ލައިފް ސައިންސްތަކަށް ޚާއްސަކޮށްފައިވާ ކުއަންޓަމް ކޮމްޕިއުޓަރެއް އުފައްދަނީ

ޑެންމާކުގެ ނޮވޯ ނޯޑިސްކް ފައުންޑޭޝަނުން އާ ބޭސްތައް އުފެއްދުމުން ފެށިގެން ޖީންތަކާއި، ތިމާވެއްޓާއި، އަދި ބަލި ބަލީގެ ގުޅުންތައް ހޯދުމާ ހަމައަށް އެޕްލިކޭޝަންތައް ހިމެނޭ ޕްރެކްޓިކަލް ކުއަންޓަމް ކޮމްޕިއުޓަރެއް ތަރައްގީ ކުރަން ނިންމައިފިއެވެ.

އެ ފައުންޑޭޝަނުން ބުނާ ގޮތުގައި ލައިފް ސައިންސް ރިސާޗާއި ފެހި ޓްރާންސިޝަނަށް ޚާއްސަ ފުރަތަމަ ކުއަންޓަމް ކޮމްޕިއުޓަރު ތަރައްގީ ކުރުމަށް 200 މިލިއަން ޑޮލަރު (176 މިލިއަން ޕައުންޑް) ހޭދަވާނެ ކަމަށް ބެލެވެއެވެ.

ޔުނިވާސިޓީ އޮފް ކޮޕަންހޭގަންއާ ގުޅިގެން ނޮންޕްރޮފިޓް ފައުންޑޭޝަނުން، ފާމަސިއުޓިކަލް ގްރޫޕް ނޮވޯ ނޯޑިސްކްގެ މެޖޯރިޓީ އޯނާ އިން ފަށާފައިވާ މި ޕްރޮގްރާމްގައި ޑެންމާކާއި ކެނެޑާ އާއި ނެދަލެންޑްސް އަދި އެމެރިކާގެ ކުއަންޓަމް ކޮމްޕިއުޓިންގެ ދާއިރާއިން ދުނިޔޭގެ މަޝްހޫރު ދިރާސާވެރިން ހިމެނެއެވެ.

ނޮވޯ ނޯޑިސްކް ފައުންޑޭޝަނުން ލަފާކުރާ ގޮތުގައި، އަންނަ ޖީލުގެ ކުއަންޓަމް ކޮމްޕިއުޓިން ލައިފް ސައިންސްތަކަށް ތައާރަފްކޮށްގެން، އާ ބޭސްތައް އުފެއްދުން އަވަސްކޮށް، މޫސުމަށް އަންނަ ބަދަލުތަކާއި ގްރީން ޓްރާންސިޝަނަލްއާ ބެހޭ އާ ވިސްނުންތަކެއް ލިބިގެންދާނެއެވެ.

އެ ފައުންޑޭޝަނުން ބުނާގޮތުގައި މިކަމަށް ޝައުޤު އުފެދުނީ ކުއަންޓަމް ކޮމްޕިއުޓަރަކީ އާ ދެމެހެއްޓެނިވި ތަކެތި ފަރުމާކުރުމާއި، ހަކަތަ ސަލާމަތްކުރާ އާ ހައްލުތައް ފޯރުކޮށްދިނުމުގައި ނުވަތަ ޑީކާބޮނައިޒޭޝަންގެ އާ ގޮތްތަކަށް އެހީތެރިވުމުގައި އަސާސީ ވަސީލަތަކަށް ވުމެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ އެހެން ބޮޑެތި އިސްނެގުމުގައި މިހާރު ވެސް އެމީހުންގެ ޕްލެޓްފޯމްތައް ހޮވައި، އެ ޕްލެޓްފޯމްތައް އޮޕްޓިމައިޒް ކުރަން މަސައްކަތް ކުރަމުން އެބަދޭ، އެކަމަކު އަޅުގަނޑުމެން ލަފާކުރާ ގޮތުގައި ގިނަ ކަންތައްތަކެއް ޑެޑް އެންޑަކަށް ދާނެ،" ޔުނިވާސިޓީ އޮފްގެ ނީލްސް ބޯ އިންސްޓިޓިއުޓްގައި މި ޕްރޮގްރާމް ލީޑްކުރާނެ ޕީޓާ ކްރޮގްސްޓްރަޕް ވިދާޅުވިއެވެ.

