ބާސެލޯނާގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް ޓީމް ދޫކޮށްލަނީ

ސާޖިއޯ ބުސްކެޓްސް އަންނަ އަހަރު ބާސެލޯނާ ދޫކޮށްލާނެ-- ފޮޓޯ/ގެޓީ އިމޭޖް

ބާސެލޯނާގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް އަންނަ ސީޒަނުގައި އެ ކުލަބް ދޫކޮށްލަން ނިންމައިފިއެވެ.

މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި އަންނަ ހޫނު މޫސުމުގައި ސާޖިއޯ ބުސްކެޓްސް ބާސެލޯނާ ދޫކޮށް މޭޖާ ލީގަށް ބަދަލުވުމަށް އޭނާ މިހާރު ވަނީ ނިންމާފައެވެ. މި ފަހަރުގެ ސީޒަން ނިމުމުން އުމުރުން 34 އަހަރުގެ ބުސްކެޓްސްގެ ކޮންޓްރެކްޓް އާ ކުރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް ބާސެލޯނާއިން ވަނީ ބުނެފައެވެ.

ބާސެލޯނާގެ ކޯޗް ޒަވީ މިހާރު ވަނީ ބުސްކެޓްސް ނެތްތަން ފޫބައްދަން ކުޅުންތެރިއަކު ހޯދާފައެވެ. ބެލެވޭގޮތުގައި އެ ކުޅުންތެރިއަކީ ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޮން އެވެ.

އަންނަ އަހަރުގެ ޖޫން މަހު ބާސެލޯނާ އާއިއެކު ބުސްކެޓްސް ހަދާފައިވާ އެގްރީމެންޓްގެ މުއްދަތު ހަމަވާއިރު، އޭނާ ގުޅޭނޭކަމަށް ޔަގީންވެފައިވަނީ ޑޭވިޑް ބެކަމްގެ އިންޓަ މަޔާމީ ކުލަބެވެ. މި ކުލަބުގައި ކުރިން ޔޫރަޕްގައި ވިދާލި މޮޅެތި ބައެއް ކުޅުންތެރިން މިހާރު ވެސް ކުޅެމުންދެއެވެ. އޭގެ ތެރޭގައި ޗެލްސީއަށް ކުޅުނު ހުއާން މަޓާ، ރެއާލް މެޑްރިޑަށް ކުޅުނު ގޮންޒެލޯ ހިގުއެން އަދި އާސެނަލްގެ ކިއެރެން ގިބްސް ފާހަގަކޮށްލެވެއެވެ.

ސާޖިއޯ ބުސްކެޓްސް ބާސެލޯނާގެ ސީނިއާ ޓީމާ ގުޅިފައިވަނީ 2008 ވަނަ އަހަރެވެ. ބާސެލޯނާގައި މިހާތަނަށް ހޭދަކުރި މުއްދަތުގައި 455 މެޗު ކުޅެ 11 ލަނޑު ވަނީ ޖަހާފައެވެ. ބާސެލޯނާގައި ހޭދަކުރި މުއްދަތުގައި ސާޖިއޯ ބުސްކެޓްސް ވަނީ ސްޕެނިޝްލީގް އަށް ފަހަރު، ސްޕެނިޝް ކަޕް ހަތް ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގް ތިން ފަހަރަށް ހޯދާފައެވެ.

comment ކޮމެންޓް