެ މޫނަށް ބަލައިލުމުން، އެކަހަލަ އެއްވެސް އަސަރެއް ނުފެނެއެވެ.

"މިއަދުން ފެށިގެން އަހަރެން އުޅޭނީ ފިރިއެއް ގޮތަށް... ފިރިއަކު ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަން..." ޔާނިޝްގެ އަޑުގައި ހަރުކަށި ގޮތެއް ހުއްޓެވެ. "ވަރިހަމަ އަހަންނަށް ކިތަންމެ ވަރަކަށް އަނިޔާވިޔަސް..."

ޔާނިޝް ކުރިއަށް ޖެހިލައި، އަހަރެންގެ ދެކޮނޑުގައި ހިފެހެއްޓިއެވެ. ދޮރުގައި ޖައްސައި ބާރުކޮށްލުމަށްފަހު، ދެކޯތާފަތުގައި ހިފަހައްޓައިލިއެވެ. އެއަށްފަހު، ތަދު ނުވާވަރަށް ދެކޮލަށް މަޑުމަޑުން ފިތައިލިއެވެ. އަހަރެން އިސްޖަހައިލަން އުޅުމުން، ޔާނިޝް އާއި ސީދާވާނޭހެން މޫނު އުފުލައިލިއެވެ.

"މިއަދުން ފެށިގެން، އަހަރެން ބޭނުންވާ ހުރިހާ ވަގުތަކު ރުއާ ހުންނަންވާނީ އަހަންނަށް ފެންނަ ހިސާބުގަ..." ޔާނިޝް އަމުރު ކުރިއެވެ. "އަހަންނާ އެކީ ކޮލެޖަށްވެސް ދާންވާނެ... ނިދަން އޮންނަން ޖެހޭނީވެސް އަހަރެންގެ ކައިރީ... ފާހާނާއަށް ވަންނަންޖެހޭނީވެސް..."

"ނޫން..." ޔާނިޝްގެ ޖުމްލަ ފުރިހަމަ ކުރުމުގެ ކުރިން، އަހަންނަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ.

"ރުއާ ބޭނުންތަ މިކަން މަންމަމެންނަށް އެނގެން؟..." ޔާނިޝް އޭނާގެ ކޮލުގައި އަތް ޖައްސައިލަމުން ބުނެލިއެވެ.

އަހަރެން ބޯ ހޫރައިލީމެވެ. އެއާއިއެކު، ޔާނިޝް އަހަރެންގެ އުނަގަނޑުގައި އެއް އަތް އަޅުވައި، ދެމީހުންގެ ދެމެދަށް ވައިރޯޅިއަކަށްވެސް ނުވަދެވޭނޭ މިންވަރަށް ކައިރިކޮށްލިއެވެ.

"ގުޑް..." ޔާނިޝްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

ޔާނިޝް އަހަރެންގެ ބުރުގާ ރަނގަޅުކޮށްދޭން ފެށިއެވެ. ބޭރަށް ނުކުމެފައިވާ އިސްތަށިކޮޅުތައް އެތެރެއަށް ލައްވާލަދީފައި، ބުރުގަލުން ނައްޓާފައިވާ ޕިންތައް ރަނގަޅުކޮށްލަދިނެވެ.

"ހުރިހާ ޕިންތައް މިހުރީ، މިކުއްޖާގެ ގަޔަށް ހެރޭގޮތަށް... ބޭރަށް ނުކުންނަންވާއިރަށް ރަނގަޅުކޮށްދޭށޭ އުޅުނީ... ކުއްޖަކު އެހާ ވަރުން ފޮރުވައިގެން އުޅޭ އިސްތަށިގަނޑުގެ ބޮޑުބައި އޮތީ ފެންނަން... ކަމެއް ކޮށްދޭން އުޅުނީމަ، ބަދަލުވެސް ވަރަށް ރަނގަޅަށް ލިބިއްޖެ...." ޔާނިޝް އަނެއްކާވެސް އޭނާގެ ކޮލުގައި އަތް ޖައްސައިލިއެވެ.

"ސޮރީ..." އަހަރެން ވަރަށް ނޫންކަމަށް ހަދާލާފައި ބުނީމެވެ. ހަގީގަތުގައި އެ ބަސް އަހަރެންގެ ދުލާއި ހަމައަށް ގެނެވުނީ ގަދަކަމުންނެވެ.

