ބޮމުގެ އިންޒާރު ދިން ދެމަފިރިން ބަންދުން ދޫކޮށްލައިފި

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޓު ޕާކުކޮށްފައި --- ފޮޓޯ: ގަން އިންޓަނޭޝަނަލް އެއާޕޯޓު

އައްޑޫ ސިޓީ، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް، އަތުގައި ބޮމެއް އޮތް ކަމަށް ބުނެގެން ހައްޔަރު ކުރި ދެމަފިރިން ދޫކޮށްލައިފިއެވެ.

އެ މައްސަލާގައި އިއްޔެ ހަވީރު ހައްޔަރު ކުރީ 58 އަހަރުގެ ދިވެހި އަންހެނަކާއި 61 އަހަރުގެ ދިވެހި ފިރިހެނެކެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި އެއީ ދެމަފިރިންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު މި ނޫހަށް ވިދާޅުވީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ނުގެންގޮސް އެ ދެ މީހުން ރޭ ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް ދޫކޮށްލި ސަބަބެއް ވިދާޅެއް ނުވެއެވެ.

"ބަންދުން ދޫކޮށްލި ނަމަވެސް އަޅުގަނޑުމެން މައްސަލަ މިދަނީ ތަހުގީގު ކުރަމުން،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ އިންޒާރާ ގުޅިގެން ފުލުހުންނާއި ސިފައިން ގުޅިގެން ވަނީ އެ މީހުން ގެންގުޅު ތަކެތި ބަލާފާސްކޮށްފައެވެ. އޭގެން ބޮމެއް ކަމަށް ޝައްކު ކުރެވޭ އެއްވެސް އެއްޗެއް ނުފެނުނެވެ.

މަދުން ނަމަވެސް ރާއްޖޭގައި މިފަދަ އިންޒާރުތައް ދީފައިހުރެއެވެ. މީގެ ކުރިން ވެސް ފްލައިޓްތައް ގޮއްވާލާނެ ކަމުގެ އިންޒާރު ދިން މީހުން ހައްޔަރު ކޮށްފައި އެބަހުއްޓެވެ. މިއީ ޓެރަރިޒަމްގެ މައްސަލައެއްގެ ގޮތުގައި ބަލާ ސީރިއަސް މައްސަލައެކެވެ.

comment ކޮމެންޓް