ބޮމެއް އޮތް ކަމަށް ބުނި ދެ މީހަކު އައްޑޫން ހައްޔަރުކޮށްފި

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޓު ޕާކުކޮށްފައި --- ފޮޓޯ: ގަން އިންޓަނޭޝަނަލް އެއާޕޯޓު

އައްޑޫ ސިޓީ، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ދެ މީހަކު އަތުގައި ބޮމެއް އޮތް ކަމަށް ބުނުމުން މިއަދު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ މިއަދު ހަވީރު 5:25 ގައި އެ އިންޒާރު ދިނުމާ ގުޅިގެން 58 އަހަރުގެ ދިވެހި އަންހެނަކާއި 61 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ އިންޒާރާ ގުޅިގެން ފުލުހުން އެކަން އެމްއެންޑީއެފްއަށް ހުށަހެޅި ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"އެމްއެންޑީއެފްއިން އެ މީހުން ގެންގުޅުނު ތަކެތި ބަލާފާސް ކުރިއިރު އެފަދަ އެއްޗެއް ފެނިފައެއް ނުވޭ،" އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މަދުން ނަމަވެސް ރާއްޖޭގައި މިފަދަ އިންޒާރުތައް ދީފައިހުރެއެވެ. މީގެ ކުރިން ވެސް ފްލައިޓްތައް ގޮއްވާލާނެ ކަމުގެ އިންޒާރު ދިން މީހުން ހައްޔަރު ކޮށްފައި އެބަހުއްޓެވެ. މިއީ ޓެރަރިޒަމްގެ މައްސަލައެއްގެ ގޮތުގައި ބަލާ ސީރިއަސް މައްސަލައެކެވެ.

comment ކޮމެންޓް