ޔާނިޝް ކުއްލިއަކަށް އަހަރެންގެ ގައިގައި ބައްދައިލިއެވެ. އެއަށްފަހު ދުރަށްޖެހުނެވެ.

"އޯކޭ މާފުކޮށްފިން..." ޔާނިޝް ބުންޏެވެ.

އަހަރެމެން ބޭރަށް ނުކުތްއިރު، ކޮޓަރި ކައިރީގައި މިރާން ހުރީ ފޯނެއްގައެވެ. އަހަރެމެން ފެނުމުން، ދުރަށް ހިނގައިގަތެވެ. ޔާނިޝްގެ ފަހަތުން ބަދިގެއަށް ވަންނަން އުޅެފައިވެސް އަހަރެންގެ ހިޔާލު ބަދަލުވިއެވެ. ފަތާ ފެންގަނޑާއި ދިމާއަށް ނުކުތްއިރު، އެ ތަނުގައި މިރާން ހުއްޓައި ފެނުނެވެ. މިރާން ހީވީ އަހަންނާއި ވާހަކަ ދައްކާލާނޭ ފުރުސަތެއް ނުލިބިފައި ހުރި ހެންނެވެ. އަހަރެން ފެނުމުން، ދެކޮޅު ބަލައިލާފައި އަވަހަށް ކައިރިއަށް އައި ގޮތުން އެކަން އެނގުނެވެ.

"ބޭނުންތަ ތިކަމުން ސަލާމަތްވާން؟..." މިރާން ސުވާލުކުރިއެވެ.

"އޭނ؟..." މިރާން ދެއްކި ވާހަކައެއް ނޭނގިގެން އަހަންނަށް އަހައިލެވުނެވެ.

"ރުއާ..." މިރާން އަހަރެންގެ އަތުގައި ހިފައިލަން އުޅުނެވެ.

އަހަންނަށް ވަގުތުން އަތް ދުރުކޮށްލެވުނެވެ. އަހަރެން ޔާނިޝްދެކެ ކިތަންމެ ފޫހިވިޔަސް، އަހަންނަކީ ފިރިމީހާއަށް ބޭވަފާތެރިވާނެ މީހެއް ނޫނެވެ. މިރާންއަށް އެކަން ވިސްނުމުން ކަންނޭނގެއެވެ. އޭނާ އުފުލައިލި އަތް ޖީބަށް ކޮށްޕައިލިއެވެ.

"އަހަރެން އަދިވެސް މިހުރީ ރުއާއަށް އެހީވާން ތައްޔާރަށް... އަހަރެން މިހިސާބަށް އަންނަން ޖެހުނީވެސް ރުއާގެ ސަބަބުން... ރުއާއަށް ދެރަގޮތެއް ވާން ބޭނުން ނުވާތީ..." މިރާން އިތުރު ތަފްސީލް ދިނެވެ. "ޔާނިޝް ރުއާއަށް ހިތުހުރި ގޮތެއް ހަދާ ތަން ބަލަން ހުންނާކަށް އަހަރެން ބޭނުމެއް ނޫން..."

"އަހަރެން މީ ޔާނިޝްގެ އަނބިމީހާ... މިރާން ރަނގަޅު ވާނީ އަހަރެންގެ ދިރިއުޅުމުގެ ކަންތަކުގެ ތެރެއަށް ނުވަނިއްޔާ..." އަހަރެން ކުޑަކޮށް ނުރުހިފައި ބުނީމެވެ.

"އެނގޭ ވަގުތު ފާއިތުވެއްޖެކަން..." މިރާން ފުން ނޭވާއެއް ދޫކޮށްލިއެވެ. "އެކަމަކު، އަދިވެސް ރުއާއަށް އަހަރެންގެ އެހީތެރިކަމެއް ބޭނުންވެދާނެތީ..."

އަހަރެން އެއްޗެއް ނުބުނުމުން މިރާން ދޫކޮށްލީ ފުން ނޭވާއެކެވެ.

"ހިދާވެސް ހަމަ ތިހެން... އަހަންނަށް އެއްވެސް ކަމެއް ކޮށް ނުދެވުނު..." މިރާންގެ އަޑު ކުރެހުނެވެ. "އަހަރެން ބޭނުމެއް ނޫން، އެކަން ތަކުރާރުވާކަށް..."

"ހިދާއަކީ ކާކު؟..." އަހަންނަށް ސުވާލު ކުރެވުނެވެ.

"އާނާގެ މަންމަ..." ޖަވާބު ދިނީ މިރާންއެއް ނޫނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު