އަމަންޕޯ ބުރުގާ އެޅުމަށް ދެކޮޅު ހެދުމުން އީރާންގެ ރައީސްގެ އިންޓަވިއޫ ކެންސަލް ކޮށްފި

ސީއެންއެންގެ ނޫސްވެރިޔާ ކްރިސްޓިއާން އަމަންޕޯ-- ފޮޓޯ: ސީއެންއެން

ބުރުގާ އަޅަން މަޖުބޫރުކުރުމުން އީރާނުގެ ރައީސް އިބްރާހިމް ރައީސީއާއެކު އޮތް އިންޓަވިއު ސީއެންއެންގެ ނޫސްވެރިޔާ ކްރިސްޓިއާން އަމަންޕޯ ކެންސަލްކޮށްފިއެވެ.

މިވަގުތު އެމެރިކާގައި ހުންނެވި އީރާނުގެ ރައީސް އިބްރާހިމް ރައީސީއާއެކު އޮތް އިންޓަވިއު ކެންސަލްކޮށްފައިވަނީ އެންމެ ފަހު ވަގުތުގައި ނޫސްވެރިޔާ ކްރިސްޓިއާން ބުރުގާ އަޅައިގެން އިންޓަވިއު ކުރިއަށް ގެންދިއުމަށް އީރާނުގެ ރައީސް އެދުމުންނެވެ.

މިކަމާ ގުޅިގެން ކްރިސްޓިއާން ބުނީ، އިންޓަވިއު ފެށުމުގެ ކުރިން އެތައް ތައްޔާރީތަކެއް ކުރިއަށްގެންދިޔަ ކަމަށާއި، އީރާނުގެ ރައީސްގެ އޮފިޝަލުންނަށް އިންޓަވިއުގައި ސުވާލުކުރެވޭނެ މައިގަނޑު ކަންތައްތަކާބެހޭ ގޮތުންވެސް މަޢުލޫމާތު ދީފައިވާނެ ކަމަށެވެ.

ނަމަވެސް އެންމެ ފަހު މިނެޓުގައި ކްރިސްޓިއާނަށް އީރާނުގެ ރައީސާ އިންޓަވިއުކުރެވޭނީ ބުރުގާ އަޅައިގެންކަމަށް ބުނުމުން ކްރިސްޓިއާން ވަނީ އެކަމަށް ދެކޮޅު ހަދައި އިންކާރުކޮށްފައެވެ. އަދި މީގެ ކުރިންވެސް އީރާނުގެ ރައީސުންނާ އެ ގައުމުން ބޭރުގައި އިންޓަވިއުކޮށްފައިވާ ކަމަށާއި، މިފަދަ އެއްވެސް ކަމަކާ އަދި ދިމާވެފައި ނުވާ ކަމަށް ކްރިސްޓިއާން ބުންޏެވެ.

އިންޓަވިއުއަށް ކްރިސްޓިއާން ބުރުގާ އަޅަން ބުނީ މިވަގުތު އީރާނުގައި ކުރިއަށްގެންދާ މުޒާހަރާތަކާ ގުޅިގެންކަމަށް އީރާނުގެ ރައީސްގެ މަންދޫބަކު ވިދާޅުވިކަމަށް ކްރިސްޓިއާން ބުންޏެވެ.

އީރާނުގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގައި ބޮޑު މުޒާހަރާއެއް ކުރަމުން އަންނައިރު، މުޒާހަރާ ފެށިފައިވަނީ އުމުރުން 22 އަހަރުގެ މަހްސާ އަމީނީގެ މަރާ ގުޅިގެންނެވެ.

މަހްސާ އަމީނީ ބުރުގާ އަޅައިގެން ހުރީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ، އީރާނުގެ ފުލުހުން ވަނީ އޭނާ ހައްޔަރަށް ގެނެސްފައެވެ. އަދި ރިޕޯޓުތައް ބުނާ ގޮތުން ފުލުހުން ވަނީ އޭނާއަށް އެކިވަރުގެ އަނިޔާތައް ދީފައެވެ. ނަމަވެސް ފުލުހުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

މަހްސާ އަމީނީއަށް ލިބުނު އަނިޔާތަކާ ގުޅިގެން އޭނާ ކޯމާއަކަށް ގޮސް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ މަރުވެފައެވެ. ނަމަވެސް ފުލުހުން ބުނެފައިވާ ގޮތުގައި މަހްސާ މަރުވެފައިވަނީ ކުއްލިއަކަށް ހިތް ހުއްޓުމުގެ ސަބަބުންނެވެ.

އީރާނުގައި އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަމުން އަންނައިރު، އިބްރާހިމް ރައީސީ މިވަގުތު ހުންނެވީ އެމެރިކާގައި އޮތް އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ނިއު ޔޯކުގައެވެ.

comment ކޮމެންޓް