ޗައިނާއާއި ރާއްޖޭގެ ގުޅުމުގެ ބިންގަލަކީ ޕީޕީއެމާއި، ސީސީޕީގެ ގުޅުން: މުއިއްޒު

ޗައިނާގައި ވެރިކަންކުރާ ސީސީޕީން އިންތިޒާމުކުރި، "ޕްރޮމޯޓިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ޓުގެދާ ފޯ އަ ބްރައިޓް ފިއުޗާ" އިވެންޓުގައި ޕީޕީއެމްގެ ނާއިބު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވާހަކަދައްކަވަނީ --- ފޮޓޯ/ ޕީޕީއެމް

ޗައިނާއާއި ރާއްޖެއާ ދެމެދު ގާއިމުވެފައިވާ ގުޅުމުގެ ބިންގަލަކީ، އިދިކޮޅު ޕީޕީއެމާއި، ޗައިނާގައި ވެރިކަންކުރާ ޗައިނީޒް ކޮމިއުނިސްޓް ޕާޓީގެ ގުޅުން ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސީސީޕީއިން އިންތިޒާމުކުރި ގުޅުން ބަދަހިކުރުމުގެ އިވެންޓެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖެއާއި ޗައިނާގެ ގުޅުން އެންމެ ބޮޑަށް ބަދަހިވި ދުވަސްވަރަކީ ޕީޕީއެމްގެ ވެރިކަމަކަށް ވުމަކީ އިއްތިފާގެއް ނޫންކަމަށެވެ.

"އަޅުގަނޑުމެން އުންމީދުކުރަނީ 2023ވަނަ އަހަރު އަލުން ވެރިކަމަށް އައުމަށް. އަދި، ރައީސް އަބްދުﷲ ޔާމީން ހުންގާނުގައި ހުންނަވައިގެން، އަޅުގަނޑުމެންގެ ދެ ގައުމުގެ ވަރުގަދަ ގުޅުމުގެ އާ ބާބެއް ބައިނަލްއަގުވާމީ އަދި ގައުމީ ފެންވަރުގައި ލިޔުމަށް،" މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ވިދާޅުވީ އަންނަ މަހުގެ 14 ވަނަ ދުވަހަށް ޗައިނާއާއި ރާއްޖޭގެ ގުޅުމަށް 50 އަހަރު ފުރޭއިރު، ދެ ގައުމުގެ ގުޅުމުގެ ދަށުން، ތާރީޚީ އެތައް ކަމެއް ހިނގާފައިވާކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ފުރަތަމަ ފަހަރަށް ރާއްޖެ ވަޑައިގެންފައެވެ. އެއީ ޗައިނާގެ ވެރިކަމުގެ މަތީ މަގާމެއް ފުރުއްވާ ބޭފުޅަކު ރާއްޖެ ވަޑައިގެން ފުރަތަމަ ފަހަރެވެ.

މުއިއްޒު ވިދާޅުވީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓީވްއާއި ގުޅުނު ފުރަތަމަ ގައުމުތަކުގެ ތެރޭގައި ހިމެނުމަކީ ދިވެހިން ފަޚުރުވެރިވާ ކަމެއް ކަމަށެވެ. މީގެ އިތުރުން ޗައިނާއިން ރާއްޖޭގައި ހިންގާފައިވާ ތަރައްގީގެ އެކި މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުއްވާލާ ވާހަކަދެއްކެވިއެވެ.

"ޗައިނާ މޯލްޑިވްސް ޕްރެންޑްޝިޕް ބްރިޖަށް މިއަހަރު ހަތަރު އަހަރުވީއިރު، އެ ބްރިޖުން އެތައް މިލިއަން ބަޔަކު ދަތުރުކުރޭ. މީ ދެ ގައުމުގެ އެކުވެރިކަމުގެ ރަމްޒެއް،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު ޗައިނާއިން ރާއްޖޭގެ ތަރައްގީއަށް ކުރެއްވި މަސައްކަތްތައް ގާތުން ފެނިވަޑައިގެންފައިވާ ކަމަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމާއި، މަގުތައް ތަރައްގީކުރުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އިތުރުން، ލޮލަށް ނުފެނުނަސް, ރާއްޖޭގެ ތަރައްގީއަށް ހަމަ އެހާ މުހިއްމު އެތައް މަޝްރޫއުތަކެއް އޭގެތެރޭގައި ހިމެނޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މިހާރު ވެސް، ޗައިނާގެ އެހީތެރިކަން ނުހުއްޓި ލިބެމުން އަންނަކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ދާދި ފަހުންވެސް ޗައިނާއިން މާލެއަށް ހަދިޔާކުރި މަގު ބައްތިތަކާ ހަވާލުވުމުގެ ފުރުސަތު، މޭޔަރުގެ ހައިސިއްޔަތުން ލިބުނު ކަމަށެވެ.

މުއިއްޒު ވިދާޅުވީ ޗައިނާއާ ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ އިހްތިރާމާއި، ދެ ގައުމުގެ ފައިދާގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ.

comment ކޮމެންޓް