އޮކްސްފޯޑް ޔުނިވާސިޓީގެ ކޮމްޕިއުޓޭޝަނަލް ކެމިސްޓެއް ކަމަށްވާ ޕްރޮފެސަރު ގެރެޓް މޮރިސްގެ ލެބޯޓްރީގައި ކުރެވުނު ސިމިއުލޭޝަންތަކުން ދައްކާ ގޮތުގައި ގިނަ ހާލަތްތަކުގައި ކުއަންޓަމް ކޮމްޕިއުޓަރުތަކުން މޮލިކިއުލާ ސްޓްރަކްޗާތައް ލަފާކުރެވޭނީ އާންމު ކޮމްޕިއުޓަރުތަކަށްވުރެ މާ އަވަހަށް އަދި ޞައްޙަކޮށެވެ.

"މިއީ ވަރަށް ރަނގަޅު އިސްނެގުމެއް، ހާޑްވެއާ އާއި ސޮފްޓްވެއާ ސައިޑްގައި ކޯޑިނޭޓްކޮށްގެން ކުރިއަށް ގެންދާ މަސައްކަތެއް، “ކުއަންޓަމް ކޮމްޕިއުޓިން އިން ސައިންސްގެ އެތައް ދާއިރާއަކަށް އިންގިލާބެއް ގެނެސްދެވިދާނެ," މޮރިސް ވިދާޅުވިއެވެ.

ގިނަ ކޮމްޕިއުޓަރުތަކުން ޑޭޓާ ޕްރޮސެސް ކުރަނީ ބިޓްތަކެއްގެ ގޮތުގައި، ސުމެއް ނުވަތަ އެކެއް ގެ ބައިނަރީ ވެލިއުއަކާއެކުއެވެ. ކުއަންޓަމް ކޮމްޕިއުޓަރުތަކުގައި ޑޭޓާ ޕްރޮސެސިންއަށް ބޭނުންކުރަނީ ކިއުބިޓް ކިޔާ ދެ ސްޓޭޓް ޔުނިޓެކެވެ. މިއީ ސުޕާޕޮޒިޝަންގެ ނަމުން މަޝްހޫރު ޕްރޮސެސްއެއްގެ ތެރެއިން އެއްފަހަރާ އެތައް އަދަދެއް ތަމްސީލުކުރާ ޔުނިޓެކެވެ. ބައިނަރީ ޑިޖިޓްތައް ބްރިޖް ކުރެވޭނެ ގޮތް ހެދުމުން، އަދި މަތީ ފެންވަރުގެ ޔަގީންކަން ނެތް ކަންކަމާ ކުރިމަތިލާން ޖެހުމުން، ގަވާއިދުން ކޮމްޕިއުޓަރުތަކުން ނުކުރެވޭނެ ވަރަށް ކޮމްޕްލެކްސް ހިސާބުތައް މި ޑިވައިސްތަކުން ހެދިދާނެއެވެ.

އެއްފަހަރާ ގިނަ އަދަދެއްގެ ހިސާބުތައް ކުރުމުގެ މި ޤާބިލުކަމަކީ ކެމިކަލް ރިއެކްޝަންތައް މޮޑެލްކުރުމާއި، އާ ތަކެތި ޑިޒައިންކުރުމާއި، ބޮޑެތި ޑޭޓާބޭސްތައް ހޯދުމަށް ޚާއްޞަކޮށް ބޭނުންތެރި ޤާބިލުކަމެކެވެ.

"މިސާލަކަށް ލައިފް ސައިންސްތަކުގައި އިންސާނާގެ ޖީނޯމާއި ބަލިތަކާ ބެހޭ އިންތިހާއަށް ޑޭޓާ ޕްރޮސެސް ކުރުމަށް ކުއަންޓަމް ކޮމްޕިއުޓަރުތަކަށް ދޫކޮށްލުމުން ޕާސަނަލައިޒްޑް މެޑިސިންގެ ތަރައްގީ އަވަސް ކުރެވިދާނެ،" ނޮވޯ ނޯޑިސްކް ފައުންޑޭޝަންގެ ނައިބު ރައީސް ލީން އޮޑާޝޭޑް ވިދާޅުވިއެވެ.

އައިބީއެމް، މައިކްރޮސޮފްޓް އަދި އަލްފާބެޓް ފަދަ ކުއަންޓަމް ކޮމްޕިއުޓިންގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކުން ނުވަތަ އެ ދާއިރާގެ އެތައް ސްޓާޓްއަޕްތަކުން ހުށަހަޅާ ވަކި ޓެކްނޮލޮޖީއަކަށް ކޮމިޓްވާން ފައުންޑޭޝަނުން ބޭނުން ނުވި ނަމަވެސް، ވަކި މަޝްރޫއުތަކެއްގައި އެއްބާރުލުން ދިނުމަށް މި ޕްރޮގްރާމް ހުޅުވާލާނެ ކަމަށް ބެލެވެއެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ކުއަންޓަމް ރިސާޗްގެ ދާއިރާއިން ބައިނަލްއަގްވާމީ ޕަވާހައުސްއެއް އުފެއްދުމަށް، ގިނަ ފުރުސަތުތަކެއް ހުރި ދާއިރާއެއް. އަޅުގަނޑުމެން ބޭނުން ވަނީ ސިއްހަތާއި ދެމެހެއްޓެނިވިކަމާއި އެހެނިހެން ދާއިރާތަކުގެ ތެރޭގައި ހުރި ބޮޑެތި އަދި މިހާރު ހުރި ގޮންޖެހުންތައް ހައްލުކުރެވޭނެ ޓެކްނޮލޮޖީ އުފައްދައި، މެޗުއާކޮށް، ތަރައްގީކުރަން،" ފައުންޑޭޝަންގެ ސީއީއޯ މެޑްސް ކްރޮގްސްގާޑް ތޮމްސަން ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ޔުނިވާސިޓީތަކާއި ސިނާޢަތްތަކުގެ ބޮޑު އިކޯސިސްޓަމެއް ބައިވެރިވާނެ ކަމަށާއި އޭގެ ތެރޭގައި މެސެޗުސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމެރިކާ)، ޑެލްފްޓް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ (ނެދަލެންޑްސް)، ޓެކްނިކަލް ޔުނިވާސިޓީ އޮފް ޑެންމާކް، އާހަސް ޔުނިވާސިޓީ (ޑެންމާކް)، އަދި ޔުނިވާސިޓީ އޮފް ޓޮރޮންޓޯ (ކެނެޑާ) ހިމެނެއެވެ.

ފުރަތަމަ ހަތް އަހަރު ދުވަހު މި މަޝްރޫއުގައި ކިއުބިޓް ހެދުމަށް ބޭނުންވާ މެޓީރިއަލްސް އާއި ހާޑްވެއާ ތަރައްގީ ކުރުމަށް ފޯކަސް ކުރާނެ ކަމަށް ބެލެވޭއިރު، ޕެރެލަލްކޮށް އެކި ކުއަންޓަމް ޕްލެޓްފޯމްތައް ހޯދައި އެންމެ އެކަށީގެންވާ ކުއަންޓަމް ޕްލެޓްފޯމް ކަނޑައެޅޭނެ ކަމަށް ބުނެވެއެވެ. އެންމެ ފަހުން ލައިފް ސައިންސްތަކުގެ ދިރާސާތަކުގައި ފުޅާދާއިރާއެއްގައި ބޭނުންކުރެވޭނެ ޓެކްނޮލޮޖީ ސްކޭލް އަޕް ކުރުމަށް ފައުންޑޭޝަނުން ބަލާނެއެވެ.

އިނގިރޭސިވިލާތުން ވަނީ ދުނިޔޭގެ ފުރަތަމަ ކުއަންޓަމް ރެޑީ އިގްތިސާދު ކުރިއެރުވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. މީގެ ތެރެއިން 2020 ވަނަ އަހަރު އިނގިރޭސިވިލާތުން ވަނީ އެގައުމުގެ ފުރަތަމަ ކުއަންޓަމް ކޮމްޕިއުޓަރު ހެދުމަށް 10 މިލިއަން ޕައުންޑްގެ ފައިސާ ދޭނެ ކަމަށް ވައުދުވެފައެވެ. މި ހޫނު މޫސުމުގެ ކުރީކޮޅު ޑިފެންސް މިނިސްޓްރީން ވަނީ އިނގިރޭސިވިލާތުގެ ދިފާއީ ބާރު ވަރުގަދަ ކުރުމަށް އެ ޓެކްނޮލޮޖީ ބޭނުން ކުރެވޭނެ ގޮތްތައް ހޯދުމަށް ސަރުކާރުގެ ފުރަތަމަ ކުއަންޓަމް ކޮމްޕިއުޓަރު ގަނެފައެވެ.

ނަމަވެސް ޔުނިވާސިޓީ އޮފް ސަސެކްސްގެ ސަސެކްސް ސެންޓާ ފޯ ކުއަންޓަމް ޓެކްނޮލޮޖީސްގެ ވެރިޔާ ޕްރޮފެސަރު ވިންފްރީޑް ހެންސިންގާ ބީބީސީއަށް ވިދާޅުވީ ކުއަންޓަމް ކޮމްޕިއުޓަރުގެ ހަގީގީ ގާބިލްކަން ފުރިހަމައަށް ޙަޤީޤަތަކަށް ހެދުމަށް ވަގުތު ނަގާނެ ކަމަށެވެ.

comment ކޮމެންޓް